އެންމެ މުހިންމީ އުނގެނުމާއެކު އިތުރު ޙަރަކާތްތައް ބެލެންސް ކުރުން ކަމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ 14 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާހްކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި އިތުރަށް ވާހަކަފުޅުދައްކަވަމުން ވައިސް ޗާންސެލަރ ވަނީ ދަރިވަރުންގެ ތައުލީމީ ދަތުރަކީ އެންމެ އިސް އަމާޒުކަމުގައި ހަދައި، މަންހަޖުން ބޭރުގެ ލީޑަރޝިޕް ދައުރުތަކަކީ އަމިއްލަ ތަރައްޤީއަށް މުހިންމު ކަމެއްގެ ގޮތުގައި ދުށުމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، ޔުނިވަރސިޓީގެ އަމާޒަކީ ދަރިވަރުންގެ ޔޫނިއަންގެ ގޮފިތަކާއި ފެކަލްޓީތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ފެންވަރު ކަށަވަރުކުރުން ފަދަ ކަންކަމުގައި ދަރިވަރުން އިތުރަށް ތަމްސީލުވާނެހެން ގޮފިތައް އިތުރަށް ބާރުވެރިކުރުވުން ކަމުގައި ޑރ.ޝެހެނާޒް ވަނީ ފާހަގަކުރައްވާފައެވެ. އަދި ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމާއެކު އެކު އެކަޑަމިކް ކަންކަމުގައި ދަރިވަރުންގެ އަޑު އިއްވުމަށްޓަކައި ގޮފިތަކާއި ފެކަލްޓީތަކާއެކު އޮންނަ ގުޅުމާއި އޭގެ ދައުރުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި، ދަރިވަރުން ފެކަލްޓީތަކާއެކު ބާއްވާ ހަރަކާތްތަކުން އެކުގައި މަސައްކަތްކުރުމުގެ ރޫހު މިހާރުވެސް ފެންނަކަމުގައިވެސް ވަނީ ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން ޑރ.ޝެހެނާޒް ވަނީ ޔޫނިއަންގެ 13 ވަނަ ދައުރުގައި ހޯދި ކާމިޔާބީތަކާއި ކުރި ބުރަ މަސައްކަތްތައް އަދި ދެއްކި ނަމޫނާ ލީޑަރޝިޕް ފާހަގަކުރައްވައި 13 ވަނަ ދައުރުގެ ހިންގާ ކޮމިޓީއަށް ސާބަސްދީ ޝުކުރު އަދާކުރައްވާފައެވެ. އަދި އިފްތިތާހްކުރެވުނު 14 ވަނަ ދައުރުގެ ހިންގާ ކޮމިޓީއަށް ތަހުނިޔާ ދަންނަވައި، ޔޫނިއަންގެ ހުރިހާ ކަމެއްގައި ޔުނިވަރސިޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.






