ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2026 ގައި ސްކޫލް އޮފް މެޑިސިން (އެސް.އެމް) އާއި ވާދަކޮށް، ޒިކުރާ ކޮލެޖުން ބޮޑު މޮޅެއް ހޯދައިފިއެވެ.
މި މެޗު ޒިކުރާ ކޮލެޖުން ކާމިޔާބު ކުރީ 14-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ޒިކުރާ ކޮލެޖުން ގިނަ ލަނޑުތަކެއް ޖެހި މި މެޗުގައި އެޓީމުގެ ޖާޒީ ނަންބަރު 12 އަހްމަދު އައިޝަމް އިޤްބާލް އަދި ޖާޒި ނަންބަރު 10، ހަސަން ރަޝީދު ވަނީ ހެޓްރިކް ހަދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒިކުރާ ކޮލެޖުގެ ހަސަން ރަޝީދެވެ. މި ނަތީޖާއާއެކު ޒިކުރާ ކޮލެޖުން ވަނީ ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓު ހޯދާފައެވެ.
މުބާރާތުގައި ހޯމަ ދުވަހުގެރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމް.ބީ.އެސް) އިން އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މައްޗަށް ކުރިހޯދީ 5-0 ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ އެމް.ބީ.އެސްގެ ޖާޒީ ނަންބަރު 10، އިބްރާހިމް ހާމިދެވެ. ވިލާ ކޮލެޖާއި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) ބައްދަލުކުރި މެޗު 1-0 ން ސީ.އެފް.އެސް ކާމިޔާބު ކުރިއިރު، މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީ.އެފް.އެސްގެ ޖާޒީ ނަންބަރު 27، އަބްދުﷲ ރިޒާން މުހައްމަދެވެ. މެޕްސް ކޮލެޖުން ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) ގެ މައްޗަށް ކުރި ހޯދީ 3-0 ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މެޕްސް ކޮލެޖުގެ ޖާޒީ ނަންބަރު 8، ޖަމްޝާދު ޖައުފަރެވެ.
މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ. ބޭންކިންގ ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސްއެވެ. އަދި ލޮޖިސްޓިކްސް ޕާޓްނަރުގެ ގޮތުގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ހަރަކާތްތެރިވާއިރު, ޕްރިންޓިންގ އެންޑް ކިޓް ޕާޓްނަރަކީ ށަވިޔަންޏެވެ. މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ވޮއިސް ސްޕޯޓްސް ހަމަޖައްސާފައިވާއިރު, ބެވެރޭޖް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް (ތާޒާ) އެވެ. ސްޕޯޓިންގ ޕާޓްނަރެއްގެ ގޮތުގައި މާކުއީ ހަމަޖައްސާފައިވާ އިރު, ކޭޓަރިންގ ޕާޓްނަރަކީ ލެސޫކްއެވެ. ސާވިސެސް ޕާޓްނަރަކީ ޓާސްކިން އެޕްއެވެ. މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކީ ޖީ ލައިވްއެވެ.
މުބާރާތުގެ ޕާޓްނަރުންގެ ތެރޭގައި ދެން ހިމެނެނީ ތޫލް, މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް, ސްޕޯޓްސް އެންޑް ފިޓްނަސް, މާލެ ސިޓީ ކައުންސިލް އަދި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ އިތުރުން އީޒެޕް އާއި ކުއިކް އީޒީއެވެ.






