އެމް.ޑަބްލިއު.އެސް.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2019ގެ އަންހެން ޑިވިޜަންގެ ގްރޫޕް ސްޓޭޖްގައި އިއްޔެ ހަވީރު ކުޅުނު ތިން މެޗުން އެސް.އެން، އެމް.އައި އަދި ވިލާކޮލެޖް މޮޅުވެ، ގްރޫޕް ބީ، ސީ، އަދި ޑީގެ އެއްވަނަ ޓީމުތަކުގެ ގޮތުގައި ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ހަވީރުގެ މެޗުތަކަކީ ގްރޫޕްތަކުގެ އެއްވަނަ އަދި ދެވަނަ ކަނޑައެޅި ކުއާޓަރ ފައިނަލަށް ދަތުރުކުރާ ޓީމުތަށް އެނގުނު މެޗުތަކެކެވެ. މިގޮތުން ފިރިހެން ޑިވިޜަންގެ ގްރޫޕް ޑީއިން އެމް.ބީ.އެސްއާއި ބައްދަލުކުރީ އެފް.އެޗް.އެސްއެވެ. މިމެޗު 0-4ގެ ނަތީޖާއަކުން ކާމިޔާބު ކުރީ އެފް.އެޗް.އެސްގެ ޓީމެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފް.އެޗް.އެސްއަށް ދެލަނޑު ކާމިޔާބުކޮށްދިން ޖާރޒީ ނަންބަރު 10، އިބްރާހީމް ޙާމިދެވެ.
މިނަތީޖާއާއެކު ފިރިހެން ޑިވިޜަންގެ ގްރޫޕް ޑީގައި ހިމެނޭ 3 ޓީމަށްވެސް ލިބުނީ ޖުމްލަ 3 ޕޮއިންޓެވެ. ފައިދާ 6 ގޯލާއެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓަރ ފައިނަލަށް ދަތުރުކުރީ އެމް.އެން.ޔޫ ބީ.އެސްގެ ޓީމެވެ. ފައިދާ ގޯލުވެސް އެއްވަރުވެ ޖެހި ގޯލުގެ ތަފާތުން ގްރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުގައި ކުއާޓާރއިން ޖާގަ ހޯދީ އެފް.އެޗް.އެސްއެވެ.
އަންހެން ޑިވިޜަންގެ ގްރޫޕް ބީއިން ވާދަކުރީ އެފް.އެޗް.އެސްއާއި އެސް.އެންއެވެ. މިދެޓީމުގެ ކުރިމަތިލުން ނިމުނީ 0-1އިން އެސް.އެންގެ ޓީމު މޮޅުވެގެންނެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސް.އެންގެ ޖާރޒީ ނަންބަރު 10، ޝީލާ މުޙައްމަދު ދީދީއެވެ. ޖުމްލަ 4 ޕޮއިންޓާއެކު އެސް.އެން ވަނީ ގްރޫޕްގެ އެއްވަނަ ހޯދާފައެވެ. މިގްރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުގައި ކުއާޓާރ ފައިނަލުން ޖާގަ ހޯދީ 2 ޕޮއިންޓާއެކު މެޕްސް ކޮލެޖެވެ.
އަންހެން ޑިވިޜަންގެ ގްރޫޕް ސީއިން ވާދަކުރީ އެމް.އައިއާއި އެވިޑް ކޮލެޖެވެ. މިމެޗު 0-5ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ އެމް.އައިއެވެ. މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމް.އައިގެ ޖާރޒީ ނަންބަރު 6، އާމިނަތު ޝާމިލާއެވެ. މި މޮޅާއެކު ޖުމްލަ 6 ޕޮއިންޓު ހޯދާ އެމް.އައި ވަނީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާރ އިން ޖާގަ ހޯދާފައެވެ. ގްރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުގައި ކުއާޓާރ ފައިނަލަށް ދަތުރުކުރީ އެއްޕޮއިންޓާއެކު ފައިދާ ގޯލުން ކުރިހޯދި އެމް.އެން.ޔޫ ބީ.އެސްއެވެ.
އަންހެން ޑިވިޜަންގެ ގްރޫޕް ޑީއިން ވާދަކުރީ ވިލާ ކޮލެޖާއި އެފް.އޭއެވެ. މިމެޗު 1-5ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވިލާ ކޮލެޖްގެ ޓީމެވެ. މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިލާއަށް 3 ލަނޑު ކާމިޔާބުކޮށްދިން ޖާރޒީ ނަންބަރު 7، ޢައިޝަތު އީމާން ޒަޢީމެވެ. ޖުމްލަ 6 ޕޮއިންޓާއެކު ވިލާ ކޮލެޖް ވަނީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާރ އިން ޖާގަ ހޯދާފައެވެ. ގްރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުގައި 3 ޕޮއިންޓާއެކު ކުއާޓާރ ފައިނަލަށް ދަތުރުކުރީ އެފް.އީއެވެ.
މިދިޔަ ހަފްތާގައި އަންހެން ޑިވިޜަންގެ ގްރޫޕް އޭގެ މެޗުތަށް ވަނީ ނިމިފައެވެ. ގްރޫޕް އޭއިން 4 ޕޮއިންޓާއެކު ކުއާޓަރ ފައިނަލުން ޖާގަ ހޯދާފައިވާ ދެޓީމަކީ ސައިރިކްސްއާއި އެފް.އެލް.އައި.އެސްއެވެ. ފައިދާ ގޯލުގެ ތަފާތުން ގްރޫޕްގެ އެއްވަނަ ޓީމަކަށް ހޮވުނީ ސައިރިކްސްއެވެ.
އެމް.ޑަބްލިއު.އެސް.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2019ގެ ޓައިޓްލް ސްޕޮންސަރަކީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ)އެވެ. މި މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަކީ އެމް 7އެވެ. ސްޕޮންސަރުންނަކީ ދިރާގު އަދި ވިޒިޓް ލާމްއެވެ. މީޑިއާ ޕާޓްނަރަކީ ޕީ.އެސް.އެމް ސްޕޯޓްސްއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ ދިވެހިރާއްޖޭގެ މަތީ ޘާނަވީ ދާއިރާގައި ބާއްވާ އެންމެބޮޑު ކުޅިވަރު ޙަރަކާތެވެ. މި މުބާރާތް ރާވައި އިންތިޒާމު ކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)އިންނެވެ. މި އަހަރު މި ބާއްވަނީ މީގެ 7ވަނަ މުބާރާތެވެ. 2013އިން ފެށިގެން މެދުކެނޑުމެއްނެތި މި މުބާރާތް އަންނަނީ ބާއްވަމުންނެވެ. މި މުބާރާތް ހުޅުވާލާފައިވަނީ އެމް.އެން.ޔޫގެ ފެކަލްޓީތަކާއި ދިވެހިރާއްޖޭގެ އެހެނިހެން ކޮލެޖުތަކަށެވެ. މުބާރާތުގައި ފިރިހެން ޑިވިޜަނާއި އަންހެން ޑިވިޜަން ހިމެނެއެވެ. މުބާރާތުގައި އަންހެން ޑިވިޜަން އެންމެ ފުރަތަމަ ހިމެނީ 2018ވަނަ އަހަރުއެވެ.
ލިޔުނީ: ޝީޒާ މުޙައްމަދު،
އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ