ހަޔަރ އެޑިއުކޭޝަން ދަރިވަރުންނަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު މުބާރާތްކަމަށްވާ ”ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސެލް ފިއެސްޓާ 2022“ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އިބްރާހީމް ހަސަން ފައްޓަވައިދެއްވައިފިއެވެ.
މިއަހަރުގެ މުބާރާތް ބޭއްވިގެން މިދަނީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ތިން އަހަރު ދުވަހަށް މުބާރާތް މެދު ކަނޑާލުމަށްފަހުގައެވެ.
ހުކުރު ދުވަހުގެރޭ ކުރިއަށްދިޔަ މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ފައްޓަވައިދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ، އިބްރާހީމް ހަސަންއެވެ. މީގެ އިތުރުން މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފާއި، އެމް.އެން.ޔޫގެ އިސްވެރިންގެ އިތުރުން މުބާރާތުގެ ސްޕޮންސަރުންނާއި، ކޮލެޖުތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ، އިބްރާހީމް ހަސަން ވިދާޅުވީ، މިފަދަ މުބާރާތްތަކަކީ ސްކޫލުތަކާއި، ކޮލެޖު/ޔުނިވަރސިޓީތަކުގެ މެދުގައި ބާއްވަން މުޙިންމު މުބާރާތްތަކެއް ކަމަށެވެ. އަދި މިފަދަ މުބާރާތްތަކުގެ ސަބަބުން ދަރިވަރުންނަށް މުޙިންމު ފިލާވަޅުތަކެއް ދަސްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މި މުބާރާތުގެ ސަބަބުން ދަސްވެގެންދާނެ އެއް ފިލާވަޅަކީ، ”ބަލި“ ގަބޫލުކުރަން ދަސްވުން ކަމަށެވެ. އެގޮތުން ކުޅިވަރުގެ ސަބަބުން ބަލި ގަބޫލުކުރަން ދަސްވުމާއި، މަޝްވަރާގެ ރިވެތި އުސޫލުދަންވެގެންދާ ކަމަށް މިނިސްޓަރ އިބްރާހީމް ހަސަން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް ހުސައިން ޒައިދު ވިދާޅުވީ، މިފަހަރުގެ މުބާރާތުގައި 500އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މިފަދަ މުބާރާތެއް ކާމިޔާބުކަމާއެކު ބޭއްވެނީ އެމް.އެން.ޔޫ.އެސް.ޔޫ ލީޑާސް ގްރޫޕްގެ ދަރިވަރުންގެ ބުރަ މަސައްކަތުން ކަމަށެވެ.
މުބާރާތުގައި ޖުމުލަ 28 ޓީމަކުން ވާދަކުރެއެވެ. އެއީ ފިރިހެން ޑިވިޝަންގައި 17 ޓީމާއި، އަންހެން ޑިވިޝަންގައި 11 ޓީމެވެ.
ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ޓައިޓްލް ސްޕޮންސަރަކީ އެމް.ޔޫ ސްޓޯރުން އެތެރެކުރާ ”ލެކްނޯ“ ބްރޭންޑެވެ. މުބާރާތުގެ ކޯ-ސްޕޮންސަރަކީ ޤައުމީ ޔުނިވަރސިޓީގެ ކުންފުނި ޔުނިވިޔަ ހޯލްޑިންގްސް އެވެ. ސަޕޯޓިންގ ޕާޓްނަރުންނަކީ މޯލްޑިވްސް ޓްރޭޑިންގ އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)، މެންހަޓަން ބިޒްނަސް ހޮޓެލް، އޮންލައިން ނިއުސް ޢަދަދު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އެވެ. ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު ކަމަށްވާއިރު، ކިޓް ޕާޓްނަރަކީ ޕްރިންޓް ކޯއެވެ. ޕްރިންޓިންގ ޕާޓްނަރަކީ އެމް ސެވަން އެވެ. އަދި އެސޯސިއޭޓިވް ޕާޓްނަރަކީ އަދަދު އޮންލައިންއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ ދިވެހިރާއްޖޭގެ މަތީ ސާނަވީ ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ޙަރަކާތެވެ. މި މުބާރާތް ރާވާ އިންތިޒާމު ކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިންނެވެ. މި އަހަރު މި ބާއްވަނީ މީގެ 8 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތް މި ބޭއްވެނީ ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެވިޑް ކޮލެޖެވެ. އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެމް.އައި ކޮލެޖެވެ. މި މުބާރާތް އެންމެ ފުރަތަމަ ބޭއްވުނީ 2013 ވަނަ އަހަރެވެ. އެއަށްފަހު 2019 ވަނަ އަހަރާ ހަމައަށް މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު މި މުބާރާތް ކުރިއަށް ގެންދެވިފައިވެއެވެ. މުބާރާތުގައި އަންހެން ޑިވިޝަން ތަޢާރަފު ކުރެވުނީ 2018 ވަނަ އަހަރެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތަށި 3 ފަހަރު ޙާޞިލުކޮށްފައިވާ އެމް.އެން.ޔޫ ބިޒްނަސް ސްކޫލެވެ.