ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން ދަރިވަރުންނަށްޓަކައި ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް 13 ވަނަ ދައުރުގެ ރައީސް އިބްރާހީމް މިޝަލް މޫސާ އިލްތިމާސް ކުރައްވައިފި އެވެ.
04 ޑިސެމްބަރު 2025 ވީ ބުރާސްފަތި ދުވަހުގެރޭ އެމް.އެން.ޔޫ.އެސް.ޔޫ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން މިޝަލް ވަނީ މިދިޔަ ދައުރު ކާމިޔާބުކަމާއެކު ނިންމާލެވުނީ ދަރިވަރުންގެ ކިބައިން ލިބިގެންދިޔަ އެއްބާރުލުމާއެކުގައިކަން ފާހަގަ ކުރައްވާފަ އެވެ.
މީގެ އިތުރުން މިޝަލް ވަނީ މި ފެށުނު 14 ވަނަ ދައުރުގައި ވެސް ދަރިވަރުންގެ ހައްގުގައި ޔޫނިއަންގެ ހިންގާ ކޮމެޓީން ދަރިވަރުންނަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޔޫނިއަން އިން ގޮވާލި ކޮންމެ ގޮވާލުމަކަށް ޔޫނިއަން އަށް އެއްބާރުލުންދީ ”ރައީސް“ އެއްގެ ހައިސިއްޔަތުން ޔޫނިއަންގެ މަސައްކަތްތަކުގައި ބައިވެރިވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާފަ އެވެ. 

މިޝަލް ވިދާޅުވީ، ޔޫނިއަން އިން ކޮންމެ އަހަރަކުވެސް ދަރިވަރުންނަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެއްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ފުރުސަތުތަކުގެ ބޭނުން ދަރިވަރުން ހެޔޮގޮތުގައި ހިފުމަށް މިޝަލް ވަނީ އެދިވަޑައިގެންފަ އެވެ.
”ތިޔަ ދަރިވަރުންނަށް މިއަދު ތި ލިބިގެންދާ ގިނަ ފުރުސަތުތަކުގެ ހިއްސާދާރަކީ މި ޔޫނިއަންކަން ޔަގީން. ޔޫނިއަންގައި މަސައްކަތްކުރާ ކޮންމެ ދަރިވަރަކަށްވެސް ފުރުސަތުތައް ހޯދައިދިނުމަށް ޔޫނިއަނުން އަބަދުވެސް މަސައްކަތްކުރާނެ. އެ ފުރުސަތުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި، ޔޫނިއަނަށް ޚިދުމަތްކުރާ،
ހުނަރުވެރި މީހަކަށް ވުމަށް ގަދައަޅައި މަސައްކަތްކުރަންވާނެ. އަދި މި މަސައްކަތުގެ ހިއްސާދާރެއްގެ ގޮތުގައި މި ޔޫނިއަން އަބަދުވެސް އޮންނާނެކަމުގެ ޔަގީންކަން އަރުވަން.“ މިޝަލް ވިދާޅުވި އެވެ.
މީގެ އިތުރުން މިޝަލް ވަނީ 13 ވަނަ ދައުރުގެ ކާމިޔާބީގެ ފަހަތުގައިވާ އެންމެހާ ފަރާތްތަކަށް ޝުކުރުއަދާ ކުރައްވާފަ އެވެ.






