އެމް.އެން.ޔޫ ސްކޫލް އޮފް ނާރސިންގައި ދިވެހިރާޢްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން ޤާއިމްކުރެވިފައިވާ ގޮފިކަމަށްވާ ”ނިއަރެސް“ އާއި އެކު ބޭއްވުނު ބައްދަލުވުމާއެކު ގޮފިތަކުގެ ބައްދަލުވުންތަކުގެ ސިލްސިލާގެ ޢަދަދު 7 އަށް އަރައިފިއެވެ.
އެމް.އެން.ޔޫ.އެސް.ޔޫގެ އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި ނިއަރެސްގެ ނައިބު ރައީސް (ޢަމަލީ) ފިޔަވައި ހިންގާ ކޮމިޓީގައި ދެންތިބި ހުރިހާ މެންބަރުން ބައިވެރިވިއެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމިޓީގެ އެސިސްޓެންޓް ސެކްރެޓަރީ ފިޔަވައި ބާކީތިބި ހުރިހާ މެންބަރުން މި ބައްދަލުވުމުގައި ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ. ގާތްގަނޑަކަށް 45 މިނިޓަށް ކުރިއަށްދިޔަ މި ބައްދަލުވުން ފެށުނީ 08 އޭޕްރީލް 2018ވީ އާދީއްތަދުވަހުގެރޭ 08:00ގައެވެ. މި ބައްދަލުވުމުގެ ތަޢާރަފުދެއްވާފައިވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަރުޝަދު އަޝްރަފެވެ. މިގޮތުން މި ބައްދަލުވުންތަކުގެ ބޭނުމާއި މި ބައްދަލުވުންތަކުން ޙާޞިލްކުރަންބޭނުންވާ ކަންކަމަކީ ކޮބައިކަން ރައީސް އަރުޝަދުވަނީ ކިޔައިދެއްވާފައެވެ. މި ބައްދަލުވުމުގައި ނިއަރެސްއިން މިއަހަރުގެ މިހާތަނަށް ހިންގާފައިވާ ޙަރަކާތްތަކާއިބެހޭގޮތުންނާއި، މިއަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި ބޭއްވުމަށް ނިންމާފައިވާ ޙަރަކާތްތަކާއިބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. މިގޮތުން އެމް.އެން.ޔޫ.އެސް.ޔޫގެ ނައިބު ރައީސް (ގޮފިތައް) ޢަލީ ޝަމްޢޫން ވަނީ ނިއަރެސްގެ ފަރާތުން އެހެން ގޮތްޕަކާއި ގުޅިގެން ޙަރަކާތެއް ބޭއްވުމަށް އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ނިއަރެސްގެ ފަރާތުންވެސް ވަނީ މި ބައްދަލުވުމުގައި ގިނަ ވާހަކަތަކެއް ޙިއްޞާކޮށް މަޝްވަރާކުރެވިފައެވެ. އެގޮތުން އެ ގޮފީގެ ޙަރަކާތްތައް ބޭއްވުމަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކާއިބެހޭ މަޢުލޫމާތު ނިއަރެސް އިން ވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމިޓީ އާއި ޙިއްޞާކޮށްފައެވެ.
މި ބައްދަލުވުންތަކަކީ ޔޫނިއަންގެ މިހާރު އޮތް 13 ގޮތްޕާއެކު ވަކިވަކިން ބައްދަލުވުންތަކެއް ބޭއްވުމަށް ޔޫނިއަންގެ ހިންގާ ކޮމިޓީން ނިންމައިގެން ބާއްވާ ބައްދަލުވުންތަކެކެވެ. މީގެ ކުރިން ސިއާ، ފެސާ، ހީލާރސް، ޝެޓްސް، ތަރަޙަ އަދި އެސްޓާ އާއި އެކު ބައްދަލުވުންތައްވަނީ ކުރިއަށްގެންގޮސްފައެވެ.