އެފް.އެޗް.ޓީ.އެސް ކޮންމެ މުބާރާތެއްގައި ދައްކާ މޮޅު ކުޅުމުގެ ފަހަތުގައިވަނީ އެފް.އެޗް.ޓީ.އެސްގެ ސަޕޯޓަރުންނެވެ. ކޮންމެ މެޗަކަށް ހާޒިރުވެ އެދެއްވާ ހޫނު ތަރުހީބަކީ ކުޅުންތެރިންގެ ލޭ ކައްކުވާލާ ޖޯޝާފޯރި ގެނުވާ އެއްޗެކެވެ. ކޮންމެ އަހަރަކު ބާއްވާ ވޮލީމުބާރާތާއި ފުޓްސަލް މުބާރާތުގައި ސަޕޯޓަރުންގެ ފަރާތުން ފެނިގެން ދަނީ ލާމަސީލު މިސާލުތަކެކެވެ. އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީ މުބާރާތް އެފް.އެޗް.ޓީ.އެސްއިން ކާމިޔާބުކުރިއިރުވެސް، އެންމެ ބޮޑު އެއްދަޢުރު އަދާކޮށްފައިވަނީ ސަޕޯޓަރުންނެވެ.
އެމް.ޑަބްލިއު.އެސް.ސީ.އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2019 ގައިވެސް އެފް.އެޗް.ޓީ.އެސްގެ ސަޕޯޓަރުންގެ ފަރާތުން ފެނުނީ ހުއްޓުމެއްނެތް ސަޕޯޓެކެވެ. ދަނޑުގައި ގުގުމާލައިފައިވަނީ ސަޕޯޓަރުންގެ ހަޅޭކާއި ހިތްވަރުދިނުމުގެ ބަސްތަކެވެ. އެހެން ހުރިހާ ޓީމަކަށްވުރެ އެފް.އެޗް.ޓީ.އެސް ޓީމްގެ ބައި ގިނައެވެ. ސަޕޯޓުކުރުމަށް އެފް.އެޗް.ޓީ.އެސްގެ ގިނަ އަދަދެއްގެ ދަރިވަރުން އަދި ލެކްޗަރަރުން ދަނޑަށް ހާޒިރުވެއެވެ. އަދި ފުރަތަމަ ދެމެޗުގައި އެފް.އެޗް.ޓީ.އެސްގެ ޑީންވެސް ޓީމަށް ސަޕޯޓުކުރުމަށް ވަނީ ވަޑައިގެންފައެވެ.


ސަޕޯޓުކުރުމުގެ ތެރެއިން ބޮޑުބެރުޖެހުމާއި ލަވަކިޔުން ވަނީ ކުރިޔަށްގޮސްފައެވެ. އަދި މި މުބާރާތުގައި ”ފޭސް ޕެއިންޓް“ ބޭނުންކުރި ހަމަ އެކަނި ބަޔަކީވެސް އެފް.އެޗް.ޓީ.އެސް ގެ ސަޕޯޓަރުންނެވެ. އަދި ”ޕޮންޕޮން“ ބޭނުންކޮށްގެން ނަށާ ނެށުންތަކަކީވެސް ފާހަގަކޮށްލެވޭ ފަރި ހަރަކާތްތަކެކެވެ.
މެޗްގެ ބޭރުން ފެކަލްޓީއިން ހިންގާ އިތުރު ހަރަކާތްތަކުގައިވެސް އެފް.އެޗް.ޓީ.އެސް ދަރިވަރުންނަކީ ގުޅިގެން އުޅޭ އެއްބައެއްވަންތަ، ކުރިއެރުމަށް މަސައްކަތްކުރާ ދަރިވަރުންތަކެކެވެ. ކުރިއަށް އޮތް މުބާރާތްތަކުގައިވެސް ދަރިވަރުންގެ ފަރާތުން ފެންނަން ބޭނުންވަނީ މިއެކުވެރިކަމާއި ހިތްވަރެވެ. މުބާރާތްތަކުގައި މިދަރިވަރުން ދެއްވާ ސަޕޯޓަށް އައްސަރިބަހާއި ސާބަހެވެ.
ލިޔުނީ: މަރިޔަމް ލައުޒާ،
އެފް.އެޗް.ޓީ.އެސްގެ ދަރިވަރު






