ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީ.އޭ.އެމް) އިންޓަރ ކޮލެޖް / ޔުނިވަރސިޓީ ވޮލީބޯޅަ މުބާރާތް 2019ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އަންހެން އަދި ފިރިހެން ޓީމުގެ ވެސް އަމާޒަކީ ތަށި މިލްކު ކުރުމެވެ. ވޭތުވެދިޔަ އަހަރު (2018) މި މުބާރާތް ބާއްވާފައި ނުވާއިރު، 2016 އަދި 2017 ވަނަ އަހަރު އަންހެން އަދި ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ ޓީމުތަކުންނެވެ.
މި މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް ޖާރޒީ ހަވާލުކުރުން 20 މާރިޗު 2019ވީ ބުދަދުވަހު ބޭއްވުނުއިރު، ޖާރޒީތައް ޙަވާލުކޮށްދެއްވާފައިވަނީ އެމް.އެން.ޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްފާޟިލާ ޢާއިޝަތު ޝާހީން އަދި ޑީން އޮފް ސްޓޫޑެންޓްސް އަލްފާޟިލާ ނާދިޔާ އަހްމަދެވެ. މި ރަސްމިއްޔާތުގައި މި 2 ބޭފުޅުންގެ އިތުރުން އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަރުޝަދު އަޝްރަފް، ނައިބު ރައީސް (އަމަލީ) ޙަސަން ޝާހު އަދި 2 ޓީމުގެ ކެޕްޓަނުންވަނީ ވާހަކަ ދައްކަވާފައެވެ.
މުބާރާތުގެ މެޗުތައް 23 މާރިޗު 2019ވާ ހޮނިހިރުދުވަހުގެރޭ ފެށޭއިރު، ހޮނިހިރުދުވަހުގެރޭ 10:00ގައި އެމް.އެން.ޔޫގެ ފިރިހެން ޓީމު ބައްދަލުކުރާނީ އެމް.އައި ކޮލެޖާއެވެ. އަދި 24 މާރިޗު 2019ވާ އާދީއްތަދުވަހުގެރޭ 10:00ގައި އެމް.އެން.ޔޫގެ އަންހެން ޓީމު ބައްދަލުކުރާނީ ސައިރިކްސް ކޮލެޖާއެވެ.
އެމް.އެން.ޔޫގެ ފިރިހެން ޓީމުގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްދެއްވާނީ ޚާލިދު މުޙައްމަދެވެ. އަދި އަންހެން ޓީމުގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްދެއްވާނީ ޞަފްވާން އަޙްމަދެވެ.
މި މުބާރާތުގެ މެޗުތަކުގެ އަޕްޑޭޓްތައް އެމް.އެން.ޔޫ.އެސް.ޔޫގެ މީޑިއާތަކުން (ފޭސްބުކް، އިންސްޓަގްރާމް، އަދި ވެބްސައިޓް) ގެނެސްދެވޭނެއެވެ.
ލިޔުނީ: މުޙައްމަދު ޝާން ޢާމިރު
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ