ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން ކުރިއަށް ގެންދާ ހަޔަރ އެޑިއުކޭޝަން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) ބަލިކޮށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން ފައިނަލަށް ދަތުރުކޮށްފިއެވެ.
މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އެވިޑާ ދެކޮޅަށް ކުޅުނު މެޗު އެމް.އެން.ޔޫއިން ކާމިޔާބުކުރީ 3-2 ސެޓުންނެވެ. އަދި އެމް.އެން.ޔޫ ޕީއީ ހޯލުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު ދެވަނަ މެޗު އެމް.އެން.ޔޫ އިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.


މެޗުގެ ފުރަތަމަ ސެޓުގައި އެމް.އެން.ޔޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މި ސެޓު އެމް.އެން.ޔޫއިން ވަނީ 25-19 އިން ކާމިޔާބުކޮށްފައެވެ.
އެކަމަކު ޖެހިގެން އައި ސެޓުގައި އައި.ޔޫ.އެމްގެ ފަރާތުން ތަފާތު ރޫހެއްގައި ކުޅުނުއިރު، މި ސެޓުގައި އެމް.އެން.ޔޫ ކުޅުންތެރިންގެ ފަރާތުން ގިނަ ގޯސްތަކެއް ވަނީ ހެދިފައެވެ. އެއާއެކު މި ސެޓު އައި.ޔޫ.އެމް އިން ވަނީ 14-25 އިން ކާމިޔާބުކޮށްފައެވެ.
މެޗުގެ ތިންވަނަ ސެޓުގައި އެމް.އެން.ޔޫ އިން ވަނީ ދެވަނަ ސެޓުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް ފުރަތަމަ ސެޓުގައި އެމް.އެން.ޔޫ ޓީމުގެ ފަރާތުން ފެނިގެންދިޔަ ކުޅުން އަލުން ދައްކައިފައެވެ. އެއާއެކު މި ސެޓު އެމް.އެން.ޔޫ އިން ކާމިޔާބުކުރީ 25-19 އިންނެވެ.
މެޗުގެ ފަހު ސެޓުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓުގައި، ދެ ޓީމުން ވެސް ވަނީ ރެފުރީންގެ ނިންމުންތަކާ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ވާދަވެރި ކުޅުމަކަށްފަހު މި ސެޓު އެމް.އެން.ޔޫ އިން ކާމިޔާބުކުރީ 25-22 އިންނެވެ.


އެމް.އެން.ޔޫ އިން ވަނީ މީގެ ކުރިން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީ.އޭ.އެމް) އިން ކުރިއަށް ގެންދިޔަ އިންޓަރ ކޮލެޖު/ ޔުނިވަރސިޓީ ވޮލީބޯލް މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެ މުބާރާތް މިލްކުކޮށްފައެވެ. އަދި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީވެސް އެމް.އެން.ޔޫ އެވެ. އެގޮތުން އެމް.އެން.ޔޫ އިން ވަނީ ޖުމްލަ ފަސް ފަހަރު އިންޓަރ ކޮލެޖު/ ޔުނިވަރސިޓީ ވޮލީބޯލް މުބާރާތް ކާމިޔާބުކޮށްފައެވެ.






