މިހާރު ކުރިއަށްދާ ”އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ބަހުސް މުބާރާތް 2018“ ގައި ކޮންމެ ޓީމަކަށް ބާކީ އެއްމެޗު އޮއްވާ ފައިނަލުގައި ބައްދަލުކުރާނެ ޓީމުތައް ކަށަވަރުވެއްޖެއެވެ. މިގޮތުން ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އަދި އެމްއެންޔޫ ބިޒްނަސް ސްކޫލަށް ފައިނަލު ކަށަވަރުވީ ހުކުރުދުވަހުގެ މެންދުރުފަހުގެ ބަހުސްތަކަށް ފަހު އެވެ.
ހުކުރުދުވަހުގެ (19/08/2018) މެންދުރުފަހު 02:30ގައި މުބާރާތުގެ 3 ވަނަ ބަހުސްގައި ބައްދަލުކުރީ އެފް.އީ އަދި ސްކޫލް އޮފް ނާރސިންގ އެވެ. މި ބަހުސްގެ މައުޟޫ އަކީ ”ދިވެހި ރަށްފުށުގެ ތަރައްޤީއަށް އެންމެ މުހިއްމީ އެއްފަސްކުރުމެވެ.“ ކަމަށްވާއިރު، މި ބަހުސް 715 – 685ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އެވެ. މި ބަހުސްގެ އެންމެ މޮޅު ބަހުސްކުރުންތެރިޔާއަށް ހޮވުނީ އެފް.އީގެ އަބްދު ﷲ ޝަފީޢު ހަސަންކަމަށްވާއިރު، މި ބަހުސަށް އެފް.އީ ޓީމުން ދެން އަރާފައިވަނީ ޝަޒާރަތު ޝަރީފްގެ އިތުރުން އާމިނަތު ހަމީޒާ އެވެ. އެސް.އެން އިން ބަހުސަށް އެރީ ޝަހީދާ އިބްރާހީމް، އާމިނަތު ނަޒީހާ އަދި އަމްރާ އަހްމަދެވެ.


ހުކުރުދުވަހު މެންދުރުފަހު ބޭއްވުނު ދެވަނަ ބަހުސް އަދި މުބާރާތުގެ 4 ވަނަ ބަހުސްގައި އެމްއެންޔޫ ބިޒްނަސް ސްކޫލުން ފެކަލްޓީ އޮފް އާރޓްސްގެ މައްޗަށް ކުރިހޯދީ 954.5 – 553ގެ ފަރަޤު ބޮޑު ނަތީޖާއަކުންނެވެ. މި ބަހުސްގެ އެންމެ މޮޅު ބަހުސްކުރުންތެރިޔާއަށް ހޮވުނީ އެމްއެންޔޫ ބިޒްނަސް ސްކޫލުގެ ފާތިމަތު މާސާ ކަމަށްވާއިރު، ދެން އެ ޓީމުން ބަހުސްކުރީ އަލީ ރަޝީދު އަދި އާމިނަތު އީނާސް އެވެ. އެފް.އޭ އިން ބަހުސްކުރަން އެރީ މަރިޔަމް ޝަހުދާ، ޢަލީ ރަޢުފަތު ޞާދިޤު އަދި ފާޠިމަތު އުސްރާ އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހު 2 ބަހުސް އޮންނާނީ ހޮނިހިރުދުވަހުގެ ރެޔެވެ. (20 އޮކްޓޯބަރ 2018)
މި މުބާރާތުގެ އިސްފަނޑިޔާރަކީ އަލްއުސްތާޛް މުޙައްމަދު ޔާމީން އިބްރާހީމެވެ. އަދި ފަނޑިޔާރުންގެ ގޮތުގައި ދެން ތިއްބަވާނީ އަލްފާޟިލް މުޙައްމަދު ޝިފާން، އަލްއުސްތާޛް މުޙައްމަދު ޖައުޝަން ޝަރީފް އަދި އަލްފާޟިލް ޢަލީ އަމީރެވެ.
މިއީ، އެމްއެންޔޫއެސްޔޫ އިން އިންތިޒާމުކުރާ މުބާރާތެކެވެ. މި މުބާރާތުގައި ވާދަކުރަނީ 4 ޓީމަކުންކަމަށްވާއިރު، މުބާރާތްކުރިއަށްދާނީ ލީގު އުސޫލުންނެވެ. 4 ޓީމު 4 ޓީމާ ބައްދަލުކޮށް ނިމޭއިރު، 1 ވަނަ އަދި 2 ވަނައިގައި އޮންނަ 2 ޓީމު ފައިނަލަށް ދަތުރު ކުރާނެއެވެ. މުބާރާތް ކުރިއަށް ދާނީ 18 އޮކްޓޯބަރުން 21 އޮކްޓޯބަރުގެ ނިޔަލަށެވެ.
ލިޔުނީ: މުޙައްމަދު ޝާން ޢާމިރު، މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ