ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2026 ގައި މިއާންޒް ކޮލެޖު ކައިރިން ހޯދި އުނދަގޫ މޯޅާއެކު، ޒިކުރާ ކޮލެޖް ގްރޫޕް ޑީގެ އެއްވަނައަށް ޖެހިލައިފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ޒިކުރާއިން ކާމިޔާބު ކުރީ 8-7 ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ޒިކުރާ ޓީމުގެ ޖާޒީ ނަންބަރު 10، ހަސަން ރަޝީދެވެ. މި ނަތީޖާއާއެކު ޒިކުރާއިން ތާވަލުގެ އެއްވަނައަށް ޖެހިލީ ކުޅުނު ދެމެޗުން ހަ ޕޮއިންޓު ހޯދައިގެންނެވެ. ތިން ޕޮއިންޓާއެކު ތާވަލުގެ ދެވަނާގައި އޮތީ ޒިކުރާ އަތުން ބަލިވި މިއާންޒް ކޮލެޖެވެ.
ހޯމަ ދުވަހުގެ ރޭ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ސައިރިކްސް ކޮލެޖުގެ މައްޗަށް ވިލާ ކޮލެޖުން ކުރި ހޯދީ 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިލާ ކޮލެޖުގެ ޖާޒީ ނަންބަރު 98، ސައްމާމް ސަމީރެވެ. އެންމެ ފަހުގެ ޗެމްޕިއަން ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އާއި ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) ބައްދަލުކުރި މެޗު އެފް.އީ ޓީމުން ކާމިޔާބު ކުރީ 5-0 ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ އެފް.އީގެ ޖާޒީ ނަންބަރު 20، ޔައިޝް މުސްތަފާއެވެ.
މީގެ އިތުރުން، މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމް.ބީ.އެސް) އިން ވަނީ އެވިޑް ކޮލެޖާ ވާދަކޮށް 7-0 ން މޮޅުވެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމް.ބީ.އެސްގެ ޖާޒީ ނަންބަރު 77، ކައިސަން ބިން ހިސާނެވެ. މޯލްޑިވްސް ޕޮލިޓެކްނިކުން ސްކޫލް އޮފް މެޑިސިންގެ މައްޗަށް 4-0 ން ކުރި ހޯދި މެޗުގެ މޮޅު ކުޅުންތެރިއަކީ ޕޮލިޓެކްނިކްގެ ޖާޒީ ނަންބަރު 10، މިފްޒާލް އަބްދުލް ހަސީބެވެ. މެޕްސް ކޮލެޖާއި ފެކަލްޓީ އޮފް އެންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީ ބައްދަލުކުރި މެޗު ނިމުނީ 1-0 ން މެޕްސް ކޮލެޖު މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މެޕްސް ކޮލެޖުގެ ޖާޒީ ނަންބަރު 8، ޖަމްޝާދު ޖައުފަރެވެ.
ހޯމަ ދުވަހުގެރޭ މުބާރާތުގެ އަންހެން ޑިވިޝަނުގެ ދެމެޗެއްވެސް ކުޅެފައިވެއެވެ. އެގޮތުން، ވިލާ ކޮލެޖާއި މިއާންޒް ކޮލެޖު ބައްދަލުކުރި މެޗު ބައްދަލުކުރި މެޗު ނިމުނީ ކޮންމެ ޓީމަކުންވެސް ލަނޑެއްޖަހާ އެއްވަރު ވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ވިލާ ކޮލެޖުގެ ޖާޒީ ނަންބަރު 9، މަރިޔަމް މަލްސާ ޝަމީމެވެ. ޒިކުރާ ކޮލެޖާއި އެފް.އެޗް.އެސް ބައްދަލުކުރި މެޗު 2-1 ން އެފް.އެޗް.އެސް އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފް.އެޗް.އެސްގެ ޖާޒީ ނަންބަރު 12، އާމިނަތު ޝަފްނާއެވެ.
މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ. ބޭންކިންގ ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސްއެވެ. އަދި ލޮޖިސްޓިކްސް ޕާޓްނަރުގެ ގޮތުގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ހަރަކާތްތެރިވާއިރު, ޕްރިންޓިންގ އެންޑް ކިޓް ޕާޓްނަރަކީ ށަވިޔަންޏެވެ. މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ވޮއިސް ސްޕޯޓްސް ހަމަޖައްސާފައިވާއިރު, ބެވެރޭޖް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް (ތާޒާ) އެވެ. ސްޕޯޓިންގ ޕާޓްނަރެއްގެ ގޮތުގައި މާކުއީ ހަމަޖައްސާފައިވާ އިރު, ކޭޓަރިންގ ޕާޓްނަރަކީ ލެސޫކްއެވެ. ސާވިސެސް ޕާޓްނަރަކީ ޓާސްކިން އެޕްއެވެ. މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކީ ޖީ ލައިވްއެވެ.
މުބާރާތުގެ ޕާޓްނަރުންގެ ތެރޭގައި ދެން ހިމެނެނީ ތޫލް, މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް, ސްޕޯޓްސް އެންޑް ފިޓްނަސް, މާލެ ސިޓީ ކައުންސިލް އަދި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ އިތުރުން އީޒެޕް އާއި ކުއިކް އީޒީއެވެ.





