ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ބިޒަނަސް ސްކޫލްގެ ގޮފި، ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަން (ބީ.އެސް.އެސް.އޭ) އިން އަހަރުގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ބާބަކިއު އެއް ބާއްވައިފިއެވެ.
މިއަހަރުގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ބޭއްވި މިބާބަކިއުގެ ތެރެއިން ފުޓްސެލް ފިއެސްޓާގައި ލިބުނު ކާމިޔާބީ ވެސް ވަނީ ފާހަގަ ކޮށްފައެވެ. މި ބާބަކިއު ގައި މުބާރާތުގައި ބައިވެރިވި ބީ.އެސް.އެސް.އޭގެ އަންހެން ޓީމާއި ފިރިހެން ޓީމްގެ އިތުރުން ބީ.އެސް.އެސް.އޭ ސްޓޫޑެންޓް އެސޯސިއޭޝަންގެ ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރި ވެފައެވެ.
މިހަރަކާތް ބާއްވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ބާބަކިއު އޭރިއާގައެވެ. ހަރަކާތް ނިންމާލައި ދަރިވަރުންނާއި މުހާތަބު ކުރަމުން ބީ.އެސް.،އެސް.އޭގެ ރައީސް މިޝަލް މޫސާ ވިދާޅުވީ، ބީ.އެސް.އެސް.އޭގެ ހަރަކާތްތަކަށް ކުދިން ދެއްވާ އެއްބާރުލުމާއި ލިބުނު ކާމިޔާބީއާ މެދު ފަހުރުވެރި ވާކަމުގައެވެ.
”ހުރިހާ ކުދިންގެ ފަރާތުން މިއަހަރުގައި ބޭއްވުނު އިވެންޓް ތަކަށް ދިން އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. މިއަހަރު ބޭއްވުނު ހުރިހާ އިވެންޓްތައް މިދިޔައީ އަސްލު ހީކުރި ވަރަށްވުރެ މާބޮޑަށް ވެސް ރަނގަޅަށް.“ މިޝަލް ވިދާޅުވިއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސެލް ފިއެސްޓާގައި ބީ.އެސް.އެސް.އޭގެ އަންހެން އަދި ފިރިހެން ޑިވިޝަނުން ވެސް ވަނީ ޗެމްޕިއަން ކަން ހޯދާފައެވެ.