ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ފަރާތުން ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންތަކަކަށް އަމާޒުކޮށް ލެކްޗަރ ސެޝަނެއް ބާއްވައިފިއެވެ. ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވުނު މި ސެޝަނުގައި އެ ސްކޫލުގެ ގްރޭޑް 11،10،9 އަދި 12ގެ 100ށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއިރު، މި ދަރިވަރުންގެ ތެރޭގައި ހިމެނެނީ އެ ސްކޫލުގެ ޕްރެފެކްޓުންގެ އިތުރުން އެކި މަޤާމުތައް އަދާކުރާ ދަރިވަރުންނެވެ. އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަރުޝަދު އަޝްރަފް ނަގައިދެއްވި މި ސެޝަނުގައި ރައީސް އަރުޝަދުގެ އިތުރުން މުޙައްމަދު ނަބީހު، އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ ރައީސް އަދި އެމް.އެން.ޔޫގެ ކައުންސިލްގައި ދަރިވަރުން ތަމްސީލުކުރާ މެންބަރު އަލީ ރަޝީދު، އަދި އެމް.އެން.ޔޫ.އެސް.ޔޫގެ ލަފާއަރުވާ ބޯޑުގެ މެންބަރުން ޢަލީ އަމީރު އަދި ޙުސައިން ޢަލީ އާއި ޔޫތު ލީޑާރސް ނެޓްވޯކް (ވައި.އެލް.އެން)ގެ ރައީސް ފަރުހާން މުޙައްމަދު ވަނީ ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެފައެވެ.
11 މާރިޗު 2018ވީ އާދީއްތަދުވަހުގެ ހެނދުނު 11:00ން 01:00ށް ކުރިއަށްދިޔަ މި ސެޝަނުގެ މައިގަނޑު މައުޟޫއަކީ ”ލީޑަރޝިޕް“ އެވެ. މިގޮތުން މި ސެޝަނުގައި ދަރިވަރުން މަޤާމަށް އައުމަކުން އަދި ނިމުނީކީ ނޫންކަމާއި، މަޤާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމުގައި ސާބިތުވުމަކީ ވަރަށް މުހިއްމުކަމެއްކަން ދަރިވަރުންނަށް ކިޔައިދެއްވިއެވެ. އަދި ހަމަ އެހެންމެ، ލީޑަރެއްގެ އެންމެ ބޮޑު ޒިންމާއަށް ވާންޖެހޭނީ އެ ލީޑަރެއް މަޤާމުން ވަކިވުމުގެ ކުރިން، އެހެން ދަރިވަރުން ލީޑަރުންނަށް ހެދުންކަމާއި، ލީޑަރެއްގެ އެންމެ ބޮޑު ކާމިޔާބަކީ އެ ލީޑަރުގެ ފަހަތުން އިތުރު ލީޑަރުންތަކެއް ނެރުންކަމަށް ރައީސް އަރުޝަދު ވިދާޅުވިއެވެ. ހަމަމިއާއިއެކު، ދަރިވަރުން ޙަރަކާތްތައް ހިންގުމުގައި ކަންތައްކުރަންވީ ގޮތާއި، މިފަދަ ޙަރަކާތްތައް ހިންގުމުގައި އެހެން ދަރިވަރުންގެ އެއްބާރުލުން ހޯދިދާނޭ ގޮތްތަކާއިބެހޭ މަޢުލޫމާތުވެސް ރައީސް އަރުޝަދުވަނީ ދެއްވާފައެވެ.
މި ސެޝަނަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އާޢި ކުރީގެ ރައީސް އަދި ލަފާއަރުވާބޯޑުގެ ބައެއް މެންބަރުންނާއި ޔޫނިއަންގެ އިތުރު މެންބަރުންތަކެއް ފުވައްމުލައް ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރެއްގައި ހިންގުނު ސެޝަނެކެވެ. މި ދަތުރަކީ މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި ޔޫތު ލީޑަރސް ނެޓްވޯކް (ވައި.އެލް.އެން) ގުޅިގެން ފުވައްމުލައް ސިޓީގައި ”ޖުމްހޫރިއްޔަތާއި ޒުވާނުން“ގެ ނަމުގައި ފޯރަމެއް ހިންގުމަށް ކުރައްވާ ދަތުރެކެވެ.