ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ އަސާސީ ގަވާއިދަށް ގެނެވުނު ބަދަލުތައް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ކައުންސިލުން ފާސްކޮށްފި އެވެ.
4 ޑިސެންބަރުގައި އެމްއެންޔޫގެ ސެންޓްރަލް އޮޑިޓޯރިއަމްގައި ބޭއްވި އެމް.އެން.ޔޫ.އެސް.ޔޫގެ އަހަރީ އާންމު ޖަލްސާގައި ފާސްކުރެވުނު މި ބަދަލުތައް ޔުނިވަރސިޓީގެ ކައުންސިލުން ފާސްކޮށްފައިވަނީ މިއަދު ބޭއްވި އެ ކައުންސިލްގެ 388ވަނަ ޖަލްސާއިންނެވެ.
ދަރިވަރުންގެ ޔޫނިއަންގެ އަސާސީ ގަވާއިދަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ”ސެކްރެޓަރީ“ މި މަގާމުގެ ނަން ”ޖެނެރަލް ސެކްރެޓަރީ“އަށް ބަދަލުކޮށް، ދުވަހުން ދުވަހަށް ޔޫނިއަން ހިންގުމަށް ކުރަންޖެހޭ އިދާރީ ކަންތައްތައް ކުރާ އެންމެ އިސްފަރާތުގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން، ”އެސިސްޓެންޓް ސެކްރެޓަރީ“ މި މަގާމުގެ ނަން ”ރީޖިނަލް ކޯޑިނޭޓަރ“އަށް ބަދަލުކޮށް، މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަތޮޅު ކެމްޕަސްތަކުގެ ގޮފިތަކުގެ ކަންކަމުގައި އެހީތެރިވުމާއި ޔޫނިއަންގެ ދަށުން ހިންގާ ކްލަބްތަކަށް ބޭނުންވާ ކަންކަމުގައި އެހީތެރިވުން ހިމެނެއެވެ.
އަސާސީ ގަވާއިދަށް އިތުރަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި އަހަރީ އާންމު ޖަލްސާ އަހަރަކު އެއް ފަހަރު ބާއްވާ ގޮތަށް ގަވާއިދު އިސްލާހުކުރުންވެސް ހިމެނެއެވެ. އަދި މި ޖަލްސާ ވާނީ ގޮފިތަކުގެ ހިންގާ ކޮމިޓީ އިފްތިތާހުކުރުމަށް ބާއްވާ ޖަލްސާއަށް ނުވަތަ ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމިޓީ އިފްތިތާހުކުރުމަށް ބާއްވާ ޖަލްސާއަށް ކަމަށްވެސް ހުށަހެޅި ފާސްކުރެވިފައިވެއެވެ.
ދަރިވަރުންގެ ޔޫނިއަންގެ 14 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާހްކުރުމާއެކު ބޭއްވުނު އަހަރީ އާއްމު ޖަލްސާގައި މި އިސްލާހުތައް ހުށަހެޅުއްވީ ޔޫނިއަންގެ 13 ވަނަ ދައުރުގެ ރައީސް އިބްރާހީމް މިޝްއަލް މޫސާއެވެ. މި އިސްލާހުތައް ޖަލްސާއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.






