ކޮލަމްބޯގައި މިހާރު ކުރިއަށްދާ ޔޫތު ފޯރަމް ލީޑަރޝިޕް ސަމިޓްގައި ބައިވެރިވުމަށް ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ.) އަށް ލިބުނު ފުރުސަތުގައި ޔޫނިއަންގެ ދެ މެންބަރުން ލަންކާ އަށް ވަނީ ގޮސްފައެވެ.
މި ސަމިޓުގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް ހަތަރު ބައިވެރިންނަށް ޖާގަ ލިބިފައިވާއިރު، އޭގެތެރެއިން އެމް.އެން.ޔޫ.އެސް.ޔޫ.އަށް ލިބުނު ފުރުސަތުގައި ކުރީގެ އެސިސްޓަންޓް ސެކްރެޓަރީ ފާތިމަތު ނައުޝީން އަދި މިދައުރުގެ ސެކްރެޓަރީ މުހައްމަދު ހިޒްޔަމް ހާމިދް ވަނީ ބައިވެރިވެފައެވެ.
ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީގެ ފަރާތުން ބާއްވާ މި ސަމިޓުގައި މި ސަރަހައްދުގެ ހުރިހާ ޤައުމުތަކުން ބައިވެރިވެއެވެ. މި ސަމިޓުގައި ލީޑަރޝިޕް އިނޮވޭޝަން ސެޝަންފަދަ އެތައް ހަރަކާތްތައް ކުރިއަށްދާނެއެވެ. މާރިޗު 1ން 8ކަށް ކުރިއަށްދާ މި ސަމިޓުގައި ބައިވެރިންގެ ލީޑަރޝިޕާއި ގުޅޭ ހުނަރުތައް އިތުރަށް ތަރައްގީ ކުރެވިގެންދާނެއެވެ.
މިފުރުސަތަކީ ދިވެހި ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީއިން އެމް.އެން.ޔޫ.އެސް.ޔޫ.އަށް ފަހިކޮށްދެއްވި ފުރުސަތެކެވެ. މިދަތުރުގެ ހުރިހާ ހަރަދުތައް ސްޕޮންސަރ ކޮށްދެއްވާފައިވަނީ އެމްބަސީގެ ފަރާތުންކަން ފާހަގަކޮށްލެވެއެވެ.
އެމެރިކާގެ އެމްބަސީއާއި އެމް.އެން.ޔޫ.އެސް.ޔޫ.ގެ ގާތް ގުޅުމެއް ގާއިމުކުރެވިފައިވާއިރު، ދެފަރާތުން ގުޅިގެން މިހާތަނަށް އައިއިރު ގިނަ ހަރަކާތްތަކެއް ރާވާ ހިންގާފައިވެއެވެ.






