މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެނިމި ކުއާޓަރ ފައިނަލުގައި ވާދަކުރާ ޓީމުތައް ރޭ ކަށަވަރު ވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހު ފެށި އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ނެޓްބޯޅަ މުބާރާތް 2019ގެ ގްރޫޕް ސްޓޭޖުގައި ޖުމްލަ 3 މެޗު ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ ސްކޫލް އޮފް ނާރސިންގ އާއި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްއެވެ. ވާދަވެރި ކުޅުމަކަށް ފަހު މެޗު ނިމިގެންދިޔައީ 29-05 ޕޮއިންޓްއިން ސްކޫލް އޮފް ނާރސިންގ އިން މެޗު ކާމިޔާބުކޮށްގެނެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިގެންދިޔައީ ސްކޫލް އޮފް ނާރސިންގގެ އާމިނަތު ފިރުޝާއެވެ.
މުބާރާތުގެ ދެވަނަ މެޗުގައި ފެކަލްޓީ އޮފް އެންޖިނެރިންގ ސައިންސް އެންޑް ޓެކްނޮލޮޖީ އަދި ފެކަލްޓީ އޮފް އާރޓްސްގެ ކުރިމަތިލުން 07-03 ޕޮއިންޓްއިން ކާމިޔާބު ކުރީ ފެކަލްޓީ އޮފް އެންޖިނެރިންގ ސައިންސް އެންޑް ޓެކްނޮލޮޖީއެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކީ އެފް.އީ.އެސް.ޓީގެ ހަމްނާ އަލީ މާހިރެވެ.
”ޕްލޭ އޮފް“ ގައި މޮޅު ކުޅުމެއް ދެއްކި ފެކަލްޓީއޮފް އެޑިއުކޭޝަން 38-03 ޕޮއިންޓްގެ ބޮޑު ފަރަގަކުން މެޗު ކާމިޔާބުރީ ސްކޫލް އޮފް މެޑިސިން އަތުން މޮޅުވެގެންނެވެ. ހަމައެއާއިއެކު ސްކޫލް އޮފް މެޑިސިންއިން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައި ގިނަ އަދަދެއްގެ ”އެޓަމްޕްޓް“ ތަކެއް ކޮށްފައެވެ. މިމޮޅާއެކު ފެކަލްޓީ އޮފް އެޑިއުކޭޝަން އިންވަނީ މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ފާތިމަތު ރިފާހާއެވެ.
ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު ސްކޫލް އޮފް ނާރސިންގް އިން ކާމިޔާބު ކުރުމާއެކު ގްރޫޕް އޭގެ އެއްވަނަ އަށް ޖެހިލީ 9 ޕޮއިންޓާއެކުއެވެ. ވަގުތީގޮތުން އެއްވަނަ އަށް އެރި ސީ.އެފް.އެސް މިހާރު ދެވަނައިގައި އޮތީ 6 ޕޮއިންޓާއެކުއެވެ. 3 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައި ފެކަލްޓީ އޮފް އެންޖިނެރިންގ ސައިންސް އެންޑް ޓެކްނޮލޮޖީ އޮތް އިރު ފެކަލްޓީ އޮފް އާރޓްސް ވަނީ މުބާރާތުން ކަޓައިފައެވެ. އެގޮތުން ގްރޫޕް އޭގެ އެއްވަނަ، ދެވަނަ އަދި ތިންވަނަ ޓީމުވެސް ވަނީ މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ނެޓްބޯޅަ މުބާރާތް 2019ގެ ކުއާޓަރ ފައިނަލުގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ 21 އޮކްޓޯބަރ ވާ ހޯމަދުވަހުގެ ރޭ 20:00ގައެވެ. އެގޮތުން ކުއާޓަރ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަ ކުރާނީ ގްރޫޕް ބީގެ އެއްވަނަ ޓީމު އެމް.އެން.ޔޫ ބީއެސް އަދި ގްރޫޕް އޭގެ ތިންވަނަ ޓީމު އެފް.އީ.އެސް.ޓީއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ނެޓްބޯޅަ މުބާރާތް 2019 އަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ބާއްވާ މިފަދަ ތިންވަނަ މުބާރާތެވެ. މިގޮތުން ފުރަތަމަ މުބާރާތް ބޭއްވުނީ 2015ގައި ކަމަށްވާއިރު، އެ އަހަރުގެ ތަށި އުފުލާލީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލުންނެވެ. 2016 ވަނަ އަހަރު ބޭއްވުނު 2 ވަނަ މުބާރާތުގެ ޗެމްޕިއަންކަން ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް އިން ހޯދިއިރު، 2017 އަދި 2018ވަނަ އަހަރު މި މުބާރާތް ބާއްވާފައެއް ނުވެއެވެ. މި މުބާރާތަކީ އެމް.އެން.ޔޫގެ ފެކަލްޓީ/ސެންޓަރތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތަކަށްވާއިރު، މި މުބާރާތުގައި ޖުމްލަ 10 ޓީމު މިފަހަރު ވާދަކުރެއެވެ. މި 10 ޓީމާއެކު، އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފި އުފެދިފައިވާ ހުރިހާ ފެކަލްޓީ/ސެންޓަރތަކެއް މި މުބާރާތުގައި ތަމްސީލުކުރާއިރު، މި މުބާރާތްވެގެންދާނީ ތާރީޚީ މުބާރާތަކަށެވެ.
ލިޔުނީ: އާމިނަތު ޝަމާ މުހައްމަދު،
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ