ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ބާއްވާ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގައި ބައިވެރިވާ އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ އަންހެން އަދި ފިރިހެން ޓީމުގެ ޖޯޒީ އިފްތިތާހް ކޮށްފި އެވެ.
ރޭ އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ މީޓިންގ ރޫމުގައި ބޭއްވި މި ހަފްލާ ޝަރަފްވެރިކޮށްދެއްވާފައިވަނީ އެ ފެކަލްޓީގެ ޑީން އަބްދުއްރަހްމާން މުބާރިކު އެވެ.
ޖޯޒީ އިފްތިތާހް ކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ޑީން ވަނީ ޓީމަށް ކާމިޔާބީއަށް އެދިފައެވެ. އަދި ކޯޓުތެރޭގައި ރަނގަޅު އަޚުލާގެއް ގެންގުޅެ، މުބާރާތުން މޮޅުވާން އަޒުމު ކަނޑައެޅުމަށް އޭނާ ހިތްވަރު ދެއްވިއެވެ.
މީގެއިތުރުން، މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ބިޒްނަސް ސްކޫލް ސްޓޫޑަންޓް އެސޯސިއޭޝަންގެ ރައީސް މިޝަލް މޫސާ ވަނީ އެންމެން ގުޅިގެން މޮޅުވާން މަސައްކަތްކުރަން ހިތްވަރު ދެއްވާފައެވެ.
އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގައި ބިޒްނަސް ސްކޫލުން ކުޅޭ ފުރަތަމަ މެޗު އޮންނާނީ މިރޭ 8:00ގައެވެ. މި މުބާރާތް ކުރިއަށްދަނީ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޕީއީ ހޯލުގައެވެ.





