ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ލ.ގަމު ކެމްޕަހުގެ ގޮފި އަހުރައިގެ ފަރާތުން ބާއްވާ ”އަހުރަ ޤުރުއާން އަދި މަދަހަ މުބާރާތް 1445“ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތުގެ މަގުސަދަކީ ޤައުމީ ޔުނިވަރސިޓީގެ ގަމު ކެމްޕަހުގެ ދަރިވަރުންގެ މެދުގައި އިސްލާމީ ރޫޙު އާލާކުރުމާއި، ޤުރުއާން ކިޔެވުމުގެ ޝައުޤުވެރިކަން ދަރިވަރުންގެ މެދުގައި އާލާކޮށް ދިރުވުމާއި، މަދަޙަ ކިޔާ، ހުށަހަޅާ ހިތްވާ ދަރިވަރުންގެ މެދުގައި ކިޔުންތެރިކަމުގެ ފަންނުވެރިކަން ކުރިއެރުވުމުގެ އިތުރުން މި މުބާރާތުގެ ސަބަބުން މުސްތަޤުބަލުގައި ފެންވަރު ރަނގަޅު ދިވެހި ފަންނުވެރިން އުފެއްދުމެވެ.
ގަމު ކެމްޕަހުގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށް ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 26 މާރިޗުވާ އަންގާރަ ދުވަހުގެ 14:00 އެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޤަވާއިދު އަހުރަ ފޭސްބުކް ޕޭޖުން ލިބޭނެއެވެ.
މިއަހަރު އަހުރައިގެ ހިންގާ ކޮމެޓީގެ އުންމީދަކީ މިފަދަ ގިނަ މުބާރާތްތައް ގަމު ކެމްޕަހުގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވުމެވެ.






