ފުރަތަމަ ފަހަރަށް އަންހެން ޓީމުތަކަށް ފުރުސަތު ހުޅުވާލައިގެން ކުރިޔަށްދާ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ފައިނަލް މެޗަށް މާދަމާ ކްލިކް ކޮލެޖާއި އެވިޑް ކޮލެޖު ނުކުންނާނެއެވެ.
ޖުމްލަ 13 އަންހެން ޓީމު ވާދަކުރި މިމުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލް ކްލިކުން ކަށަވަރުކުރީ 6-0 ގެ ބޮޑު ތަފާތަކުން އެމް.އެން.ޔޫ.ބީ.އެސް ބަލިކޮށްގެންނެވެ. އަދި އެވިޑް ކޮލެޖާއި ވިލާކޮލެޖު ވާދަކުރި މެޗު 2-2 އިން އެއްވަރުވެ، 5-3 ގެ ކުރިއެރުމަކުން ޕެނަލްޓީ ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދީ އެވިޑް ކޮލެޖެވެ. އެންމެ މޮޅު ކުޅުމެއް މި މެޗުތަކުގައި ދައްކާފައި ވަނީ ކްލިކް ކޮލެޖުގެ ޖާރޒީ ނަންބަރ 6 ފަރާ އަހުމަދު އަދި އެވިޑް ކޮލެޖުގެ ޖާރޒީ ނަންބަރ 3 ފާތިމަތު ރިޝްތާއެވެ.
މި ފޯރިގަދަ މެޗުތައް ބައްލަވައިލެއްވުމަށްޓަކައި ބައެއް ޝަރަފުވެރިން ވަޑައިގަތެވެ. އެގޮތުން އެމް.އެން.ޔޫގެ ޑެޕިއުޓީ ޗާންސެލާ އަލްފާޟިލާ އައިޝަތު ޝަހީން، އެމް.އެން.ޔޫ ގެ ޑީން އޮފް ސްޓޫޑެންޓްސް އަލްފާޟިލާ ނާދިޔާ އަހުމަދު، އެމް.އެން.ޔޫ.އެސް.ޔޫ ގެ ކުރީގެ ރައީސް އަލްއުސްތާދު އަލީ ރަޝީދުގެ އިތުރުން އެމް.އެން.ޔޫ.އެސް.ޔޫގެ އެޑްވައިޒަރީ ބޯޑު މެމްބަރުންވެސް ބައިވެރި ވިއެވެ.


މުބާރާތުގެ ފައިނަލް މާދަމާ 15:45 ގައި ފެށިގެންދާއިރު ފުރަތަމަ ބައްދަލުކުރާނީ އަންހެން ދެ ޓީމެވެ. އެއަށްފަހު ފިރިހެން ޑިވިޝަނުން ފައިނަލްގައި މެޕްސް ކޮލެޖާއި އެފް.އެޗް.ޓީ.އެސް 16:30 ވާދަކުރާނެއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ޙަރަކާތެވެ. މިއީ މި މުބާރާތް މިގޮތަށް ބޭއްވޭ 6 ވަނަ ފަހަރުކަމަށްވާއިރު، ފާއިތުވެދިޔަ 5 އަހަރުވެސް މެދުކެނޑުމެއްނެތި މި މުބާރާތްވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ބާއްވާފައެވެ. މިއަހަރުގެ މުބާރާތް ކުރިއަށްދާނީ 02 އޯގަސްޓް 2018ން ފެށިގެން 18 އޯގަސްޓް 2018 އަށެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޓްރެފިކް ޕޮލިސް ކުރިމަތީގައި އެކުވެނި ސްޕޯޓްސް ކޮމްޕްލެކްސްގައި އޮންނަ ވެލި ދަނޑުގައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އުފެދުނުފަހުން ކޮންމެ އަހަރަކުވެސް ބާއްވާ މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ”ދިރާގު“ އެވެ. މުބާރާތުގެ ރަސްމީ މީޑިއާ ޕާޓްނަރ އަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ރަސްމީ މީޑިއާ ޕާޓްނަރ ”ސަން މީޑިއާ ގްރޫޕް“އެވެ. ކޯ-ސްޕޮންސަރުންނަކީ ”ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)“ އާއި ”މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)“ގެ އިތުރުން ”މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)“ އެވެ. މީގެ އިތުރުން ޕާޓްނަރުންގެ ގޮތުގައި ”ލިޓަސް އޮޓޯމޮބައިލްސް“، ”މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން“، ”ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް)“، ”މޯލްޑިވް ގޭސް“، ”އެމް.ޓީ.ސީ.ސީ“، ”އެލައިޑް އިންޝުއަރެންސް ކޮމްޕެނީ“، ”އެމް.ޑަބްލިއު.އެސް.ސީ“، ”ވެމްކޯ“ އަދި ”މޯލްޑިވިއަން“ ހިމެނެއެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަކީ ”ޕްރިންޓްލެބް“ އެވެ.
ލިޔުނީ: ފާތިމަތު ޒަހްރާ ( އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ ޓީމް)
.