ބީ.އެސް.އެސް.އޭއިން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ ބީ.އެސް ނައިޓް، މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު، މިއަހަރު ބީ.އެސް ނައިޓް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ 20 އޮކްޓޯބަރ 2023 ވާ ހުކުރު ދުވަހުގެ ރޭގަނޑެވެ. މިއަހަރުގެ ބީ.އެސް ނައިޓްގެ ތީމްއަކީ ”ބޮލީވުޑް“ އެވެ. މި ޙަރަކާތް ކުރިޔަށްދާނީ އެމް.އެން.ޔޫ ބިޒްނަސް ސުކޫލްގެ އޮޑިޓޯރިއަމްގައެވެ.
އެމް.އެން.ޔޫގެ ހުރިހާ ފެކަލްޓީތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިގެންދާ މި ޙަރަކާތުގައި، ކޮންމެ ފެކަލްޓީއަކަށްވެސް ބޭނުންވާ އައިޓެމްއެއް ހުށަހެޅޭނެއެވެ. އޭގެ ތެރޭގައި ޑްރާމާ، ނުވަތަ ލަވައެއް ކިޔުން ނުވަތަ ނެށުމުގެ ޙަރަކާތެއްވެސް ހުށަހެޅިދާނެއެވެ. މީގެއިތުރުން އެމް.އެން.ޔޫ.އެސް.ޔޫ ބޮޑުބެރު ގްރޫޕުގެ ހުށަހެޅުންތައްވެސް ފެނިގެންދާނެއެވެ.

މިއަހަރުގެ ބީ.އެސް ނައިޓުގައިވެސް މިސްޓަ އަދި މިސިސް ބީ.އެސްގެ މަގާމަށް ހޮވޭ ދަރިވަރުންނަށް ތާޖު އެޅުވިގެންދާނެއެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު 17 އޮކްޓޯބަރ 2023ވާ އަންގާރަ ދުވަހުގެ 14:00 ހަމަޔަށް ވަނީ ހުޅުވިފައެވެ. އަދި މަގާމުތަކަށް ކުރިމަތިލީ ކުދިންތަކުގެ މެދުގައި ވޯޓުލުން ކުރިޔަށްދާނީ 18 އޮކްޓޯބަރ 2023ވާ ބުދަ ދުވަހުގެ 14:00 އިން 22:00 އަށް، އެމް.އެން.ޔޫ ބިޒްނަސް ސުކޫލުގައެވެ.
ބީ.އެސް ނައިޓްއަކީ އަބަދުވެސް ބީ.އެސް.އެސް.އޭއިން ވަރަށް ފޯރިގަދަކޮށް ކުރިޔަށް ގެންދާ ހަރަކާތެކެވެ. މިއަހަރުވެސް ބީ.އެސް ނައިޓްއަކީ ވަރަށް ތަފާތު އަދި ފޯރިގަދަކޮށް ދާނެ ހަރަކާތަކަށް ވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވެއެވެ.





