މައިނާ އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ-ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2025ގެ އަންހެން ޑިވިޜަނުގެ ފައިނަލަށް އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (ބީ.އެސް) އާއި ސްކޫލް އޮފް ނާސިންގ (އެސް.އެން) ދަތުރުކޮށްފިއެވެ.
ރޭ އެމް.އެން.ޔޫގެ ޕީއީ ހޯލުގައި ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ އެސް.އެން އާއި ފެކަލްޓީ އޮފް އެޑިއުކޭޝަނެވެ. މި މެޗު 3-1 ސެޓުން އެސް.އެން ކާމިޔާބުކޮށްފައިވާއިރު، އެ ޓީމުގެ މަނާލް އިސްމާއިލް ރަޝީދު ވަނީ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައެވެ.
ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒް އާއި އެމް.އެން.ޔޫ ބިޒްނަސް ސްކޫލް ބައްދަލުކުރި މެޗު 3-0 ސެޓުން ކާމިޔާބުކޮށްފައިވަނީ ބީ.އެސް އިންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ބީ.އެސްގެ އާމިނަތު މާނާ ނާޒިމް ވަނީ ހޮވިފައެވެ.
މުބާރާތުގެ އަންހެން ޑިވިޜަނުގެ ފައިނަލް 19 އޭޕްރީލް 2025ވާ ހޮނިހިރު ދުވަހުގެ ހަވީރު ކުޅުމަށް ހަމަޖެހިފައިވާއިރު، އެ ރޭ ފިރިހެން ޑިވިޜަނުގެ ފައިނަލް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ މައިނާ އެވެ. މީގެ އިތުރުން ސްޕޮންސަރުންގެ ގޮތުގައި ވުޑިކޯ، އޭޕެކްސް، އޮބިއޮން އަދި ދިރާގު ހިމެނެ އެވެ. މީގެ އިތުރުން މި ފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ހުލާސާ އެވެ.