ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮތްޕެއް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަހުގައި ޤާއިމުކޮށް، އެ ގޮފީގެ ފުރަތަމަ ހިންގާ ކޮމިޓީގެ މެންބަރުންނަށް މަޤާމުގެ ލިޔުން ޙަވާލުކޮށްފިއެވެ. އެމް.އެން.ޔޫ ތިނަދޫ ކެމްޕަހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މަޤާމު ޙަވާލުކުރެވުނުއިރު، މި ރަސްމިއްޔާތުގައި އެމް.އެން.ޔޫ.އެސް.ޔޫގެ އެޑްވައިޒަރީ ބޯޑުގެ މެންބަރު ޢަލީ އަމީރު، ފެސާގެ މީޑިއާ ކޯޑިނޭޓަރ އަދި ތިނަދޫ އަށް ނިސްބަތްވާ ދަރިވަރެއްކަމުގައިވާ ޝަޒާރަތު ޝަރީފް އަދި އެމް.އެން.ޔޫ ކައުންސިލްގައި ދަރިވަރުން ތަމްސީލުކުރާ މެންބަރު އަދި އެމް.އެން.ޔޫ.އެސް.ޔޫ ޝަރަފުވެރިކަމާއި ޢިއްޒަތްތެރިކަމުގެ ނިޝާނުގެ ވެރިޔާ ޢަލީ ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ތިނަދޫ ކެމްޕަހުގެ އެމް.އެން.ޔޫ.އެސް.ޔޫ ގޮފީގެ މެންބަރުންނަށް މަޤާމު ޙަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެޙްމާން އަލްފާޟިލް ޝިފާޒް މުޙައްމަދެވެ. ރަސްމިއްޔާތުގައި އަލީ ރަޝީދާއި އަލީ އަމީރުގެ އިތުރުން ތިނަދޫ ކެމްޕަހުގެ އެމް.އެން.ޔޫ.އެސް.ޔޫ ގޮފީގެ ރައީސް ލިޝާމް ޖަޢުފަރު ވާހަކަފުޅުދައްކަވާފައިވެއެވެ. މީގެ އިތުރުން ތިނަދޫ ކެމްޕަހުގެ މެނޭޖަރު އަލްފާޟިލް މުޙައްމަދު ޝަމީމްގެ އިތުރުން ޝަރަފްވެރި މެޙްމާން އަލްފާޟިލް ޝިފާޒް މުޙައްމަދުވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ.
02 މާރިޗު 2018ވީ ހުކުރުދުވަހުގެރޭ ތިނަދޫ ކެމްޕަހުގެ ގޮފި އިފްތިތާޙު ކުރެވުނު ހަމަ އެރޭ އެމް.އެން.ޔޫގެ ގަމު ކެމްޕަހުގައި ”އަހުރަ“ ގޮފީގެ 2 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އާއި، ކުޅުދުއްފުށީ ކެމްޕަސް އަދި ހިތަދޫ ކެމްފަހުގައިވެސް މުޅީން އަލަށް އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފިތައްވަނީ ޤާއިމުކޮށްފައެވެ.