އެމް.އެން.ޔޫ.އެސް.ޔޫ އެވޯޑް ނައިޓް އަދި ވާހަކަ ދެއްކުމުގެ މުބާރާތުގެ ނަތީޖާ ފާޅު ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް އާއި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން ގުޅިގެން ބައިނަލްއަޤްވާމީ އަހިންސާދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ މަތީ ތައުލީމު ފޯރުކޮށްދޭ މުއައްސަސާތަކަށް ހުޅުވާލައިގެން ބޭއްވި ވާހަކަ ދެއްކުމުގެ މުބާާރާތުގެ ނަތީޖާ ފާޅުކުރުމުގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ އިސްވާރުންގެ އިނާމު ހަވާލުކުރެވިފައިވެއެވެ.
މި ރަސްމިއްޔާތުގައި އެމް.އެން.ޔޫ.އެސް.ޔޫގެ އިސްވާރުންގެ އިނާމު ހާޞިލްކޮށްފައިވާ ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްފައިވާއިރު، އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ދެވޭ 3 ވަނަ އަށް އެންމެ މަތީ ޝަރަފު 64 ފަރާތަކަށް، މަރްޙޫމް އަޙްމަދު މުޙައްަދުގެ ހަނދާނުގައިދެވޭ އިނާމު އަދި އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ދެވޭ 2 ވަނަ އަށް އެންމެ މަތީ ޝަރަފުގެ އިނާމު 1 ފަރާތަށް ހަވާލުކޮށްފައިވެއެވެ.
މިރަސްމިއްޔާތުގައި އެންމެ ފުރަތަމަ އޮތީ އެމް.އެން.ޔޫ.އެސް.ޔޫގެ އިސްވާރުންނަށް އިނާމު ހަވާލުކުރުމެވެ. ޖުމްލަ 100އަށްވުރެ ގިނަ އިސްވާރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ އެމް.އެން.ޔޫ.އެސް.ޔޫގެ ނައިބް ރައީސް ޢިލްމީ އާދަމް ރުޝްދީ، އެމް.އެން.ޔޫ.އެސް.ޔޫގެ ނައިބް ރައީސް ޢަމަލީ ހަސަން ޝާހް، އެމް.އެން.ޔޫގެ ކައުންސިލް މެމްބަރ އިބްރާހީމް ޤާނިމް ޝާހިދް، މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަން ހަފްޞީ އަބްދުﷲ އަދި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އިބްރާހީމް ރަޝީދެވެ.
މިރަސްމިއްޔާތުގައި ދެވަނައަށް އޮތީ އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ދެވޭ 3 ވަނަ އަށް އެންމެ މަތީ ޝަރަފު، މަރްޙޫމް އަޙްމަދު މުޙައްަދުގެ ހަނދާނުގައިދެވޭ އިނާމު ހަވާލުކުރުމެވެ. 2018ވަނަ އަހަރު އެމް.އެން.ޔޫ.އެސް.ޔޫ އިން ތަޢާރަފްކޮށްފައިވާާ މި އިނާމް ނިސްބަތްވަނީ ފެކަލްޓީ އޮފް ސއިންސްގައި ބެޗެލަރސް އޮފް ސައިންސް ކިޔަވަމުންދަނިކޮށް، ދިމާވި ހިތާމަވެރި ހާދިސާއެއްގައި 2017ވަނަ އަހަރު ނިޔާވި ހދ. ނޮޅިވަރަން/ ހިތަށްފިނިވާގޭ އަލްމަރްޙޫމް އަހުމަދު މުހައްމަދަށެވެ. މި އިނާމު ހަވާލުކޮށްދެއްވީ އެމް.އެން.ޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރ (ރިސާރޗް އެންޑް އެންޓަރޕްރައިސް) ޑރ. އައިޝަތު ޝެހެނާޒް އާދަމް އާއި މިނިސްޓްރީ އޮފް ހޯމް އެފެއަރޒް ގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރެވެ.
މިރަސްމިއްޔާތުގައި ތިންވަނަ އަށް އޮތީ އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ދެވޭ 2 ވަނަ އަށް އެންމެ މަތީ ޝަރަފު، ހާޞިލްކޮށްފައިވާ ފަރާތްތަކަށް އިނާމު ހަވާލުކުރުމެވެ. މީގެ އިތުރުން ”އެމް.އެން.ޔޫ.އެސް.ޔޫ.ޕްރެސެންޓްސް ދަ ނެކްސްޓް ލެވެލް”ގެ ނަތީޖާ ފާޅުކޮށްފައިވެއެވެ.
މިރސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ ވަނީ އިސްލާމީ ވާހަކަތަކާއި އިބްރަތްތެރި ހާދިސާތަކުގެ އަލީގައި އިސްވާރުންގެ މުހިންމުކަމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި އެފަދަ އިބްރަތްތެރި ހާދިސާތަކުން އިބްރަތް ލިބިގަތުމަށް ދަރިވަރުންނަށް އެދިލައްވާފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން އިނާމު ހާޞިލްކޮށްފައިވާ ފަރާތްތަކަށް އިނާމު ހަވާލުކުރުމަށްފަހު ރަސްމިއްޔާތުގައި ދެން އޮތީ ބައިނަލްއަޤްވާމީ އަހިންސާދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި އެމް.އެން.ޔޫ.އެސް.ޔޫ ގުޅިގެން ބޭއްވި ވާހަކަ ދެއްކުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމެވެ. ޔުނިވަރސިޓީތަކާއި މަތީ ތަޢުލީމީ މުއައްސަސާތަކަށް ހުޅުވާލެވުނު މިމުބާރާތުގައި ބައިވެރިވި މުއައްސަސާތަކުގެ ތެރެއިން އެންމެ މޮޅު ތިން މުއައްސަސާއެއް ހޮވައި، އެންމެ މޮޅު ފަސް ވާހަކަ ދެއްކުންތެރިންގެ އިތުރުން މުޅި މުބާރާތުން އެއްވަނަ،ދެވަނަ އަދި ތިންވަނަ ހާޞިލުކޮށްފައިވާ ދަރިވަރުންނަށް ތަށްޓާއި ފައިސާގެ އިނާމް ހަވާލުކޮށްފައިވެއެވެ.
މުބާރާތުގައި ވަނަވަނައަށް އައި ޓީމުތައް:
މުޅި މުބާރާތުން 1 ވަނަ: ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް
މުޅި މުބާރާތުން 2 ވަނަ: އެމް.އެން.ޔޫ ބިޒްނަސް ސްކޫލް
މުޅ މުބާރާތުން 3 ވަނަ: ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒް.
މުބާރާތުގެ އެންމެ މޮޅު ފަސް ބައިވެރިން:
1. މުޙައްމަދު އައިޝް މުސްތަފާ، ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް
2. އާމިނަތު އީނާޝް، އެމް.އެން.ޔޫ ބިޒްނަސް ސްކޫލް
3. އާއިޝަތު ޒަހާ، ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް
4. އަނޫފާ ޢަލީ، ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒް
5. އަޙްމަދު ޠާއިލް، ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް
މުބާރާތުން ވަނަވަނައަށް އައި ބައިވެރިން:
މުޅި މުބާރާތުން 1 ވަނަ: އާއިޝަތު ޒަހާ، ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް
މުޅި މުބާރާތުން 2 ވަނަ: އަނޫފާ ޢަލީ، ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒް މުޅި މުބާރާތުން 3 ވަނަ: މުޙައްމަދު އައިޝް މުސްތަފާ، ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް
“ އިނާމު ލިބޭ އިރު ކޮންމެ ދަރިވަރަކުވެސް ހަނދާންކުރަންވީ ކަމަކީ، މަސައްކަތް ކުރަންވީ ހަމައެކަނި އިނާމް ހޯދަން ނޫންކަމަށް، މަސައްކަތް ކުރަންވީ އިޚްލާސްތެރިކަމާއެކު އެކުއްޖެއްގެ ކުރިއެރުން ހޯދަން. މީގެ އިތުރުން އަނެކާއަށް އެހީތެރިވާން ކުރާ ކޮންމެ ދަރުމަވެރި މަސައްކަތަކީ މިދުނިޔޭގަ އެމަސައްކަތުގެ އުޖޫރައެއް ނުލިބުނު ކަމެއް ކަމަކު އުޙުރަވީ ހަޔާތުގައި އެތައް ފައިދާއެއް ކުރާނެކަމެއް، ހަމައެހެންމެ، ތިމާގެ ހަށިގަނޑުގައި އެތަކެއް ރިވެތި ސިފަތަކެއް އަށަގަންނާނެ ކަމެއް، ކޮންމެ ކުއްޖަކުވެސް މިކަންކަން ހަނދާނުގައި ބެހެއްޓުމަށް އަޅުގަނޑު އިލްތިމާސްކޮށް ވަޞިއްޔަތްކުރަން“
އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް،މުޙައްމަދު ޝާން ޢާމިރު
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް މުހައްމަދު ޝާން އާމިރު ވަނީ ދިވެހިރާއްޖޭގެ މަތީ ތައުލީމު ހާޞިލުކުރާ މުއައްސަސާތަކަށް ހުޅުވާލައިގެން ބައިނަލްއަޤްވާމީ އަހިންސާދުވަހުގެ މުނާސަބަތުގައި ބޭއްވި ވާހަކަ ދެއްކުމުގެ މުބާރާތް އެމް.އެން.ޔޫ.އެސް.ޔޫއާއި ގުޅިގެން ހިންގަން ނިންމި ކަމަށްޓަކައި މިނިސްޓަރ އޮނަރަބުލް އިމްރާން އަބްދުﷲ އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ އެންމެހާ މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވާފައެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝާން ވިދާޅުވީ އިނާމު ލިބޭ އިރު ކޮންމެ ދަރިވަރަކުވެސް ހަނދާންކުރަންވީ ކަމަކީ، މަސައްކަތް ކުރަންވީ ހަމައެކަނި އިނާމް ހޯދަން ނޫންކަމަށާއި، މަސައްކަތް ކުރަންވީ އިޚްލާސްތެރިކަމާއެކު އެކުއްޖެއްގެ ކުރިއެރުން ހޯދަން ކަމަށެވެ.
މީގެ އިތުރުން ރައީސް ވަނީ އަނެކާއަށް އެހީތެރިވާން ކުރާ ކޮންމެ ދަރުމަވެރި މަސައްކަތަކީ މިދުނިޔޭގަ އެމަސައްކަތުގެ އުޖޫރައެއް ނުލިބުނެއްކަމަކު އުޙުރަވީ ހަޔާތުގައި އެތައް ފައިދާއެއް ކުރާނެކަމެއް ކަމަށާއި ތިމާގެ ހަށިގަނޑުގައި އެތަކެއް ރިވެތި ސިފަތަކެއް އަށަގަންނާނެ ކަމެއް ކަމަށް ކޮންމެ ކުއްޖަކުވެސް ހަނދާނުގައި ބެހެއްޓުމަށް އިލްތިމާސްކޮށް ވަޞިއްޔަތްކޮށްފައެވެ.
ލިޔުނީ: އާމިނަތު ޝަމާ މުހައްމަދު،
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ