ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ބާއްވާ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގައި ބައިވެރިވާ އެމް.އެން.ޔޫ.ބީ.އެސް ޓީމުގެ ކުޅުންތެރިންނަށް ޖަރޒީ ހަވާލުކޮއްފިއެވެ.
އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ އޮޑިޓޯރިއަމްގައި ބޭއްވި މި ހަފްލާ ޝަރަފްވެރިކޮށްދެއްވާފައިވަނީ އެ އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފެވެ.
މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ފާހަގަކުރެވިފައިވާ އެމް.އެން.ޔޫ ބިޒްނަސް ސްކޫލުގެ ފިރިހެން ޓީމު ވަނީ މިހާތަނަށް ތިން ފަހަރެއްގެ މަތީން މުބާރާތް ކާމިޔާބުކޮށްފައެވެ. އަންހެން ޓީމު ވަނީ ފާއިތުވި އަހަރު ބޭއްވުނު މުބާރާތުގެ ޗެމްޕިއަންކަން ހާސިލް ކޮއްފައެވެ.
އެމް.އެން.ޔޫ.ބީ.އެސް ޓީމުގެ މެއިން ސްޕޮންސަރ ކެޕްޓަން މޯލްޑިވްސް، ކޯ ސްޕޮންސަރ އައި ކެއާ އޮޕްޓިކަލްސް އަދި ބްރޯންޒް ސްޕޮންސަރ ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސްގެ އިސްވެރިން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.
ޓީމާއި ގުޅޭ ގޮތުން ވާހަކަދައްކަމުން ބީ.އެސް.އެސް.އޭގެ ރައީސް މިޝަލް މޫސާ ބުނީ ދެޓީމުގެވެސް އަމާޒަކީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުން ކަމަށެވެ. މީގެ އިތުރުން މިޝަލް ޓީމަށް ނަސޭހަތް ދެމުން ވިދާޅުވެފައިވަނީ ދަނޑުމަތީ ޑިސިޕްލިން ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދައްކައި، މުބާރާތް ކާމިޔާބު ކުރުމަށެވެ. އަދި މިޝަލް ވަނީ ބީ.އެސް ދެޓީމުގެ ސްޕޮންސަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.
ޖަރޒީ ހަވާލު ކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ވައިސް ޗާންސެލަރ މުހައްމަދު ޝަރީފު ވަނީ ޓީމަށް ކާމިޔާބީއަށް އެދިފައެވެ. އަދި ދަނޑުމަތީގައި ރަނގަޅު އަޚުލާގެއް ގެންގުޅުމަށް ނަސޭހަތްތެރިވިއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބިޒްނަސް ސްކޫލްގެ ފިރިހެން ޓީމު ވާދަކުރަން ޖެހޭނީ ފެކަލްޓީ އޮފް އެޑިއުކޭޝަނާއެވެ. މި މެޗު އޮންނާނީ މާދަމާރޭ 22:00 ގައެވެ. އަންހެން ޓީމުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ހަވީރު 16:00 ގައި ނުކުންނާނީ އެމް.އައި ކޮލެޖާއި ދެކޮޅަށެވެ. މި މުބާރާތް ކުރިއަށްދަނީ ހުޅުމާލެ ރެހެންދި ޓާރފްގައެވެ.