ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ގެ އޮޑި އަމާން ބަނދަރަކަށް ގެންދިޔުމުގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި، ޔޫނިއަންގެ އޮޑި އަމާން ބަނދަރަކަށް ގެންދާނީ ގުޅިގެން ކުރާ މަސައްކަތުން ކަމަށް އެމް.އެން.ޔޫ.އެސް.ޔޫގެ 13 ވަނަ ދައުރުގެ ރައީސް އިބްރާހީމް މިޝަލް މޫސާ ވިދާޅުވެއްޖެ އެވެ.
އެމް.އެން.ޔޫ.އެސް.ޔޫގެ 13 ވަނަ ދައުރުގެ ހިންގާ ކޮމެޓީ އިފްތިތާޙުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިޝަލް ވިދާޅުވީ، މި ދައުރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރާނީ މިދިޔަ ދައުރުތަކުގައި ހިންގި ހަރަކާތްތައް އެއަށްވުރެ ފުރިހަމައަށް ކުރުމަށް ކަމަށެވެ.
”އަޅުގަނޑުގެ އެންމެ އިސްވާޖިބަކީ މިދައުރު ޔޫނިއަން އިން ކުރިއަށް ގެންދިޔަ ހުރިހާ ހަރަކާތެއް އެއަށްވުރެ ފުރިހަމައަށް ކުރަމުން ގެންދިޔުން. އަޅުގަނޑު މިއަދު ޔަގީންކަން މި އަރުވަނީ އަޅުގަނޑުމެންގެ ޓީމުން އެ މަސައްކަތް ފުރިހަމައަށް ކުރާނީ ތިޔަ ހުރިހާ ފަރާތްތަކާ ގުޅިގެން ކަން.“ މިޝަލް ވިދާޅުވި އެވެ.
މިޝަލް ވިދާޅުވީ، ޔޫނިއަން މިއަދު މިއޮތް ހަރުފަތައް އާދެވުނީ ގިނަ ބަޔެއްގެ އަގުހުރި މަސައްކަތުން ކަމަށެވެ. އަދި އެ ފަރާތްތަކުގެ މަސައްކަތް ޔޫނިއަނުން އަބަދުވެސް ބަލައިގަންނާނެ ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ ފަރާތްތަކުން ޔޫނިއަންއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
މީގެ އިތުރުން މިޝަލް ވަނީ ޔޫނިއަން އަށް އެމް.އެން.ޔޫގެ މެނޭޖުމަންޓުން ދެއްވާ އެހީތެރިކަން ފާހަގަކުރައްވާ އެމް.އެން.ޔޫގެ މެނޭޖުމަންޓަށް ހާއްސަކޮށް ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް އަދި ޑީން އޮފް ސްޓޫޑެންޓްސް އާޝިޔާ ލީލާ އަހުމަދަށް ޝުކުރު ދަންނަވާފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިޝަލް ވަނީ 13 ވަނަ ދައުރު ހިންގާ ކޮމެޓީގެ އެޑްވައިޒަރީ ބޯޑު އިއުލާންކުރައްވާފަ އެވެ.
13 ވަނަ ދައުރުގެ އެޑްވައިޒަރީ ބޯޑު މެމްބަރުން:
އަރުޝަދު އަޝްރަފް (ހަވަނަ ދައުރުގެ ރައީސް)
މުޙައްމަދު ޝާން އާމިރު (ހަތްވަނަ ދައުރުގެ ރައީސް)
އަލީ ޝަމްޢޫން (އަށްވަނަ ދައުރުގެ ރައީސް)
އަބްދުﷲ ޝަހުނީޒް (ނުވަވަނަ ދައުރުގެ ރައީސް)
ޖައިޝް އަލީ ވަހީދު (ބާރަވަނަ ދައުރުގެ ރައީސް)
ހުސެއިން އަލީ (ނުވަވަނަ ދައުރުގެ ނައިބު ރައީސް)
އަހުމަދު ޝާން (ޔޫނިއަންގެ ދެވަނަ އަށް އެންމެ މަތީ ޝަރަފުގެ ވެރިޔާ)
އެމް.އެން.ޔޫ.އެސް.ޔޫ 13 ވަނަ ދައުރުގެ ހިންގާ ކޮމެޓީ އިފްތިތާހުކުރި ޖަލްސާގައި ވަނީ މިދިޔަ އަހަރުތަކުގައި އެމް.އެން.ޔޫ.އެސް.ޔޫ އަށް މަސައްކަތްކޮށްދެއްވި ފަރާތްތަކަށް އެވޯޑް ދީފަ އެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ މިއަހަރުގެ އެންމެ ހަރަކާތްތެރި ގޮފިތަކަށް ވަނަ ދީފަ އެވެ.