އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރުވެސް ބީ.އެސް.އެސް.އޭ އިން ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ އާތު އަވަރ ފާހަގަކޮށްފިއެވެ.
އާތު އަވަރ އަކީ ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މީހުން ހޭލުންތެރި ކުރުވައި، ތިމާވެށި ރައްކާތެރިކުރުމަށް ބާރުއަޅައި ހިތްވަރުދިނުމަށްޓަކައި ފާހަގަ ކުރާ ވަގުތެކެވެ. މި ހަރަކާތަކީ 2007 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މާރޗް މަހުގައި ބާއްވާ ހަރަކާތެކެވެ.
ރާއްޖޭގެ ބޮޑެތި ޖަމިއްޔާތަކާއި އިދާރާތަކާ އެއްގޮތަށް ބީ.އެސް.އެސް.އޭއިންވެސް އަންނަނީ ކޮންމެ އަހަރަކު މި ހަރަކާތުގައި ބައިވެރިވަމުންނެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން މިއަހަރު، އާތު އަވަރ ފާހަގަ ކޮށްފައިވަނީ ތަފާތު ގޮތަކަށެވެ. އެގޮތުން، ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުން މަނާކޮށްފައިވާތީ، މި ހަރަކާތް ބީ.އެސް.އެސް.އޭއިން ބާއްވާފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.
މިއަހަރުގެ އާތު އަވަރގައިވެސް، ބީ.އެސް.އެސް.އޭގެ ގިނަ ލީޑަރުންތަކެއް ވަނީ ބައިވެރިވެފައެވެ. އާތު އަވަރ ފާހަގަ ކުރުމަށް ކޮންމެ ލީޑަރަކުވެސް، ވަނީ އެލީޑަރެއްގެ ގޭގެ ނުވަތަ ކޮޓަރީގެ ބޮތްކެއް ނިއްވާލުމަށްފަހު، އުއްބަތި ދިއްލައި ފޮޓޯއާއި ވީޑިއޯ ނަގާފައެވެ. މި ފޮޓޯއާއި ވީޑިއޯތައް ބީ.އެސް.އެސް.އޭ ވައިބަރ ގުރޫޕަށް ލުމަށްފަހު، ހުރިހާ ލީޑަރުން ފޮނުވި ވީޑިއޯތައް ބޭނުންކޮށްގެން ވީޑިއޯއެއް ހެދުމަށްފަހު، ބީ.އެސް.އެސް.އޭގެ ފޭސްބުކް ޕޭޖުގައި މިހާރު ވަނީ އާއްމު ކޮށްފައެވެ.
ބީ.އެސް.އެސް.އޭ އަކީ އަބަދުވެސް އެއިރެއްގެ ހާލަތަކާއި ގުޅޭގޮތަކަށް ހަރަކާތްތައް ހިންގުމަށް އަބަދުވެސް މަސައްކަތްކުރާ ގޮތްޕެކެވެ. މިއަހަރުގެ ހާލަތު ހުރިގޮތުން ބީ.އެސް.އެސް.އޭއިން އާތު އަވަރ މިގޮތަށް ފާހަގަކުރިނަމަވެސް، ބީ.އެސް.އެސް.އޭގެ އުންމީދަކީ އަންނަ އަހަރުގެ އާތު އަވަރ ގިނަ ލީޑަރުންތަކަކާއެކު އެއްތަނެއްގައި ތިބެގެން ފާހަގަކުރުމެވެ.