ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފިތަކުގެ ތެރެއިން 2017 ވަނަ އަހަރުގެ އެންމެ ޙަރަކާތްތެރި ގޮތްޕަކަށް ފެކަލްޓީ އޮފް ހެލްތް ސައިންސްގައި ޤާއިމު ކުރެވިފައިވާ ގޮފި – ”ހީލާރސް“ ހޮވިއްޖެއެވެ. މި އެވޯޑަކީ އަހަރަކު އެއްފަހަރު އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމިޓީގެ ފަރާތުން އެ އަހަރުތެރޭގައި ޖަމިއްޔާގެ އެންމެ ހަރަކާތްތެރި ގޮތްޕަށްދޭ އެވޯޑެކެވެ. މިއަހަރުގެ އެވޯޑުވެސް ދެވިފައިވަނީ ކުރީއަހަރެކޭ އެއްފަދައިން އެމް.އެން.ޔޫ.އެސް.ޔޫގެ އާ ހިންގާކޮމިޓީ އިފްތިތާޙު ކުރުމުގެ ޖަލްސާގައެވެ. އެވޯޑު ޙަވާލުކޮށްދެއްވާފައިވަނީ 2017 ވަނަ އަހަރުގެ އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަލްފާޟިލް ޢަލީ ރަޝީދެވެ. އަދި ”ހީލާރސް“ގެ ފަރާތުން އެވޯޑާއި ޙަވާލުވީ ”ހީލާރސް“ގެ ރައީސް އަލްފާޟިލް ޝަފީޢު އާދަމެވެ.
މި އެވޯޑުދިނުމުގައި ގޮފީގެ ފަރާތުން ހިންގާފައިވާ ޙަރަކާތްތަކާއި، ގޮފީގެ ފަރާތުން ސޯޝަލް މީޑިއާގައި ޙަރަކާތްތެރިވެފައިވާ މިންވަރުބެލުމުގެ އިތުރުން، ޙަރަކާތްތަކުގެ ޚަބަރު ވެބްސައިޓުގައި ޕޯސްޓްކޮށްފައިވޭތޯ ބަލައެވެ. މިއީ ”ހީލާރސް“އިން މި އެވޯޑު ޙާޞިލުކުރި 2 ވަނަ ފަހަރުކަމަށްވާއިރު، މި އެވޯޑު މިހާތަނަށްދެވިފައިވަނީވެސް ޖުމްލަ 2 ފަހަރެވެ. އެގޮތުން އެންމެ ފުރަތަމަ މި އެވޯޑުދީފައިވަނީ 2016ވަނަ އަހަރުގައެވެ.