ފުރަތަމަ ފަހަރަށް އަންހެން ޓީމުތަކަށް ފުރުސަތު ހުޅުވާލައިގެން ބޭއްވި އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ އަންހެން ޑިވިޝަންގެ ތަށި ކުލިކް ކޮލެޖުން ހޯދައިފިއެވެ.
އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި އެވިޑާއި ވާދަކޮށް ކުލިކް ކޮލެޖު މޮޅުވީ 2-0 އިންނެވެ. އެމެޗުގެ ދެލަނޑުވެސް ޓީމަށް ކާމިޔާބުކޮށްދީ މިމެޗުގެ ”ކުއީން އޮފް ދަ މެޗު“ ހާސިލްކުރީ ކުލިކް ކޮލެޖުގެ ޖާރޒީ ނަންބަރ 6 ފަރާ އަހުމަދެވެ.
ވާދަވެރި ކުޅުމެއް ޓީމުތަކުގެ މެދުގައި ފެނިގެންދިޔައިރު މިމުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ޓީމުތަކަށް އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ ރައީސް އަލްއުސްތާޛް ޢަލީ ރަޝީދު ވަނީ އިނާމު ޙަވާލުކޮށްދެއްވާފައެވެ. އަދި މުބާރާތުގެ ސްޕޮންސަރުންނާއި، ރެފްރީން އަދި ޝަރަފުވެރިންނަށް އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަރުޝަދު އަޝްރަފް އެވޯޑް ހަވާލުކޮށްދެއްވިއެވެ. މީގެ ތެރެއިން ޝަރަފުވެރިންގެ އެވޯޑު އެމް.އެން.ޔޫ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފް، މާފަންނު ދެކުނު ދާއިރާގެ މެންބަރ އަބުދުﷲ ރިފާޢު އަދި އަލްފާޟިލް ހުސެއިން ފިރާޤަށް ދެއްވިއެވެ.
މިމުބާރާތުގައި ޖުމްލަ 19 ގޯލުޖަހައި އަންހެން ޑިވިޝަނުގެ “ ޓޮޕް ސުކޯރަރ އެވޯޑު“ ހާސިލްކުރީ ކުލިކް ކޮލެޖުގެ ޖާރޒީ ނަންބަރ 6 ފަރާ އަހުމަދެވެ. އަދި އަންހެން ޑިވިޝަނުގެ އެންމެ ރަނގަޅު ކޯޗަކަށް ހޮވިފައިވަނީ ކުލިކް ކޮލެޖުގެ ކޯޗެވެ. މިއެވޯޑުތައް ހަވާލުކޮށްދެއްވީ އެމް.އެން.ޔޫގެ ޑީން އޮފް ސްޓޫޑެންޓްސް ނާދިޔާ އަހުމަދެވެ.
މުބާރާތުގެ އެންމެ މޮޅު އަންހެން 5 ކުޅުންތެރިންނަށް ހޮވިފައިވަނީ:
އެވިޑް ކޮލެޖްގެ ޖާރޒީ ނަންބަރ 6، އަސްމާ ޢަލީ
ކުލިކް ކޮލެޖްގެ ޖާރޒީ ނަންބަރ 13، ފާތިމަތު ޝަޒްރާ
ވިލާ ކޮލެޖްގެ ޖާރޒީ ނަންބަރ 11، ފިރުޝާނާ ނަޞީރު
ވިލާ ކޮލެޖްގެ ޖާރޒީ ނަންބަރ 7، ޢާއިޝަތު އީމާން އަޙްމަދު
ސައިރިކްސް ކޮލެޖްގެ ޖާރޒީ ނަންބަރ 5، މަރިޔަމް ވަފާ
އަދި އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކުލިކް ކޮލެޖުގެ ޖާރޒީ ނަންބަރ 6 ފަރާ އަހުމަދެވެ. މި އެވޯޑުތައް ހަވާލުކޮށްދެއްވީ އެމް.އެން.ޔޫ ޑެޕިއުޓީ ވައިސް ޗާންސެލަރ ޢާއިޝަތު ޝާހީންއެވެ.


މި ޑިވިޝަނުގެ ފެޔާރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ވިލާކޮލެޖެވެ. މި އެވޯޑު ޙަވާލުކޮށްދެއްވާފައިވަނީ އެފް.އެސް.އެމްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޒާހިރުއެވެ. އަންހެން ޑިވިޝަނުގެ ޗެމްޕިއަން ޓީމް ކުލިކް ކޮލެޖު އަދި ރަނަރއަޕް ޓީމް އެވިޑް ކޮލެޖަށް މެޑަލް، ފައިސާގެ އިނާމު އަދި ޓްރޮފީ ޙަވާލުކޮށްދެއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރ އަބުދުﷲ ރިފާޢުއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ޙަރަކާތެވެ. މިއީ މި މުބާރާތް މިގޮތަށް ބޭއްވޭ 6 ވަނަ ފަހަރުކަމަށްވާއިރު، ފާއިތުވެދިޔަ 5 އަހަރުވެސް މެދުކެނޑުމެއްނެތި މި މުބާރާތްވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ބާއްވާފައެވެ. މިއަހަރުގެ މުބާރާތް ކުރިއަށްދާނީ 02 އޯގަސްޓް 2018ން ފެށިގެން 18 އޯގަސްޓް 2018 އަށެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޓްރެފިކް ޕޮލިސް ކުރިމަތީގައި އެކުވެނި ސްޕޯޓްސް ކޮމްޕްލެކްސްގައި އޮންނަ ވެލި ދަނޑުގައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އުފެދުނުފަހުން ކޮންމެ އަހަރަކުވެސް ބާއްވާ މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ”ދިރާގު“ އެވެ. މުބާރާތުގެ ރަސްމީ މީޑިއާ ޕާޓްނަރ އަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ރަސްމީ މީޑިއާ ޕާޓްނަރ ”ސަން މީޑިއާ ގްރޫޕް“އެވެ. ކޯ-ސްޕޮންސަރުންނަކީ ”ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)“ އާއި ”މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)“ގެ އިތުރުން ”މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)“ އެވެ. މީގެ އިތުރުން ޕާޓްނަރުންގެ ގޮތުގައި ”ލިޓަސް އޮޓޯމޮބައިލްސް“، ”މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން“، ”ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް)“، ”މޯލްޑިވް ގޭސް“، ”އެމް.ޓީ.ސީ.ސީ“، ”އެލައިޑް އިންޝުއަރެންސް ކޮމްޕެނީ“، ”އެމް.ޑަބްލިއު.އެސް.ސީ“، ”ވެމްކޯ“ އަދި ”މޯލްޑިވިއަން“ ހިމެނެއެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަކީ ”ޕްރިންޓްލެބް“ އެވެ.
ލިޔުނީ: ފާތިމަތު ޒަހްރާ (އެމް.އެން.ޔޫ.އެސް.ޔޫ، މީޑިއާ ޓީމް)