ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަޔަރ އެޑިއުކޭޝަން ވޮލީބޯލް ޗެމްޕިއަންޝިޕުގެ ފިރިހެން ޑިވިޝަން ސެމީ ފައިނަލުގައި އެވިޑް ކޮލެޖް ބަލިކޮށް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) އިން ފައިނަލަށް ދަތުރުކޮށްފިއެވެ.
މި މުބާރާތުގެ ސެމީ ފައިނަލް މެޗު އައި.ޔޫ.އެމް ކާމިޔާބުކުރީ 3 ސެޓު 2 ސެޓުންނެވެ. އަންގާރަދުވަހު ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ 2 ސެޓު 25 – 17 އަދި 25 – 20 ގެ ނަތީޖާތަކަކުން އައި.ޔޫ.އެމް އިން ގެންގޮސްފައިވަނިކޮށް ފަހަތުން އަރާ އެވިޑުން ވަނީ 3 ވަނަ ސެޓާއި 4 ވަނަ ސެޓު 25 – 23 އަދި 25 – 20ގެ ނަތީޖާތަކަކުން ގެންގޮސް މެޗު އެއްވަރުކޮށްފައެވެ. ނަތީޖާ ނެރުމަށް ކުޅުނު 5 ވަނަ ސެޓު އައި.ޔޫ.އެމް އިން ކާމިޔާބު ކުރީ 18 – 16 ންނެވެ.


މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އައި.ޔޫ.އެމްގެ ޖާރޒީ ނަންބަރު 7 ޝައިން ޢަބްދުﷲ އެވެ.
ސެމީ ފައިނަލް މެޗު އައި.ޔޫ.އެމް އިން ކާމިޔާބުކުރިއިރު ގްރޫޕް ސްޓޭޖުގައި މި 2 ޓީމު ވާދަކުރި މެޗު ކާމިޔާބުކޮށްފައިވަނީ އެވިޑް ކޮލެޖުންނެވެ. މުބާރާތުގެ ފައިނަލުގައި އައި.ޔޫ.އެމް އިން ބައްދަލުކުރާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއެވެ. މި މެޗު އޮންނާނީ ބުދަދުވަހުގެރޭ 08.00ގައެވެ.
އެމް.އެން.ޔޫ އިން ވަނީ މީގެ ކުރިން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީ.އޭ.އެމް) އިން ކުރިއަށް ގެންދިޔަ އިންޓަރ ކޮލެޖު/ ޔުނިވަރސިޓީ ވޮލީބޯލް މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެ މުބާރާތް މިލްކުކޮށްފައެވެ. އަދި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީވެސް އެމް.އެން.ޔޫ އެވެ. އެގޮތުން އެމް.އެން.ޔޫ އިން ވަނީ ޖުމްލަ ފަސް ފަހަރު އިންޓަރ ކޮލެޖު/ ޔުނިވަރސިޓީ ވޮލީބޯލް މުބާރާތް ކާމިޔާބުކޮށްފައެވެ.