ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ބަހުސް މުބާރާތުގެ ފައިނަލް މެޗު އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) ކައިރިން ކުރި ހޯދައި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ (އެފް.އެސް.އެލް) މިބާރާތުގެ ޗެމްޕިއަންކަން ނަގައިފިއެވެ.
5 ނޮވެންބަރު ވީ ހުކުރު ދުވަހުގެ ރޭގަނޑު ބޭއްވުނު ބަހުސް މުބާރާތުގެ ފައިނަލް ބަހުސްގައި އެމް.އެން.ޔޫ.ބީއެސް އަދި އެފް.އެސް.އެލް ބައްދަލުކޮށް 983 – 953 ގެ ނަތީޖާ އަކުން އެފް.އެސް.އެލް ވަނީ ކުރި ހޯދާފައެވެ. މި ބަހުސްގެ މައުޟޫ އަކީ ”ދިވެހި ރާއްޖެއަށް އެންމެ އެކަށީގެންވާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެވެ“ މިއެވެ. އެފް.އެސް.އެލް އިން މައުޟޫއާއި އެއްކޮޅަށް ބަހުސް ކުރިއިރު އެމް.އެން.ޔޫ.ބީއެސް އިން ބަހުސްކުރީ މައުޟޫއާއި ދެކޮޅަށެވެ. މި ބަހުސްގެ އެންމެ މޮޅު ބަހުސްކުރުންތެރިޔަކަށް ހޮވިފައިވަނީ އެމް.އެން.ޔޫ.ބީ.އެސްގެ ދަރިވަރު އާމިނަތު އީނާސް އެވެ.
ފައިނަލް ބަހުސްއަށްފަހު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައި ވަނަތަކަށް ހޮވުނު ޓީމުތަކަށާއި ދަރިވަރުންނަށްވަނީ ޓްރޮފީއާއި ހަނަދާނީލިޔުން ހަވާލުކޮށްފައެވެ. އެގޮތުން މުބާރާތުގެ އެންމެ މޮޅު 5 ބަހުސް ކުރުންތެރިންނަށް ހޮވިފައިވަނީ، މުހައްމަދު ނާއިލް ހަފީޒު (ސީ.އެފް.އެސް)، ޝާމާ ޝުޢައިބު (ވިލާ ކޮލެޖް)، އާމިނަތު އީނާސް (އެމް.އެން.ޔޫ.ބީ.އެސް)، މުހައްމަދު އައިޝް (އެފް.އެސް.އެލް) އަދި އާމިނަތު ނަސޫހާ (އެފް.އެސް.އެލް) އެވެ. މީގެއިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު ބަހުސް ކުރުންތެރިޔަކަށް ހޮވިފައިވަނީ އެމް.އެން.ޔޫ.ބީ.އެސް ގެ ދަރިވަރު އާމިނަތު އީނާސް އެވެ.
މި އަހަރުގެ މުބާރާތުގައި އެމް.އެން.ޔޫ އިން ބޭރު ދެ ޓީމުކަމަށްވާ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) އަދި ވިލާ ކޮލެޖް (ވީ.ސީ) ވަނީ ބައިވެރިވެފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތަކީ ދިވެހި ބަސް ދިރުވައި އާލާކޮށް، ބަހުގެ ހަމަތަކާ އެއްގޮތަށް ދިވެހިބަސް ބޭނުން ކުރަން ބާރުއެޅުމަށާއި ޢިލްމީ ފެންވަރެއްގައި އުފެއްދުންތެރި ގޮތުގައި ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ދޫފަރިތަ، ކުޅަދާނަ ވާހަކަދެއްކުންތެރިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރު މި ބޭއްވެނީ ސިލްސިލާކޮށް ބޭއްވޭ މި މުބާރާތުގެ 8 ވަނަ މުބާރާތެވެ.