ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަނާއި ތަރަހަ ގުޅިގެން ބާއްވާ ބީއެސްއެސްއޭ-ތަރަހަ ފުޓްސަލް މުބާރާތުގެ ގުރުއަތު ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
މިރޭ އެމް.އެން.ޔޫ ސެންޓްރަލްގައި ބޭއްވި މި ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވާ 12 ޓީމުގެ މެދުގައި ވަނީ ގުރުއަތު ނަގާފައެވެ.
އެގޮތުން މުބާރާތުގެ ފުރަތަމަ މެޗުގައި ”އެފް.ސީ ޓުވެންޓީ ފޯ“ އާއި ”ގޮލެމް އެފް.ސީ“ ބައްދަލުކުރަން ހަމަޖެހިފައިވާއިރު، މުބާރާތުގައި ދެ ޑިވިޜަނެއްގައި 90 އަށްވުރެ ގިނަ ދަރިވަރުން ކުޅޭނެއެވެ.
އެފް.އޭ.އެމް ޓާފްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ފެށޭނީ ހުކުރު ދުވަހުގައެވެ. މުބާރާތުގެ ސަބަބުން ކުޅިވަރުގެ މައިދާނުގައި ދަރިވަރުންނަށް ގިނަ ފުރުސަތުތައް ފަހިކޮށްދެވޭނެކަމަށް ދެ ވިންގުންވެސް ގަބޫލުކުރެއެވެ.
ބީއެސްއެސްއޭ އަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލުގައި ގާއިމުކުރެވިފައިވާ ގޮތްޕެވެ. އަދި ތަރަހަ އަކީ ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒްގައި ގާއިމުކުރެވިފައިވާ ގޮތްޕެވެ.






