ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަން (ބީ.އެސް.އެސް.އޭ)ގެ ހިންގާ ކޮމިޓީ އިން އެމް.އެން.ޔޫ ބިޒްނަސް ސްކޫލްުގެ ޑީންއާ ބައްދަލު ކޮށްފިއެވެ.
22 ފެބުރުވަރީ 2022 ވީ އަންގާރަ ދުވަހުގެ ހަވީރު 17:30 ގައި ބޭއްވިގެން ދިޔަ މި ބައްދަލުވުން އޮތީ ބިޒްނަސް ސްކޫލްގެ މީޓިންގް ރޫމްގައެވެ.
ކަންކަން ކުރިއާލާ ރާވާ ހިންގާ، ކޮންމެ ހަރަކާތަކުންވެސް ކުދިންނަށް ފައިދާހުރި ފޮނި ނަތީޖާ އެއް ނެރުމުގެ މަސައްކަތްކުރުމާމެދު މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. އަދި ބީއެސްއެސްއޭ ގެ އިތުރު ހަރަކާތްތަކުގެ ކަލަންޑަރު ހެދުމުގެ އަމަލީ މަސައްކަތް ބިޒްނަސް ސްކޫލް މެނޭޖްމެންޓް އާއި ގުޅިގެން ފެށުމުގެ ވާހަކަ ދެކެވުނެވެ. އަދި ކުރީ އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް މެނޭޖްމަންޓްގެ ފުރިހަމަ އެއްބާރުލުން ބީއެސްއެސްއޭ އަށް ލިބިގެންދާނެކަމުގެ ޔަގީންކަން ބިޒްނަސް ސްކޫލްގެ ޑީން އަބްދުއްރަހްމާން މުބާރިކް ވަނީ ދެއްވާފައެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ބައިވެރިވި ލެކްޗަރަރ ޝިނާޒާ މުހައްމަދު ވަނީ ކުޅިވަރު ޙަރަކާތްތަކުގެ އިތުރުން ޢިލްމީ ގިނަ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް އެދިލައްވާފައެވެ. ޝިނާޒާ މުޙައްމަދަކީ ބީއެސްއެސްއޭ އަށް ލަފާދޭ ބޭފުޅެއްކަމުގައި ބިޒްނަސް ސްކޫލުގެ މެނޭޖްމަންޓް އިން ރަސްމީކޮށް ވަނީ ހަމަޖައްސާފައެވެ.
އަދި ހަމަ އެއާއެކު ބީއެސްއެސްއޭގެ މިހާރުގެ ރައީސް އަހްމަދު ޝާހީ ފާހަގަކުރެއްވި ގޮތުގައި މި އަހަރުގެ ހަރަކާތްތައް ރާވާ ހިންގާއިރު ބޮޑަށް އިސްކަން ދޭނީ ހަރަކާތްތަކުގެ އަދަދު އިތުރުކުރުމަށްވުރެ، ފެންވަރު ރަނގަޅު ހަރުދަނާ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ކަމަށެވެ.
ބީ.އެސް.އެސް.އޭ އިން ހިންގާ ކޮންމެ ހަރަކާތްތެއްގައިވެސް ބިޒްނަސް ސްކޫލްގެ ޑީން އާއި އަދި މެނޭޖްމެންޓްގެ ފަރާތުން އަބަދުވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާކަން ފާހަގަ ކުރެވެއެވެ. ބީ.އެސް.އެސް.އޭގެ އަމާޒަކީ ކުރީ އަހަރެކޭ ވެސް އެއްފަދައިން މިއަހަރުވެސް އެންމެ ހަރަކާތްތެރި ގޮފީގެ މަގާމު ހޯދާ، އަދި އެ މަގާމު ކުރިއަށް އޮތްތާގައިވެސް ދެމެހެއްޓުމެވެ.





