ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ކުރިއަރައި ދިޔުމުގެ އެންމެ ބޮޑު ސިއްރަކީ ޔޫނިއަންގައި މަސައްކަތްކުރާ އިސްވާރުންގެ ”ސަފުތަކުގެ“ ބަދަހިކަމުން ކަމަށް 14 ވަނަ ދައުރުގެ ރައީސް މުހައްމަދު އަޔާޝް އަލީ ވިދާޅުވެއްޖެ އެވެ.
04 ޑިސެމްބަރު 2025 ވަނަ ދުވަހުގެރޭ ބޭއްވި އެމް.އެން.ޔޫ.އެސް.ޔޫ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން އަޔާޝް ވަނީ މިދިޔަ 13 އަހަރު ޔޫނިއަންގެ އެކިއެކި ހިންގާ ކޮމެޓީތަކުން ޔޫނިއަންއަށް ދެމުން ގެންދާ، އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފަ އެވެ. މީގެ އިތުރުން އަޔާޝް ވަނީ ޔޫނިއަންގެ ކަންކަމުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރިސޓީ (އެމް.އެން.ޔޫ) މެނޭޖުމަންޓުން ވަކިން ހާއްސަކޮށް ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ދެމުން ގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފަ އެވެ.
ޔޫނިއަންގެ 14 ވަނަ ދައުރުގެ ރައީސްކަމާ ހަވާލުވުމަށްފަހު އަޔާޝް ޖަލްސާގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން އަޔާޝް ވަނީ ޔޫނިއަންގެ ކުރީގެ އަދި މިހާރުގެ އިސްވާރުން އެކުގައި ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަ ކުރައްވާފަ އެވެ.
”މި ޔޫނިއަންގެ ކާމިޔާބީގެ އެންމެ ބޮޑު އެއް ސިއްރަކީ ޔޫނިއަންގައި މަސައްކަތްކުރާ ދަރިވަރުންގެ ސަފުތަކުގެ ބަދަހިކަން. އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަމާއި އަޚުވަންތަކަން. ޔޫނިއަންގެ އިސްވާރުންގެ މެދުގައި އޮންނަ ގުޅުންތެރިކަމާ، އެކުވެރިކަން. ޔޫނިއަންގެ ކުރީގެ ރައީސުންނާއި، ހިންގާ
ކޮމިޓީތަކާއި، އެމް.އެން.ޔޫގެ ކުރީގެ އަދި މިހާރުގެ ދަރިވަރުންނާއި، ޔޫނިއަންގެ އިސްވާރުންނާއެކު މިކުރާ މަސައްކަތް، މިގޮތުގައި ކުރިޔަށް ގެންދާހާ ހިނދަކު، ޔޫނިއަންގެ މުސްތަގުބަލު އުޖާލާ ވާނެ ކަމާމެދު އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން“ އަޔާޝް ވިދާޅުވި އެވެ.
މީގެ އިތުރުން އަޔާޝް ވަނީ 14 ވަނަ ދައުރު އެމް.އެން.ޔޫ.އެސް.ޔޫ ހިންގާ ކޮމެޓީގެ އެޑްވައިޒަރީ ބޯޑުގެ މެމްބަރުން އިއުލާން ކުރައްވާފަ އެވެ.
14 ވަނަ ދައުރުގެ އެޑްވައިޒަރީ ބޯޑު:
– ހަތަރެއް އަދި ފަސްވަނަ ދައުރުގެ ރައީސް އުސްތާޒް އަލީ ރަޝީދު
ހަވަނަ ދައުރުގެ ރައީސް އަރުޝަދު އަޝްރަފް
ހަތްވަނަ ދައުރުގެ ރައީސް މުހައްމަދު ޝާން އާމިރު
ނުވަވަނަ ދައުރުގެ ރައީސް އަބްދުﷲ ޝަހުނީޒް
ބާރަވަނަ ދައުރުގެ ރައީސް ޖައިޝް އަލީ ވަހީދު
ތޭރަވަނަ ދައުރުގެ ރައީސް އިބްރާހީމް މިޝްއަލް މޫސާ
ޔޫނިއަންގެ ކުރީގެ ނައިބު ރައީސް ހުސެއިން އަލީ
ބީއެސްއެސްއޭގެ ކުރީގެ ރައީސް އަދި ބެރު ގްރޫޕްގެ ކުރީގެ މެނޭޖަރު މުހައްމަދު ޔާސިރު މޫސާ
ތަރަހައިގެ ކުރީގެ ރައީސް އަހުމަދު ޝާން
މީގެ އިތުރުން އަޔާޝް ވަނީ މި ފެށުނު ދައުރަކީ ވެސް ކާމިޔާބު ދައުރެއްގެ ގޮތުގައި ނިންމާލާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.






