ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީތަކުގެ މެދުގައި ބޭއްވި ބަހުސް މުބާރާތް އެމް.އެން.ޔޫ.ބީ.އެސް ކާމިޔާބު ކުރުމާއި ގުޅިގެން، ޓީމަށް މަރުޙަބާ ކިޔުމުގެ ގޮތުން ޙަފްލާއެއް ބާއްވައިފިއެވެ.
ޓީމުގެ ޝަރަފުގައި އެރުވުނު ހަވީރުގެ ސައިފޮދަކާއެކު ކުރިޔަށްދިޔަ މި ހަފްލާގައި ޓީމުގެ ކާމިޔާބީ ފާހަގަ ކުރުމަށް ޙާއްސަ ކޭކެއް ފެޅުންވެސް އޮތެވެ.
ފުރަތަމަ ފަހަރަށް މި މުބާރާތުގައި ބައިވެރިވެ، ބީ.އެސް ޓީމުން ހޯދި ތާރީޚީ ކާމިޔާބުގެ އަގު ވަޒަންކޮށް، ފެކަލްޓީ މެނޭޒްމެންޓްގެ އިތުރުން ޑީން ވަނީ ޓީމުގެ މެންބަރުންނަށާއި ކޯޗުކަން ކޮސްދެއްވި އަލްއުސްތާޛް އަލީ ރަޝީދު އަދި މެނޭޒަރ އަލީ ޔާމިންއަށް ހާއްސަ ޝުކުރެއް ހަދިޔާކުރައްވާފައެވެ.


މި ޙަފްލާގައި ބަހުސް ޓީމުގެ އިތުރުން ބީ.އެސް.އެސް.އޭގެ އެކްސްކޯގެ މެމްބަރުންނާއި އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަރުޝަދު އަޝްރަފުވެސް ބައިވެރިވެ ވަޑައިގަތެވެ. މިފަދަ ގޮތެއްގައި ފެކަލްޓީގެ މެނޭޒްމެންޓުން މީގެކުރިން ކާމިޔާބީ ފާހަގަކުރުމަށް ހަފްލާ ބާއްވައިފައި ނުވާކަމަށާއި ބީ.އެސްގެ މެނޭޒްމެންޓުން މިކަން ފާހަގަކުރީތީ އެކަމާ އުފާކުރާކަމަށް އަރުޝަދު މި ޙަފްލާގައި ވިދާޅުވިއެވެ. އަދި ދަރިވަރުން ކިޔެވުމަށް އެހާ ބުރަކޮށް މަސައްކަތް ކުރަމުންވެސް މުބާރާތައް ތައްޔާރުވުމަށް ވަގުތު ހުސްކޮށް ކާމިޔާބީއަށް ވާސިލުވާން ކުރި މަސައްކަތްވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މުބާރާތުގެ ޓީމު ތައްޔާރުކޮށްދެއްވުމުގައި އިސްކޮށް ހަރަކާތްތެރިވި ކޯޗަށާއި މެނޭޒާރގެ ހިތްވަރުވެސް ހާމަކޮށް އެކަމާ އުފާފާޅުކުރައްވާކަމަށް ވިދާޅުވިއެވެ.
ކޯޗާއި މެނޭޒަރުވެސް، މުބާރާތުގައި ބައިވެރިން ކުރެއްވި މިންނެތް މަސައްކަތާއި، އެމް.އެން.ޔޫ ބީ.އެސްގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން، ޝުކުރުވެރިކަމާއެކު ބަލައިގަނެ ހަފުލާގައި އެކަން ފާހަގަކުރިއެވެ.
ލިޔުނީ: ފާތިމަތު ޒަހްރާ (ބީ.އެސް.އެސް.އޭ، މީޑިއާ ކޯޑިނޭޓަރ)





