އެމްޑަބްލިއުއެސްސީ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގައި ފެކަލްޓީ އޮފް އެޑިއުކޭޝަނާއި ސައިރިކްސް ކޮލެޖު ބައްދަލު ކުރާ މެޗަކީ ވަރުގަދަ ކުރިމަތިލުމެއް ކަމަށާއި އެފްއީ ޓީމުން ދުލެއް ނުދޭނެ ކަމަށް އެ ޓީމުގެ ކޯޗު، ސާއިން އަސްލަމް ވިދާޅުވެއްޖެއެވެ.
ޓީމުގެ އެންމެ ފަހުގެ ތައްޔާރީތަކަށް އަލިއަޅުވާލަމުން ސާއިން ވިދާޅުވީ އެފްއީ ޓީމަށް ބަލި ނުކުރެވޭނެ ޓީމެއް ފުޓްސަލް ފިއެސްޓާގައި މިފަހަރު ވާދަ ނުކުރާ ކަމަށެވެ. އަދި ކުޅުންތެރިންގެ ހިތްވަރާއި މަސައްކަތުން ސެމީގެ މެޗުވެސް ކާމިޔާބު ކުރެވޭނެ ކަމަށް ސާއިން ވިދާޅުވިއެވެ.
”މިޓީމަކީ ފައިޓް ކުރެވޭނެ ވަރުގެ ޓީމެއް، މިޓޯނަމެންޓްގައި އަހަރެމްންނަށް ޗެލެންޖް ނުކުރެވޭނެ އެއްވެސް ޓީމެއް ނެތް،“ ސާއިން ވިދާޅުވިއެވެ.
ކޯޗު އިތުރަށް ވިދާޅުވީ އެންމެން އެއް އަޒުމެއްގައި ނިކުންނާނީ ތަށި ނަގަން ކަމަށާއި އެ ހިތްވަރު ޓީމުގައި އެބަހުރި ކަމަށެވެ.
އެމްޑަބްލިއުއެސްސީ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ އަންހެން ޑިވިޝަނުގައި 26 ސެޕްޓެމްބަރުގެ ރޭގަނޑު 22:00ގައި ފެކަލްޓީ އޮފް އެޑިއުކޭޝަން ނިކުންނާނީ ސައިރިކްސް ކޮލެޖާއި ދެކޮޅަށެވެ. އަންހެން ޑިވިޝަންގައި މިހާރު ބާކީ އޮތް އެމްއެންޔޫގެ ހަމައެކަނި ޓީމަކީވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނެވެ.
ލިޔުނީ:
އިބްރާޙިމް އުމަރު
މީޑިއާ ކޯރޑިނޭޓަރ، ފެސާ






