މަތީ ތަޢުލީމު ފޯރުކޮއްދެމުންދާ ގިނަ ކޮލެޖުތަކެއް ބައިވެރިވެގެން ކުރިއަށްދާ ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ މެޗުތައް ފޯރިއާއެކު ކުރިއަށް އެބަދެއެވެ. ފާއިތުވި ފަސް އަހަރުވެސް މި މުބާރާތް ބޭއްވުނު އިރު މިއަހަރު އަލަށް އަންހެން ޑިވިޝަންއިންވެސް ޓީމުތައް ބައިވެރިވިކަން ފާހަގަކުރެވެ.
މިއަދު ހެދުނު ކުޅުނު މެޗުތަކަށް ބަލާއިރު ވިލާ ކޮލެޖާއި އެސް.އެންގެ އަންހެން ޑިވިޝަން ކުޅުނުއިރު 5-0ގެ ނަތީޖާއިން ވިލާކޮލެޖު ވަނީ މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގައި އެންމެ މޮޅު ކުޅުމެއް ދައްކާފައިވަނީ ވިލާ ކޮލެޖުގެ ޖާރޒީ ނަންބަރ 11 ފިރުޝާނާ ނަސީރެވެ. މީގެ އިތުރުން އަންހެން ޑިވިޝަންގެ ސައިރިކްސް އަދި އެފް.އެޗް.ޓީ.އެސް ބައްދަލު ކުރި މެޗުން 2-1 ގެ ނަތީޖާއިން ސައިރިކްސް ކޮލެޖު ވަނީ މޮޅުވެފައެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސައިރިކްސް ކޮލެޖުގެ ޖާރޒީ ނަންބަރ 8 މަރިޔަމް ޔަޝްފާއެވެ.
ފިރިހިން ޑިވިޝަންއަށް ބަލާއިރު ޕޮލީޓެކްނިކް އާއި ސައިރިކްސް ކޮލެޖު ވާދަކުރިއިރު 2-7 ގެ ނަތީޖާއިން ކުރި ހޯދީ ސައިރިކްސް ކޮލެޖެވެ. މި މެޗުގެ “ މޭން އޮފް ދަ މެޗް“ ލިބިފައިވަނީ ސައިރިކްސް ކޮލެޖުގެ ޖާރޒީ ނަންބަރ 10 އަހްމަދު ސާމިހު އަށެވެ. އަދި އެމް.އެން.ޔޫ.ބީ.އެސް އާއި ސީ.އެފް.އެސް ކުޅުނު މެޗުން 9-1 ގެ ތަފާތުން ކުރިހޯދީ އެމް.އެން.ޔޫ.ބީ.އެސް އެވެ. އެމް.އެން.ޔޫ.ބީ.އެސްގެ ޖާރޒީ ނަންބަރ 7 މުހައްމަދު ރިލްވާން މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވެއެވެ.


މިމުބާރާތުގެ އިތުރު މެޗުތަކެއް އަދިވެސް ކުރިއަށް އެބައޮތެވެ. މި މުބާރާތުގެ މެޗުތައް ދެން ކުޅުމަށް ހަމަޖެހިފައިވަނީ 09 އޯގަސްޓް ވާ ބުރާސްފަތި ދުވަހުއެވެ. އެދުވަހުގެ ރޭގަނޑު އަންހެން ޑިވިޝަން އިން މެޕްސް ކޮލެޖް އާއި އެފް.އެޗް.އެސް އަދި އެމް.އެން.ޔޫ.ބީ.އެސް އާއި ފްލިސް ބައްދަލު ކުރާނެއެވެ. ފިރިހެން ޑިވިޝަންގެ ފެސްޓް އާއި ފްލިސް އަދި މެޕްސް ހައި ސްކޫލް އާއި ކްލިކް ކޮލެޖް ވާދަކުރާނެއެވެ. އަދި އަންހެން ޑިވިޝަންގެ ކްލިކް ކޮލެޖާއި އެފް.އީ ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ރޭގަނޑު 8:50 ގައި ފިރިހެން ޑިވިޝަންގެ އެފް.އެޗް.އެސް އާއި އެމް.އައި ކޮލެޖު ކުޅުމަށްފަހު މެޕްސް ކޮލެޖާއި އެފް.އީ ވެސް ބައްދަލު ކުރާނެއެވެ. މީގެ އިތުރުން އައި.ޔޫ.އެމް އާއި އެވިޑް ކޮލެޖް އަދި އެމް.ބީ.އެސް އާއި ސައިރިކްސް ކޮލެޖް ކުޅޭނެއެވެ. އަދި އެރޭގެ އެންމެ ފަހު މެޗުގައި ޕޮލީޓެކްނިކް އާއި ސީ.އެފް.އެސް ވާދަކުރާނެއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ޙަރަކާތެވެ. މިއީ މި މުބާރާތް މިގޮތަށް ބޭއްވޭ 6 ވަނަ ފަހަރުކަމަށްވާއިރު، ފާއިތުވެދިޔަ 5 އަހަރުވެސް މެދުކެނޑުމެއްނެތި މި މުބާރާތްވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ބާއްވާފައެވެ. މިއަހަރުގެ މުބާރާތް ކުރިއަށްދާނީ 02 އޯގަސްޓް 2018ން ފެށިގެން 18 އޯގަސްޓް 2018 އަށެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޓްރެފިކް ޕޮލިސް ކުރިމަތީގައި އެކުވެނި ސްޕޯޓްސް ކޮމްޕްލެކްސްގައި އޮންނަ ވެލި ދަނޑުގައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އުފެދުނުފަހުން ކޮންމެ އަހަރަކުވެސް ބާއްވާ މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ”ދިރާގު“ އެވެ. މުބާރާތުގެ ރަސްމީ މީޑިއާ ޕާޓްނަރ އަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ރަސްމީ މީޑިއާ ޕާޓްނަރ ”ސަން މީޑިއާ ގްރޫޕް“އެވެ. ކޯ-ސްޕޮންސަރުންނަކީ ”ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)“ އާއި ”މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)“ގެ އިތުރުން ”މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)“ އެވެ. މީގެ އިތުރުން ޕާޓްނަރުންގެ ގޮތުގައި ”ލިޓަސް އޮޓޯމޮބައިލްސް“، ”މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން“، ”ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް)“، ”މޯލްޑިވް ގޭސް“، ”އެމް.ޓީ.ސީ.ސީ“، ”އެލައިޑް އިންޝުއަރެންސް ކޮމްޕެނީ“، ”އެމް.ޑަބްލިއު.އެސް.ސީ“، ”ވެމްކޯ“ އަދި ”މޯލްޑިވިއަން“ ހިމެނެއެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަކީ ”ޕްރިންޓްލެބް“ އެވެ.
ލިޔުނީ: ފާތިމަތު ޒަހްރާ ( އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ ޓީމް)