ބީ.އެސް.އެސް.އޭ ފުޓްސަލް ޓޯނަމެންޓް 2021ގެ ފައިނަލް މެޗްތައް، 13 ނޮވެމްބަރ ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު ކުޅެން ހަމަޖެހިއްޖެއެވެ.
އަންހެން ޑިވިޝަން އަދި ފިރިހެން ޑިވިޝަންގެވެސް ފައިނަލް ކުޅެވިގެންދާއިރު، މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 20:00 ގައެވެ. ފައިނަލް މެޗްތައް ކުޅެވިގެންދާނީ، މި މުބާރާތުގެ އެހެން މެޗްތައްވެސް ކުޅެވިގެންދިޔަ މާފަންނު ޓާފް ދަނޑުގައެވެ.
އަންހެން ޑިވިޝަންގެ ފައިނަލްގައި ވާދަކުރަނީ އެފް.ސީ ކަނބަލުން އަދި ކަމަނަ އެފް.ސީ އެވެ. މި ދެޓީމް އަކީވެސް މިމުބާރާތުގައި އަންހެން ޑިވިޝަންއިން ބައިވެރިވި ހަމައެކަނި ދެޓީމްއެވެ. ފިރިހެން ޑިވިޝަންއިން ފައިނަލްގައި ވާދަކުރަނީ، ބެޗްލާރސް ޔުނައިޓެޑް އަދި 5ޖީ ފުޓްސަލް ނޭޝަންއެވެ. މި ދެޓީމްއަކީ، ފިރިހެން ޓީމްތަކުގެ މެދުގައި ލީގް އުސޫލުން ކުޅިގެން އެއްވަނަ އަދި ދެވަނައަށް ދިޔަ ޓީމްތަކެވެ.
ކޮވިޑް 19ގެ ސަބަބުން މިމުބާރާތުގައި ބައިވެރިވި ޓީމްތަކުގެ އަދަދު މިއަހަރުގައި ވަނީ މަދުވެފައެވެ. ސަބަބަކަށް ވެފައިވަނީ ކޮވިޑް 19ގެ ސަބަބުން އެމް.އެން.ޔޫ ބިޒްނަސް ސުކޫލްއަށް ވަން ކުދިންގެ އަދަދު މަދުވުމެވެ.





