މައިނާ އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2025ގެ ފިރިހެން ޑިވިޜަނުގެ ސެމީ ފައިނަލަށް ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ)، އެމް.އެން.ޔޫ ބިޒްނަސް ސްކޫލް، ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް) އަދި އެސް.އެން ދަތުރުކޮށްފިއެވެ.
މި މުބާރާތުގެ އަންހެން ޑިވިޜަނުގެ ސެމީ ފައިނަލްގެ ޖާގަ ސީ.އެފް.އެސް އާއި އެފް.އީ އާއި، އެމް.އެން.ޔޫ ބިޒްނަސް ސްކޫލު އަދި އެސް.އެން އިން ވަނީ ކަށަވަރުކޮށްފައެވެ.
މިރޭ ކުޅުނު ހަވަނަ ދުވަހުގެ އަންހެން ޑިވިޜަނުގެ މެޗުތަކުން ސްކޫލް އޮފް ނާސިންގ (އެސް.އެން)، ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް)، ފިރިހެން ޑިވިޜަނުގެ މެޗުތަކުން އެމް.އެން.ޔޫ ބިޒްނަސް ސްކޫލް އަދި ސްކޫލް އޮފް ނާސިންގ ވަނީ މޮޅުވެފައެވެ.
މިރޭގެ އަންހެން ޑިވިޜަނުގެ ސްކޫލް އޮފް ނާސިންގ އާއި ފެކަލްޓީ އޮފް އާޓްސް (އެފް.އޭ) ބައްދަލުކުރި މެޗު އެސް.އެން އިން ކާމިޔާބުކޮށްފައިވަނީ 2-0 ސެޓުންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެސް.އެންގެ ރަހީމާ ޢަބްދުﷲއެވެ.
މިރޭގެ އަންހެން ޑިވިޜަނުގެ ދެވަނަ މެޗުގައި ފެސްޓާއި ސީ.އެފް.އެސް ބައްދަލުކުރި މެޗު 1-2 ސެޓުން ސީ.އެފް.އެސް އިން ކާމިޔާބުކޮށްފައިވާއިރު، މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީ.އެފް.އެސްގެ ޝަމްހާ މުޙައްމަދެވެ.
މިރޭ ކުޅުނު ފިރިހެން ޑިވިޜަނުގެ ފުރަތަމަ މެޗުން ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ މައްޗަށޤ އެމް.އެން.ޔޫ ބިޒްނަސް ސްކޫލުން ކުރި ހޯދާފައިވަނީ 2-1 ސެޓުންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ބިޒްނަސް ސްކޫލުގެ ސުޢައިދު ޔޫނުސް ވަނީ ހޮވިފައެވެ.
ފިރިހެން ޑިވިޜަނުގެ ދެވަނަ މެޗުގައި އެސް.އެން އާއި އެފް.އޭ ބައްދަލުކުރި މެޗު އެސް.އެން އިން ކާމިޔާބުކޮށްފައިވަނީ 2-0ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް އެސް.އެންގެ އަލީ އާނިމް ޝާހިދު ވަނީ ހޮވިފައެވެ.
މި މުބާރާތުގައި ރޭ ކުޅެވުނު ފިރިހެން ޑިވިޜަނުގެ ފުރަތަމަ މެޗުގައި އެފް.އޭ އާއި އެފް.އެޗް.އެސް ބައްދަލުކޮށް، އެފް.އޭ އިން ވަނީ އެފް.އެޗް.އެސްގެ މައްޗަށް ކުރި ހޯދާފައެވެ. އަދި އެފް.އޭގެ ހުސައިން ހާފިޒު ވަނީ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައެވެ.
ފިރިހެން ޑިވިޜަނުގެ ދެވަނަ މެޗުގައި އެސް.އެން އާއި ސީ.އެފް.އެސް ބައްދަލުކޮށް، އެސް.އެން އިން ވަނީ 2-1 ސެޓުން މި މެޗު ކާމިޔާބުކޮށްފައެވެ. އަދި އެސް.އެންގެ އަލީ އާނިމް ޝާހިދު ވަނީ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ފިރިހެން ޑިވިޜަނުގައި މާދަމާ ރޭ 20:30ގައި ބައްދަލުކުރާނީ އެސް.އެން އާއި ފެސްޓް، އަދި 22:30ގައި އެފް.އީ އާއި އެމް.އެން.ޔޫ ބިޒްނަސް ސްކޫލެވެ. އަދި އަންހެން ޑިވިޜަނުގައި ބުރާސްފަތި ދުވަހުގެ ރޭ ބައްދަލުކުރާނީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލާއި އެފް.އީ އަދި ސީ.އެފް.އެސް އާއި އެސް.އެން އެވެ.
މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ މައިނާ އެވެ. މީގެ އިތުރުން ސްޕޮންސަރުންގެ ގޮތުގައި ވުޑިކޯ، އޭޕެކްސް، އޮބިއޮން އަދި ދިރާގު ހިމެނެ އެވެ. މީގެ އިތުރުން މި ފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ހުލާސާ އެވެ.