އެމް.ޓީ.ސީ.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2023ގެ ޗެމްޕިއަންކަން އެމް.އެން.ޔޫ ބިޒްނަސް ސުކޫލުގެ އަންހެން އަދި ފިރިހެން ޓީމު ކާމިޔާބު ކުރުމާއި ގުޅިގެން ފެކަލްޓީ އިން މަރުހަބާ ކިޔުމުގެ ހަފްލާއެއް ބާއްވައިފިއެވެ.
އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ އޮޑިޓޯރިއަމްގައި 12 އޮކްޓޯބަރު 2023 ވީ, ބުރާސްފަތި ދުވަހު ބޭއްވުނު މިހަފްލާ ޝަރަފުވެރި ކޮއްދެއްވީ އެމް.އެން.ޔޫ ގެ ވައިސް ޗާންސެލަރ ޑރ.މުހައްމަދު ޝަރީފެވެ.
އެމް.އެން.ޔޫ ބިޒްނަސް ސުކޫލުގެ ޑީން އަބްދުއްރަހްމާން މުބާރިކް ވަނީ ދެ ޓީމުގެ ހުރިހާ ކުޅުންތެރިން، އޮފިޝަލުން، ކޯޗުން، ބީ.އެސް.އެސް.އޭ ގެ އެކްސޯ މެމްބަރުންނާއި، ލީޑަރސް ގުރޫޕް ދަރިވަރުން އަދި ސަޕޯޓަރުން ކުރެއްވި ބުރަ މަސައްކަތަށް ތައުރީފު ކުރައްވާފައިއެވެ.
މިހަފްލާގައި ވާހަކަފުޅުދައްކަވަމުން ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފު ވަނީ އެމް.އެން.ޔޫ.ބީ.އެސް ގެ ދެޓީމަށް މަރުހަބާ ދަންނަވާފައެވެ.
އެމް.އެން.ޔޫ ބިޒްނަސް ސުކޫލުގެ މެނޭޖްމެންޓުން ވަނީ ދެ ޓީމުގެ ހުރިހާ ބައިވެރިންނަށް ހަނދާނީ ލިޔުން ދީފައެވެ. މީގެ އިތުރުން ބީ.އެސް.އެސް.އޭގެ މެންޓަރ އަކަށް ފެކަލްޓީ ފަރާތުން ހަވާލުވެ މިދިޔަ އަހަރާއި މިއަހަރު ޝިނާޒާ މިސް ކޮއްދެއްވި އަގުހުރި މަސައްކަތް ބަލައިގަނެ ހަނދާނީ ލިޔުން ދީފައިވެއެވެ.
އެމް.އެން.ޔޫ.ބީ.އެސް ޓީމުގެ މެއިން ސްޕޮންސަރ ކެޕްޓަން މޯލްޑިވްސް، ކޯ ސްޕޮންސަރ އައި ކެއާ އޮޕްޓިކަލްސް އަދި ބްރޯންޒް ސްޕޮންސަރ ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސްގެ ފަރާތުން ލިބުނު އެހީތެރިކަން އަގުވަޒަންކޮށް ޝުކުރުގެ ލިޔުމެއްވެސް ވަނީ ދީފައިއެވެ.
ކާމިޔާބީ އާއި ގުޅޭގޮތުން ވާހަކަދައްކަމުން ބީ.އެސް.އެސް.އޭގެ ނައިބު ރައީސް (އިތުރު ހަރަކާތް) އަހްމަދު ސަމީހު ބުނެފައިވަނީ މިއަހަރު ދެޓީމު ހޯދި ކާމިޔާބީ އަކީ މިދިޔަ އަހަރުގެ މުބާރާތް ނިމުމާއެކު ފެށުނު މަސައްކަތުގެ އަގުހުރި ނަތީޖާ ކަމަށެވެ. މީގެ އިތުރުން މިއަދު އަޅުގަނޑުމެންގެ ޓީމުން ކުރިއަށްއޮތް މުބާރާތައް ތައްޔާރީތައް ފަށާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ފާހަގަކުރެވިފައިވާ އެމް.އެން.ޔޫ ބިޒްނަސް ސްކޫލުގެ ފިރިހެން ޓީމު ވަނީ މިހާތަނަށް ހަތަރު ފަހަރެއްގެ މަތީން މުބާރާތް ކާމިޔާބުކޮށްފައެވެ. އަންހެން ޓީމު ވަނީ ފާއިތުވި ދެ މުބާރާތުގެ ޗެމްޕިއަންކަން ހާސިލް ކޮށްފައެވެ.





