އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ދެވޭ 2 ވަނަ އަށް އެންމެ މަތީ ޝަރަފު، މިނިސްޓްރީ އޮފް ހޯމް އެފެއާރޒްގެ ޑެޕިއުޓީ ޑިރެކްޓަރ، އަލްފާޟިލް ޢައްބާސް މުޙައްމަދަށްް އަރުވައިފިއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އެވޯޑް ނައިޓް އަދި ވާހަކަ ދެއްކުމުގެ މުބާރާތުގެ ނަތީޖާ ފާޅު ކުރުމުގެ ރަސްމިއްޔާތުގައި މި އިނާމް ހަވާލުކޮށްދެއްވީ އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް މުޙައްމަދު ޝާން ޢާމިރެވެ.
އަލްފާޟިލް މުހައްމަދު ޢައްބާސް އަކީ ދަރިވަރުންނާއި ބާއްވަމުން ގެންދާ ގުޅުމަށް ކުޑަނަމަވެސް ބަދަލެއް ނުގެނެސް، ދަރިވަރުން ބާއްވާ ކޮންމެ ޙަރާކަތާކަށް ވަގުތުދެއްވާ ބޭފުޅެއްކަން ފާހަގަ ކޮށްލެވެއެވެ.
އެމް.އެން.ޔޫ.އެސް.ޔޫގެ 2 ވަނަ އަށް އެންމެ މަތީ ޝަރަފުގެ އިނާމު އެންމެ ފުރަތަމަ ފަހަރަށް ހަވާލު ކުރެވުނީ 09 ޖޫން 2018ގައި، އެމް.އެން.ޔޫ.އެސް.ޔޫ ޝަރަފްވެެރިންގެ ޙަފްލާގައެވެ. މި ޝަރަފް ޖުމްލަ ހަތަރު ފަރާތަކަށް އެރުވިފައިވެއެވެ.
05 ނޮވެމްބަރ 2018 ގައި އެމް.އެން.ޔޫ.އެސް.ޔޫގެ 7ވަނަ ދައުރުގެ ހިންގާ ކޮމެޓީ އިފްތިތާޙްކުރުމަށް ބޭއްވުނު ޙަފްލާގައި 9 ފަރާތަކަށް މި އިނާމު ދެވިފައިވާއިރު އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފިތައް ހިންގާ ކޮމެޓީ އިފްތިތާޙްކުރުމަށް ބޭއްވި ހަފްލާގައި ޖުމްލަ 6 ފަރާތަކަށް މި އިނާމު ހަވާލުކުރެވިފައިވެއެވެ. އަދި 2019ވަނަ އަހަރުގެ ގޮފިތައް އިފްތިތާޙުކުރުމުގެ ހަފްލާގައިވެސް ވަނީ މި އިނާމު 6 ފަރާތަކަށް ދެވިފައެވެ.
މި އިނާމަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންއަށް ތަފާތު އެކި ރޮނގުން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ފަރާތްތަކަށް އެކަމުގެ އަގުވަޒަންކޮށް އެރުވޭ ޝަރަފުގެ އިނާމެކެވެ. މި އިނާމު ތަޢާރަފުކުރެވުނީ 2018ވަަނަ އަހަރެވެ.
ލިޔުނީ: އާމިނަތު ޝަމާ މުހައްމަދު،
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ