ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ ސްކޫލް އޮފް ނާރސިންގ (އެސް.އެން)ގެ އާ ބެޗަށް ނެގި ދަރިވަރުންގެ ތެރެއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ލީޑަރުންގެ ގްރޫޕަށް ވަނުމަށް ޝަޢުޤުވެރިވި ދަރިވަރުންނާ، އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ބައްދަލުކޮށްފިއެވެ. 30 އޭޕްރީލް 2018ވީ ހޯމަދުވަހުގެރޭ އެމް.އެން.ޔޫ ސީ.އޭ އޮޑިޓޯރިއަމްގައި ކުރިއަށްދިޔަ މި ބައްދަލުވުމަކީ ތަފާތު އެކި މުނިފޫހިފިލުވުމުގެ ކުޅިވަރުތަކާއިއެކު ކުރިއަށްދިޔަ ބައްދަލުވުމެކެވެ.


އެސް.އެން ގެ 30 ދަރިވަރުންނާއިއެކު މި ބައްދަލުވުން ބޭއްވުނުއިރު، އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމިޓީގެ މެންބަރުންނާއި ލީޑާރސް ގްރޫޕްގެ ބައެއް މެންބަރުން މި ބައްދަލުވުމުގައިވަނީ ބައިވެރިވެފައެވެ. ބައްދަލުވުމުގެ ތަޢާރަފުދެއްވާފައިވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ނައިބު ރައީސް (ގޮފިތައް) ޢަލީ ޝަމްޢޫން އެވެ. ޝަމްޢޫންގެ ވާހަކަފުޅުގައި އެމް.އެން.ޔޫ.އެސް.ޔޫ ލީޑާރސް ގްރޫޕުގެ ތަޢާރަފަކާއި އެ ގްރޫޕުގެ ބޭނުމަކީ ކޮބައިކަންވަނީ ކިޔައިދެއްވާފައެވެ. މި ބައްދަލުވުމުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަރުޝަދު އަޝްރަފް ވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ޙަރަކާތްތައް ހިންގާގޮތާއި އެމް.އެން.ޔޫ.އެސް.ޔޫގެ ދައުރާއިބެހޭގޮތުން ދަރިވަރުންނަށް މަޢުލޫމާތުދެއްވާފައެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫގެ ތެރެއިން ދަރިވަރުންގެ ކުރިއެރުމަށް ކުރެވެންހުރި މަސައްކަތްތައްވަނީ ކިޔާދެއްވާފައެވެ. މީގެ އިތުރުން ލީޑަރުންގެ މުޙިއްމުކަމާއި ލީޑަރެއްގެ މަސްއޫލިއްޔަތުތަކާއި ވާހަކަދެއްކުންތެރިކަމުގެ މުޙިއްމުކަން ރައީސް އަރުޝަދުވަނީ ބަޔާންކޮށްދެއްވާފައެވެ.
ބައްދަލުވުމުގައި ބައިވެރިވި ކޮންމެ ދަރިވަރަކުވެސްވަނީ އެ ދަރިވަރުގެ އަމިއްލަ ތަޢާރަފެއްދީ އަދި ބައްދަލުވުމުގެ ޙަރަކާތްތަކުގައި ބައިވެރިވެފައެވެ. ބައްދަލުވުމުގެ ބައިވެރިންނަށް މަޖާ އަދި އުފާ ބައްދަލުވުމަކަށް މި ބައްދަލުވުން ވެގެންދިޔައިރު، ތަފާތު އެކި އިނާމުތައްވެސް ބައިވެރިންނަށްވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ދީފައެވެ.


އެމް.އެން.ޔޫ.އެސް.ޔޫ ލީޑާރސް ގްރޫޕަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ޙަރަކާތްތަކުގައި އުޅުމަށް އިސްވެ އުޅުމަށް ޝަޢުޤުވެރިވާ ދަރިވަރުންނަށް އަމާޒުކޮށް 2018ވަނަ އަހަރު ހަދާފައިވާ ގްރޫޕެކެވެ. މި ގްރޫޕަށް ވަނުމަށް އެމް.އެން.ޔޫގެ ކޮންމެ ދަރިވަރަކަށްވެސް ފުރުޞަތު އޮތްއިރު، ހަމަ އެކަނި ކޮށްލަންޖެހޭނެ ކަމަކީ އެމް.އެން.ޔޫ.އެސް.ޔޫގެ އޮފީހަށް ދުރުވެ، ނަންނޯޓު ކޮށްލުމެވެ.