އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ނެޓްބޯޅަ މުބާރާތް 2019 ގެ ތަށި އެމް.އެން.ޔޫ ބީއެސް އިން ކާމިޔާބު ކޮށްފިއެވެ.
ހަމައެކަނި އަންހެން ޑިވިޝަނަށް ހުޅުވައިލައިގެން އެމް.އެން.ޔޫ.އެސް.ޔޫ އިން އިންތިޒާމު ކޮށްގެން ބޭއްވި އިންޓަރ ފެކަލްޓީ ނެޓް ބޯޅަ މުބާރާތް 2019 ގައި އެމް.އެން.ޔޫ ގެ ހުރިހާ ފެކަލްޓީ އަކުން ބައިވެރިވެފައިވާއިރު، މުބާރާތުގެ ފައިނަލުގައި ވާދަ ކުރީ މީގެ ކުރިން ވެސް ނެޓް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދެ ޓީމު ކަމުގައިވާ އެމް.އެން.ޔޫ ބީ.އެސް އަދި އެފް.އެލް.އައި.އެސް (ކުރީގެ އެފް.އެސް.އެލް) އެވެ.
ސަޕޯޓަރުންގެ ލޭ ކައްކުވާލި މިމެޗު ނިމިގެންދިޔައީ ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ދައްކައި 36-37 ޕޮއިންޓްގެ ނަތީޖާ އަކުން އެމް.އެން.ޔޫ ބީ.އެސް އިން މުބާރާތުގެ ފައިނަލް މެޗު ކާމިޔާބު ކޮށްގެނެވެ.
މެޗުގެ ފުރަތަމަ ތިން ކުއާޓަރ ގައި އެފް.އެލް.އައި.އެސް އިން ލީޑު ނަގައިފައިވާއިރު އެމް.އެން.ޔޫ ބީ.އެސް އިން ވަނީ މެޗުގެ ފަހު ކުއާޓަރ ގައި މޮޅު ކުޅުމެއް ދައްކައި، ޕޮއިންޓްގެ ފަރަގު ކުޑަކޮށް 29-29 ޕޮއިންޓްއިން ނަތީޖާ ހަމަހަމަ ކޮށްފައެވެ.


ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގައި ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅެމެއް ފެނިގެން ގޮސްފައިވާއިރު، އިތުރު ވަގުތުގައި ކުޅުނު ފުރަތަމަ ކުއާޓަރ ގައި 33-33 ޕޮއިންޓްއިން ދެ ޓީމު ވެސް ވަނީ އެއްވަރުވެފައެވެ. އިތުރު ވަގުތުގައި ކުޅުނު ފަހު ކުއާޓަރ ގައި އެމް.އެން.ޔޫ ބީ.އެސްއިން ވަނީ 1 ޕޮއިންޓް ގެ ތަފާތަކުން 2016 ވަނަ އަހަރުގެ ޗެމްޕިއަން ޓީމުގެ މައްޗަށް ކުރި ހޯދައިފައެވެ. މެޗު ނިމިގެން ދިޔައީ 37-36 ޕޮއިންޓްއިންނެވެ.
އެމް.އެން.ޔޫ ބީ.އެސް ގެ މި މޮޅާއެކު އެ ޓީމު ވެގެން ދިޔައީ، އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ނެޓް ބޯޅަ މުބާރާތުގެ ތަށި ދެވަނަ ފަހަރަށް ކާމިޔާބުކުރި ޓީމުގެ ގޮތުގައެވެ. އެމް.އެން.ޔޫ ބީ.އެސް ފުރަތަމަ ފަހަރަށް ތަށި ކާމިޔާބު ކުރީ 2015 ވަނަ އަހަރުގައެވެ.


އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ނެޓް ބޯޅަ މުބާރާތް 2019ގެ ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އެމް.އެން.ޔޫ ބީ.އެސް ގެ ޙައިފާ އަބްދުﷲ ހޮވިފައިވާއިރު މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްކޫލް އޮފް ނާރސިންގގެ އައިޝަތު ތުހުފާ ރިފާއުއެވެ.
މުބާރާތުގެ ޑްރީމް ޓީމަކީ:
ގޯލް ކީޕަރ: ޢާއިޝަތު ޙަސަން – އެމް.އެން.ޔޫ ބީ.އެސް
ގޯލް ޑިފެންސް: އާމިނަތު ފިރުޝާ – އެސްސ.އެން
ވިންގް ޑިފެންސް: އާމިނަތު މާއިޝާ – އެފް.އެޗް.އެސް
ވިންގް އެޓޭކް: އިނާޝާ އަބްދުއްރަޙީމް – އެމް.އެން.ޔޫ ބީ.އެސް
ސެންޓަރ: ޖޫޒާން ޚަލީލް – އެފް.އެލް.އައި.އެސް
ގޯލް އެޓޭކް: ފާތިމަތު ސަނާ ޝަފީޤް – އެފް.އެލް.އައި.އެސް
ގޯލް ޝޫޓަރ: ޢާއިޝަތު ސަލީމާ – އެމް.އެން.ޔޫ ބީ.އެސް


އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ނެޓް ބޯޅަ މުބާރާތް 2019ގެ އެންމެ މޮޅު ކޯޗަކީ އެމް.އެން.ޔޫ ބީ.އެސްގެ ކޯޗު މަރިޔަމް ނިޔާޝާއެވެ. އަދި މުބާރާތުގެ ފެއަރ ޕްލޭ ޓީމަކީ ސްކޫލް އޮފް ނާރސިންގއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ނެޓްބޯޅަ މުބާރާތް 2019 އަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ބާއްވާ މިފަދަ ތިންވަނަ މުބާރާތެވެ. މިގޮތުން ފުރަތަމަ މުބާރާތް ބޭއްވުނީ 2015ގައި ކަމަށްވާއިރު، އެ އަހަރުގެ ތަށި އުފުލާލީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލުންނެވެ. 2016 ވަނަ އަހަރު ބޭއްވުނު 2 ވަނަ މުބާރާތުގެ ޗެމްޕިއަންކަން ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް އިން ހޯދިއިރު، 2017 އަދި 2018ވަނަ އަހަރު މި މުބާރާތް ބާއްވާފައެއް ނުވެއެވެ. މި މުބާރާތަކީ އެމް.އެން.ޔޫގެ ފެކަލްޓީ/ސެންޓަރތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތަކަށްވާއިރު، މި މުބާރާތުގައި ޖުމްލަ 10 ޓީމު މިފަހަރު ވާދަކުރެއެވެ. މި 10 ޓީމާއެކު، އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފި އުފެދިފައިވާ ހުރިހާ ފެކަލްޓީ/ސެންޓަރތަކެއް މި މުބާރާތުގައި ތަމްސީލުކުރާއިރު، މި މުބާރާތްވެގެންދާނީ ތާރީޚީ މުބާރާތަކަށެވެ.
ލިޔުނީ: އާމިނަތު ޝަމާ މުހައްމަދު،
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ