މިހާރު ކުރިއަށްދާ ޕީ.އެސް.އެމް ”ފަހިދޫ“ ބަހުސް މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ ބަހުސް އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ސެމީ ފައިނަލުގެ ފުރަތަމަ ބަހުސް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީ.ޑީ.އެސް.އެސް) އާއި ވާދަކޮށް އެމް.އެން.ޔޫ.އެސް.ޔޫގެ ޓީމުން ކާމިޔާބުކޮށްފިއެވެ. މި ބަހުސްގެ މައުޟޫއަކީ ”ދުނިޔޭގައި ޞުލްޙަ ޤާއިމްކުރެވޭނީ ވާހަކަދައްކައިގެންނެވެ.“ ކަމަށްވާއިރު، އެމް.އެން.ޔޫ.އެސް.ޔޫއިން ބަހުސް ކޮށްފައިވަނީ މައުޟޫއާއި ދެކޮޅަށެވެ. ބަހުސް ބައްލަވާލަން އެމް.އެން.ޔޫ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްފާޟިލާ ޢާއިޝަތު ޝާހީން އާއި ޑީން އޮފް ސްޓޫޑެންޓްސް އަލްފާޟިލާ ނާދިޔާ އަޙްމަދުގެ އިތުރުން އެމް.އެން.ޔޫ.އެސް.ޔޫ ހިންގާ ކޮމިޓީގެ ބައެއް މެންބަރުންނާއި އެމް.އެން.ޔޫގެ ބައެއް ދަރިވަރުން ބައިވެރިވެލެއްވިއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ޓީމުން ފުރަތަމަ ބަހުސްކުރައްވަން އެރުއްވީ އެމް.އެން.ޔޫ ކައުންސިލްގައި ދަރިވަރުން ތަމްސީލުކުރައްވާ މެންބަރު އަދި އެމް.އެން.ޔޫ.އެސް.ޔޫ ޝަރަފުވެރިކަމާއި ޢިއްޒަތްތެރިކަމުގެ ނިޝާނުގެ ވެރިޔާ އަލްއުސްތާޛް ޢަލީ ރަޝީދެވެ. ޢަލީ ރަޝީދުވަނީ އެމް.އެން.ޔޫ.އެސް.ޔޫ ޓީމުން މައުޟޫ މާނަކުރައްވާގޮތް ބުނެދެއްވާ، އަދި އިދިކޮޅު ޓީމުގެ ބައެއް ޕޮއިންޓުތައް މުގުރާލައްވާފައެވެ. އަދި މީގެ އިތުރުން ހަމައެކަނި ”ވާހަކަދައްކައިގެން ދުނިޔޭގައި ޞުލްޙަވެރިކަން ޤާއިމުނުކުރެވޭނެކަމުގެ“ ވަރުގަދަ ހެތްކާއި ދަލީލުވަނީ ދައްކަވާފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ޓީމުން ދެވަނަ އަށް ބަހުސްކުރައްވަން އެރުއްވީ އަލްއުސްތާޛް މުޙައްމަދު ޖައުޝަން ޝަރީފެވެ. ޖައުޝަންވަނީ ކާމިޔާބުކަމާއެކު އިދިކޮޅު ޓީމުގެ ބައެއް ޕޮއިންޓުތައް މުގުރާލައްވާ އަދި ތާރީޚުގެ ތަފާތު އެކި ހިސާބުތަކުން މިސާލު ނަންގަވައިގެން ޓީމުގެ ތިލަފަތަށް ވަރަށް ބޮޑަށް ބަރުކުރައްވާފައެވެ.
ފަހު ބައިވެރިއެއްގެ ގޮތުގައި އެމް.އެން.ޔޫ.އެސް.ޔޫއިން ބަހުސްކުރައްވަން އެރުއްވީ އަލްއުސްތާޛް އިބްރާހީމް މުޙައްމަދު ޔާމީނެވެ. ޔާމީން ވަޑައިގެންނެވީ ބައިވެރިން ގޮވައިގެން ދުނިޔޭގެ އެކި ހިސާބުތަކަށެވެ. އާދެ! ދުނިޔޭގެ އެކި ކަންކޮޅުތަކުން މިސާލު ނަންގަވަމުން ވަޑައިގެންނެވި ޔާމީންގެ ވާހަކަކޮޅު ހުއްޓާލެއްވިއިރު އިދިކޮޅު ބައިވެރިން ތިއްބެވީ ކުރާނެ ސުވާލެއްވެސް ނޭނގި މައުޟޫއާއިގެން އަވަދިވެވަޑައިގެންފައެވެ.
މި 2 ޓީމު ބައްދަލުކުރާ ބަހުސްތަކަކީ ޢާންމުގޮތެއްގައި ވަރަށް ފޯރިގަދަ އަދި ނަތީޖާގެ ފަރަޤު ކުޑަ ބަހުސްތަކަކަށްވީ ނަމަވެސް މިރޭގެ ބަހުސް އެމް.އެން.ޔޫ.އެސް.ޔޫ އިން ކާމިޔާބުކޮށްފައިވަނީ އެންމެ ފަރަޤު ބޮޑު އެއް ނަތީޖާއާއި އެކުއެވެ. ސީ.ޑީ.އެސް.އެސް އަށް ލިބުނީ 596 ޕޮއިންޓުކަމަށްވާއިރު، އެމް.އެން.ޔޫ.އެސް.ޔޫއިން 788 ޕޮއިންޓު ޙާޞިލުކުރެއްވިއެވެ. އެމް.އެން.ޔޫ.އެސް.ޔޫގެ ޓީމުން ހޯއްދަވަމުން މިގެންދަވާ ކާމިޔާބަށް އައްސަރިބަހާއި ސާބަހެވެ. ޓީމުގެ މެނޭޖަރާއި ކޯޗުގެ އިތުރުން ހިތްވަރުގަދަ ބަހުސްކުރުންތެރިންގެ މިންނެތް މަސައްކަތުގެ ނަތީޖާއަކީ އަދި މިހާތަނަށް އެއްވެސް ބަހުސަކުން ބަލިނުވެ %100 ރިކޯޑެއް ޤާއިމުކުރެވިފައިވުމެވެ.
”ފަހިދޫ“ ބަހުސް މުބާރާތުގެ ސެމީ ފައިނަލުގައި މިއަހަރު 3 ޓީމެއް ވާދަކުރެއެެވެ. ސެމީގެ ފުރަތަމަ ބަހުސް ކާމިޔާބު ކުރެއްވީ ދިވެސް އާއި ވާދަކޮށް ސީ.ޑީ.އެސް.އެސް އެވެ. ސެމީގެ 3 ވަނަ ބަހުސްގައި އެމް.އެން.ޔޫ.އެސް.ޔޫ އާއި ވާދަކުރާނީ ”ދިވެސް“ ޓީމުކަމަށްވާއިރު ނަތީޖާތައް މިހާރުހުރިގޮތުން ފައިނަލުގެ ޖާގައެއް އެންމެ ބޮޑަށް ފަހިވެފައިވަނީ އެމް.އެން.ޔޫ.އެސް.ޔޫ އަށެވެ.