ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން މާލޭ ސިޓީ ކައުންސިލާ ބައްދަލު ކޮށްފި އެވެ.
މި ބައްދަލުވުމަކީ ޔޫނިއަންއާ ސިޓީ ކައުންސިލާ ގުޅިގެން ހިންގިދާނެ ހަރަކާތްތަކާއި ތަފާތު މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމުގެ ގޮތުން 16 ޖުލައި ވީ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ ފަރާތުން ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝު، ކައުންސިލް މެމްބަރު މަރްޔަމް ރީޙާން ނާޡިމް، އިބްރާހީމް މުޙައްމަދު އަދި ކޮންސަލްޓަންޓް ހަބީބު ޒާހިރު ވަނީ ބައިވެރިވެފައެވެ. އަދި ޔުނިއަންގެ ފަރާތުން، ޔުނިއަން ހިންގާ ކޮމެޓީ މެންބަރުންގެ އިތުރުން އެޑްވައިޒަރީބޯޑްގެ މެންބަރުންނާއި، ގޮފިތަކުގެ ބައެއް މެންބަރުން ވަނީ ބައިވެރިވެފައެވެ.
މިބައްދަލުވުމުގައި މާލެ ސިޓީ ތަރައްގީ ކުރުމުގެ ޕްލޭނެއް އެކުލަވާލުމުގައި ދަރިވަރުންގެ ފަރާތުން އިލްމީ ހިޔާލުތަކެއް ހުށަހަޅައި، ސިޓީ ތަރައްގީކުރުމުގެ މަސައްކަތުގައި އިލްމީ ޒުވާނުން ބައިވެރިކޮށް ހިޔާލުހޯދަން ޚާއްސަ ސެމިނާއެއް ހިންގުމަށް ނިންމާފައިވެއެވެ. މީގެ އިތުރުން ވާހަކަ ދެއްކުމުގެ މުބާރާތާއި، ބަހުސް މުބާރާތް އަދި ލިޔުންތެރިކަމުގެ މުބާރާތް ފަދަ އަދަބީ މުބާރާތްތަކުގެ އަލީގައި ޤައުމީ ތަރައްގީއަށް ބޭނުންވާ އައު ހިޔާލުތައް ހޯދަން ވަނީ މަޝްވަރާ ކުރެވިފައެވެ. އަދި، ކުޑަކުދިންގެ ދުވަސްފަދަ އާމުންނާއި ގުޅުންހުރި އެކިއެކި ދުވަސްތައް ފާހަގަކުރުމާއި ފެސްޓިވަލްތައް ހިންގުމުގައިވެސް، ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ވަނީ މަޝްވަރާކުރެވިފައެވެ. މި ބައްދަލުވުމައްފަހު ޔުނިއަން އާއި މާލެ ސިޓީ ކައުންސިލާ ގުޅިގެން ތަފާތު އެކި އެކި ހަރަކާތްތައް ހިންގުމަށް ވަނީ ވަރަށް ފުޅާ މަގެއް ފަހިވެފައެވެ.