ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2026 ގައި ފެކަލްޓީ އޮފް އެންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް) އަދި މިއާންޒް ކޮލެޖު ފަސޭހަ މޮޅެއް ހޯދައިފިއެވެ.
އަންގާރަ ދުވަހުގެރޭ ފެސްޓުން ބައްދަލުކުރީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް) އާއެވެ. މި މެޗު ފެސްޓުން ކާމިޔާބު ކުރީ 5-1 ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެސްޓުގެ ޖާޒީ ނަންބަރު 16، މުޙައްމަދު ޖޫދު އިސްމާއިލްއެވެ. މިއާންޒް ކޮލެޖުން ނުކުތީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް) އާ ދެކޮޅަށެވެ. މި މެޗު މިއާންޒް ކޮލެޖުން ކާމިޔާބު ކުރީ 8-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ މިއާންޒް ކޮލެޖުގެ ޖާޒީ ނަންބަރު 17، އަހްމަދު ޝަޒީމެވެ.
ފިރިހެން ޑިވިޝަނުގައި އަންގާރަ ދުވަހުގެރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) އިން ވަނީ ފެކަލްޓީ އޮފް އާޓްސް (އެފް.އޭ) ގެ މައްޗަށް 5-2 ން ކުރި ހޯދާދައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމް.އެން.ޔޫ.ބީ.އެސްގެ ޖާޒީ ނަންބަރު 17 މުހައްމަދު މާއިސްއެވެ. މޯލްޑިވްސް އިންސްޓިޓިއުޓް ފޯ ޓެކްނޮލޮޖީ (އެމް.އައި.ޓީ) އާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ބައްދަލުކުރި މެޗު އެމް.އައި.ޓީ އިން ކާމިޔާބު ކުރީ 3-2 ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ އެމް.އައި.ޓީގެ ޖާޒީ ނަންބަރު އަބްދުﷲ ނާސިފެވެ.
މުބާރާތުގެ އަންހެން ޑިވިޝަނުގައި އަންގާރަ ދުވަހުގެރޭ ދެމެޗު ކުޅުނެވެ. އެގޮތުން، މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމް.ބީ.އެސް) އާއި ސައިރިކްސް ކޮލެޖު ބައްދަލުކުރި މެޗު އެމް.ބީ.އެސް އިން ކާމިޔާބު ކުރީ 9-0 ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމް.ބީ.އެސްގެ ޖާޒީ ނަންބަރު 17، މަރިޔަމް މަލާކް ޝަކީބެވެ. އެފް.އެޗް.ޓީއެސްގެ މައްޗަށް އެފް.އެސް.އެލްއިން ކުރި ހޯދީ 1-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ އެފް.އެސް.އެލްގެ ޖާޒީ ނަންބަރު 7، އައިޝަތު ހައިފާ ފައިސަލްއެވެ.
މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ. ބޭންކިންގ ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސްއެވެ. އަދި ލޮޖިސްޓިކްސް ޕާޓްނަރުގެ ގޮތުގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ހަރަކާތްތެރިވާއިރު, ޕްރިންޓިންގ އެންޑް ކިޓް ޕާޓްނަރަކީ ށަވިޔަންޏެވެ. މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ވޮއިސް ސްޕޯޓްސް ހަމަޖައްސާފައިވާއިރު, ބެވެރޭޖް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް (ތާޒާ) އެވެ. ސްޕޯޓިންގ ޕާޓްނަރެއްގެ ގޮތުގައި މާކުއީ ހަމަޖައްސާފައިވާ އިރު, ކޭޓަރިންގ ޕާޓްނަރަކީ ލެސޫކްއެވެ. ސާވިސެސް ޕާޓްނަރަކީ ޓާސްކިން އެޕްއެވެ. މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކީ ޖީ ލައިވްއެވެ.
މުބާރާތުގެ ޕާޓްނަރުންގެ ތެރޭގައި ދެން ހިމެނެނީ ތޫލް, މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް, ސްޕޯޓްސް އެންޑް ފިޓްނަސް, މާލެ ސިޓީ ކައުންސިލް އަދި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ އިތުރުން އީޒެޕް އާއި ކުއިކް އީޒީއެވެ.






