2019 ވަނަ އަހަރުގެ ޗެމްޕިއަން އެމް.އެން.ޔޫ ބިޒްނަސް ސްކޫލް ބަލިކޮށް ސްކޫލް އޮފް ނަރސިންގއިން މުބާރާތުގެ ތަށި އުފުލާލައިފިއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ފަސްވަނަ ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗުގައި ބީ.އެސް އަދި އެސް.އެންއިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން މެޗު ބަލަން ވަތް މި މެޗު ސްކޫލް އޮފް ނަރސިންގ އިން ވަނީ 3 ސެޓު 2 ސެޓުން އެންމެ ފަހުގެ ޗެމްޕިއަން އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ މައްޗަށް ކުރި ހޯދައި، މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައެވެ.
މެޗުގެ ފުރަތަމަ ސެޓު އެސް.އެން އިން 25-19 އިން ގެންގޮސްފައި ވާއިރު މެޗުގެ ދެވަނަ ސެޓުވެސް އެސް.އެންއިން ވަނީ ފަސޭހަ ކަމާއިއެކު 25-15 އިން ކާމިޔާބު ކޮށްފައެވެ. ނަމަވެސް މެޗުގެ ތިންވަނަ ސެޓުގައި އެމް.އެން.ޔޫ ބީ.އެސް އިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ފަސޭހަކަމާއިއެކު 25-16 އިން ކާމިޔާބުކޮށްފައެވެ. އަދި ޖެހިގެން އައި ސެޓު ވެސް ބީ.އެސް އިން ވަނީ ކާމިޔާބުކޮށްފައެވެ. މި ސެޓު ބީ.އެސް އިން ކާމިޔާބުކުރީ 25-20 އިންނެވެ. އެކަމަކު މެޗުގެ ފަހު ސެޓު އެސް.އެން އިން ވަނީ ފަސޭހަކަމާއިއެކު، 10-15 އިން ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2020 ގެ އަންހެން ޑިވިޝަނުގެ ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އެސް.އެން ގެ ޖާރޒީ ނަމްބަރު 10، އައިޝަތު ޒުނީތާ ހޮވިފައިވާއިރު، މުބާރާތުގެ އެންމެ މޮޅު ހަގެ ކުޅުންތެރިއަކަށް ހޮވުނީ، ސީ.އެފް.އެސްގެ ޖާރޒީ ނަމްބަރު 69، އައިޝަތު ޒީޝާންއެވެ.
މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަކީ:
އާމިނަތު އަފާފް ނިޒާމް، ޖާރޒީ ނަމްބަރު،16 – އެފް.އެޗް.އެސް
އާމިނަތު ފިރުޝާ، ޖާރޒީ ނަމްބަރު،7 – އެސް.އެން
މަރިޔަމް ނިޝާ، ޖާރޒީ ނަމްބަރު،5، އެސް.އެން
ފިރުޝާނާ ނަސީރު، ޖާރޒީ ނަމްބަރު 2 – އެމް.އެން.ޔޫ ބީ.އެސް
ޝަމްހާ ރިޔާޒް، ޖާރޒީ ނަމްބަރު 4 – އެމް.އެން.ޔޫ ބީ.އެސް
އިނާސާ އަބްދުއް ރަހީމް، ޖާރޒީ ނަމްބަރު 12 – އެމް.އެން.ޔޫ ބީ.އެސް
މުބާރާތުގެ އެންމެ މޮޅު ލިބަރޯ އަކަށް ސީ.އެފް.އެސް ގެ ޖާރޒީ ނަމްބަރު 5، އާމިނަތު ފަސީހާ ހޮވިފައިވާއިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ، ސްކޫލް އޮފް ނަރސިންގ ގެ ކޯޗް، ޝުއައިބް އަހުމަދެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2020 އަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ބާއްވާ މިފަދަ 6ވަނަ މުބާރާތެވެ. މިގޮތުން މިމުބާރާތް ފުރަތަމަ ބޭއްވުނީ 2015 ގައެވެ. އަދި މި މުބާރާތަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ ދެވަނައަށް އެންމެ ބޮޑު މުބާރާތެވެ. އެމް.އެން.ޔޫގެ ފެކަލްޓީ/ސެންޓަރ ތަކަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތުގައި މިފަހަރު އަންހެން ޑިވިޝަނުގައި 8 ޓީމު އަދި ފިރިހެން ޑިވިޝަނުގައި 7 ޓީމާއެކު ޖުމްލަ 15 ޓީމު ވާދަ ކުރިއެވެ. މިމުބާރާތުގެ ސްޕޮންސަރކޮށްފައިވަނީ ފިއުލް އެކްސްޕްރެސް މޯލްޑިވްސްއިންނެވެ. އަދި އޮންލައިން މީޑިއާ ޕާރޓްނަރ އަކީ ރާއްޖެ އެމް.ވީއެވެ.
ލިޔުނީ: ޝަމާ މުޙައްމަދު،
އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ