އެމް.އެން.ޔޫ ބިޒްނަސް ސްކޫލް ސްޓޫޑަންޓް އެސޯސިއޭޝަނާއި ތަރަހަ ގުޅިގެން ބާއްވާ ފުޓްސަލް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލައިފި އެވެ.
ދަރިވަރުންގެ ހުނަރު ކުރިއެރުވުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި މުބާރާތް ފަށާފައިވަނީ އިއްޔެ ހެނދުނުގައެވެ.
މުބާރާތުގައި ރޭ ކުޅުނު ގޮލެމް އެފް.ސީ އާއި އެސްޕަޑަ މެޗު ގޮލެމް އެފްސީ އިން ކާމިޔާބުކޮށްފައިވަނީ 8-1 ގެ ނަތީޖާއަކުންނެވެ. ގޮލެމް އެފްސީ އާއި އެރީ ކެޓީ ބޯއިސްގެ މެޗު އެރީ ކެޓީ ބޮއިސް އިން ކާމިޔާބުކޮށްފައިވަނީ 1-12ގެ ނަތީޖާއަކުންނެވެ. މީގެ އިތުރުން، ޓީމް ވީ އާއި އެރީ ކެޓީ ގާލްސްގެ މެޗު 3-3 އިން އެއްވަރުވެފައިވާއިރު އެސްޕަޑަ އެސްސީ އާއި ކަރާ އެފްސީގެ މެޗު އެސްޕަޑަ އެސްސީ އިން ކާމިޔާބުކޮށްފައިވަނީ 4-2ގެ ނަތީޖާއަކުންނެވެ.
މިއާއެކު މުބާރާތުގެ ފިރިހެން ޑިވިޜަނުން ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ މަޑުފެއްސާއި، އެފްސީ 24 އާއި އެސްޕަޑާ އެސް ސީ އާއި އެރީ ކެޓީ ބޯއިސްއެވެ. އަދި އަންހެން ޑިވިޜަނުން އެރީ ކެޓީ ގާލްސް އާއި ޓީމް ވީ ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ.
މި މުބާރާތުގައި 12 ޓީމަކުން ވަނީ ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދަނީ ދެ ޑިވިޜަނަކަށް ބަހާލައިގެންނެވެ. އަންހެން ޑިވިޝަނުގައި ތިން ޓީމު އަދި ފިރިހެން ޑިވިޝަނުގައި ނުވަ ޓީމު ވަނީ ބައިވެރިވެފައެވެ.
ބީއެސްއެސްއޭ އަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލުގައި ގާއިމުކުރެވިފައިވާ ގޮތްޕެވެ. އަދި ތަރަހަ އަކީ ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒްގައި ގާއިމުކުރެވިފައިވާ ގޮތްޕެވެ.





