

އަންހެން ޑިވިޝަންގެ ދެމެޗާއެކު ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ މެޗުތައް އެކުވެނި ސްޕޯޓްސް ކޮމްޕްލެކްސްގެ ވެލި ދަނޑުގައި ފަށައިފިއެވެ.
މިމުބާރާތުގައި ޖުމްލަ 30 ޓީމެއް ބައިވެރިވެފައި ވާއިރު އަންހެން ޑިވިޝަންގެ 13 ޓީމާއި ފިރިހެން ޑިވިޝަންގައި 17 ޓީމެއް އެކުލެވިފައި ވެއެވެ. ޕޮއިންޓް ސިސްޓަމްގެ ދަށުން މެޗުތައް ކުޅުމަށް ހަމަޖެހިފައިވާއިރު އަންހެން އަދި ފިރިހެން ޑިވިޝަންގެ ޓީމުތައް 4 ގުރޫޕަކަށް ބަހާލެވިފައި ވެއެވެ.
ޖުމްލަ 8 މެޗެއް މިރޭ ކުޅެވިގެން ދިޔައިރު ފުރަތަމަ ބުރުގައި ކުޅުނީ އަންހެން ޑިވިޝަންގެ ދެ މެޗެވެ. އެގޮތުން ވިލާ ކޮލެޖް އަދި ސައިރިކްސް ކޮލެޖް ބައްދަލުކުރި އިރު 5-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ ވިލާ ކޮލެޖް އިންނެވެ. މި މެޗުގެ “ ކްއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ “ ވިލާ ކޮލެޖުގެ ޖާރޒީ ނަންބަރ 11 ފިރުޝާނާ ނަސީރެވެ. އަދި މެޕްސް ކޮލެޖާއި ސީ.އެފް.އެސް ބައްދަލުކުރި މެޗުން 4-1 ގެ ނަތީޖާއަކުން ކުރިއަރައި މެޗު ކާމިޔާބުކުރީ މެޕްސް ކޮލެޖެވެ. މި މެޗުގައި އެންމެ މޮޅު ކުޅުމެއް ދައްކާ “ ކްއީން އޮފް ދަ މެޗު ހާސިލް ކޮއްފައިވަނީ މެޕްސް ކޮލެޖުގެ ޖާރޒީ ނަންބަރ 13 އަޒީނާ އަބްދުލް މަތީނެވެ.
ފިރިހެން ޑިވިޝަން އިން ސައިރިކްސް އަދި އެމް.އެން.ޔޫ.ބީ.އެސް ބައްދަލުކުރިއިރު މެޗު ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުން އެމް.އެން.ޔޫ.ބީ.އެސް އިންނެވެ. މިމެޗުގެ ”މޭން އޮފް ދަ މެޗު“ ލިބިފައިވަނީ ޖާރޖީ ނަންބަރ 7 މުހައްމަދު ރިލްވާންއަށެވެ. އަދި އެފް.އެޗް.ޓީ.އެސް އާއި މެޕްސް ކޮލެޖް ކުޅެވިގެންދިޔައިރު މި މެޗުން މޮޅުވެފައިވަނީ އެފް.އެޗް.ޓީ.އެސްއެވެ. 6-2 ގެ ނަތީޖާއަކުން އެފް.އެޗް.ޓީ.އެސް ކުރި ހޯދިއިރު މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ އަކަށް ހޮވިފައިވަނީ އެފް.އެޗް.ޓީ.އެސްގެ ޖާރޒީ ނަންބަރ 7 އަބްދުލް ވާހިދު އިބުރާހިމްއެވެ.


މީގެއިތުރުން ފެސްޓު އަދި އައި.ޔޫ.އެމް އިން ވާދަކޮށް 3-4 ގެ ނަތީޖާއަކުން އައި.ޔޫ.އެމް މެޗު ކާމިޔާބުކޮއްފައިވެއެވެ. މިމެޗުގައި އައި.ޔޫ.އެމް ގެ ޖާރޒީ ނަންބަރ 8 އަހުޝަން ނައީމްއަށް ”މޭން އޮފް ދަ މެޗް“ ލިބިފައިވެއެވެ. އަދި މެޕްސް އިންޓަރނޭޝަނަލް ހައި ސްކޫލާއި އެފް.އެޗް.އެސް ބައްދަލުކޮއްފައިވާއިރު 0-4 ގެ ނަތީޖާ އަކުން މެޗު ކާމިޔާބުކުރީ އެފް.އެޗް.އެސް އިންނެވެ. މި މެޗުގެ “ މޭން އޮފްދަ މެޗް ލިބިފައިވަނީ އެފް.އެޗް.އެސްގެ ޖާރޒީ ނަންބަރ 8 އިބްރާޙިމް ހާމިދަށެވެ.
އެންމެ ފަހު ބުރުގައި އެމް.ބީ.އެސް އާއި ޕޮލީޓެކްނިކް ބައްދަލުކޮށް އެމް.ބީ.އެސް ވަނީ 4-2 ނަތީޖާއަކުން ކުރި ހޯދާފައެވެ. އެމް.ބީ.އެސްގެ ޖާރޒީ ނަންބަރ 11 އަބްދުﷲ ވިޝާމް މޭން އޮފް ދަ މެޗަށް ހޮވިފައި ވެއެވެ. އަދި ވިލާ ކޮލެޖް އާއި އެފް.އީ ބައްދަލުކުރި މެޗުން ވިލާ ކޮލެޖް 4-2 ގެ ނަތީޖާއަކުން ވަނީ މޮޅުވެފައެވެ. މިމެޗުގެ މޭން އޮފް ދަ މެޗް ހާސިލް ކޮއްފައިވަނީ ވިލާ ކޮލެޖްގެ ޖާރޒީ ނަންބަރު 7 އަންސަރު އިބްރާހިމް އެވެ.
މި މުބާރާތުގެ މެޗުތައް ދެން ކުޅުމަށް ހަމަޖެހިފައިވަނީ 03 އޯގަސްޓް ވާ ހުކުރު ދުވަހުގައެވެ. އެދުވަހުގެ ހެނދުނު 06:45ގައި ކުޅުމަށް ހަމަޖެހިފައިވަނީ އަންހެން ޑިވިޝަން އިން އެމް.އެން.ޔޫ.ބީ.އެސް އާއި އެމް.އައި ކޮލެޖް އަދި ކްލިކް ކޮލެޖާއި އެވިޑް ކޮލެޖެވެ. އަދި ފިރިހެން ޑިވިޝަން އިން ފްލިސް އަދި އެވިޑް ބައްދަލުކޮށް ކްލިކް އަދި އެމް.އައި ކޮލެޖްވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ޙަރަކާތެވެ. މިއީ މި މުބާރާތް މިގޮތަށް ބޭއްވޭ 6 ވަނަ ފަހަރުކަމަށްވާއިރު، ފާއިތުވެދިޔަ 5 އަހަރުވެސް މެދުކެނޑުމެއްނެތި މި މުބާރާތްވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ބާއްވާފައެވެ. މިއަހަރުގެ މުބާރާތް ކުރިއަށްދާނީ 02 އޯގަސްޓް 2018ން ފެށިގެން 18 އޯގަސްޓް 2018 އަށެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޓްރެފިކް ޕޮލިސް ކުރިމަތީގައި އެކުވެނި ސްޕޯޓްސް ކޮމްޕްލެކްސްގައި އޮންނަ ވެލި ދަނޑުގައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އުފެދުނުފަހުން ކޮންމެ އަހަރަކުވެސް ބާއްވާ މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ”ދިރާގު“ އެވެ. މުބާރާތުގެ ރަސްމީ މީޑިއާ ޕާޓްނަރ އަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ރަސްމީ މީޑިއާ ޕާޓްނަރ ”ސަން މީޑިއާ ގްރޫޕް“އެވެ. ކޯ-ސްޕޮންސަރުންނަކީ ”ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)“ އާއި ”މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)“ގެ އިތުރުން ”މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)“ އެވެ. މީގެ އިތުރުން ޕާޓްނަރުންގެ ގޮތުގައި ”ލިޓަސް އޮޓޯމޮބައިލްސް“، ”މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން“، ”ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް)“، ”މޯލްޑިވް ގޭސް“، ”އެމް.ޓީ.ސީ.ސީ“، ”އެލައިޑް އިންޝުއަރެންސް ކޮމްޕެނީ“، ”އެމް.ޑަބްލިއު.އެސް.ސީ“، ”ވެމްކޯ“ އަދި ”މޯލްޑިވިއަން“ ހިމެނެއެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަކީ ”ޕްރިންޓްލެބް“ އެވެ.
ލިޔުނީ: ފާތިމަތު ޒަހްރާ (އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ ޓީމް)





