ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ މުދައްރިސުންގެ ދުވަހަކީ މީލާދީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހެވެ. އެންމެ ފުރަތަމަ ދުނިޔޭގައި މުދައްރިސުންގެ ދުވަސް ފާހަގަ ކޮށްފައިވަނީ 5 އޮކްޓޯބަރ 1994 ވަނަ އަހަރުގައެވެ. ދިވެހިރާއްޖޭގައި މުދައްރިސުން ތަމްރީނު ކުރަމުންދާ އެންމެ ބޮޑު އިލްމީ ހިޔާ ކަމުގައިވާ ފެކަލްޓީ އޮފް އެޑިއުކޭޝަންގައި މުދައްރިސުންގެ ދުވަސް ފާހަގަ ކޮއްފައި ވަނީ 3 އޮކްޓޯބަރ 2018 ވަނަ ދުވަހުއެވެ.ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޕީއީ ހޯލް ގައި ހެނދުނު 8:45 ގައި ވަނީ ވަރަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.މި ރަސްމިއްޔާތުގައި ގައުމި ޔުނިވަރސިޓީގެ ޗާންސެލާރ ޑރ. މުހައްމަދު ލަތީފް، ވައިސް ޗާންސެލާރ ޑރ. އަލީ ފަވާޒް ޝަރީފް، ޑެޕިއުޓީ ވައިސް ޗާންސެލާރ ޑރ. މުއާވިޔަތު މުހައްމަދު، ޑެޕިއުޓީ ވައިސް ޗާންސެލާރ އައިޝަތު ޝާހީން އަދި ޑީން އޮފް ސްޓޫޑެންޓްސް ނާދިޔާ އަހްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން ފެކަލްޓީ އޮފް އެޑިއުކޭޝަން ގެ ޑީން މަރިޔަމް ފިޒާނާ ރަޝީދު އަދި ފެކަލްޓީގެ ލެކްޗަރާއިންނާއި ގިނަ އަދަދެއްގެ މުވައްޒަފުންނާއި ދަރިވަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއަހަރުގެ މުދައްރިސުންގެ ދުވަހައް ކަނޑައަޅަފައިވާ ޝިއާރަކީ “ ތައުލީމީ ހައްގު ހޯދައިދިނުމަކީ ތައުލީމީ ގާބިލު އެދުރުން ބިނާކުރުމެވެ“.


މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވެފައިވަނީ ގައުމެއް ހެޔޮ ކުރުމާއި ކުޅަދާނަކުރުމާއި ނުބައި ކުރުން އަދި އެ ގައުމެއްގެ ރައްޔިތުންނާނަކީ ގާބިލު ބަޔަކަށް ހެދުމުގައި ބޮޑު ދައުރެއް އަދާ ކުރެވޭނީވެސް ޓީޗަރުންނަށް ކަމަށެވެ.އެހެންކަމުން މުދައްރިސުންނަށް ވުމަށްޓަކައި ތަމްރީނު ވަމުންދާ ދަރިވަރުން މިކަމަށް ސާމާލުކަންދީ ހުރިހާ ގޮތަކުންވެސް ގައުމަށް ފައިދާހުރި ނަމޫނާ ދަރިވަރުންނަށް ވުމަށް ނަސޭހަތްތެރިވެ ލެއްވިއެވެ.
ޑރ. މުހައްމަދު ލަތީފް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ”މުދައްރިސުންގެ ޚިދުމަތުގެ ރޫހަކީ ލޯބި ކަމެވެ“. މާނައަކީ މުދައްރިސް ކަމުގެ ޚިދުމަތް ކުރުމުގައި ސްކޫލަށާއި ދަރިވަރުންނަށް އޮންނަ ލޯތްބާއި ކުލުނު ހުރިކަމުގައި ވާނަމަ މަގްސަދު ހާސިލު ވީއެވެ. މި ފަދަ މުދައްރިސުންނަށް ވުމަށް ހިއްވަރާއިއެކު މަސައްކަތް ކުރުމަށް ދަރިވަރުންނަށް ހިއްވަރުދެއްވާފައިވެއެވެ. ސްޓޫޑެންޓްސް ޑީން ނާދިޔާ އަހްމަދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ގައުމު ދެކެ ލޯބިވާ، ގައުމު ކުރިއަރުވަން މަސައްކަތް ކުރާ ނަމޫނާ ދަރިވަރުން ތަކަކަށްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މިހާރު މުދައްރިސުންނަށް ވުމައްޓަކައި ތަމްރީނު ވަމުންދާ ދަރިވަރުންނަކީ ޒަމާނީ އޮއިވަރުގައި ނުޖެހި، ދަރިވަރުންނަށް ރީތި ނަމޫނާ ދައްކުވައިދީ މުސްތަގުބަލުގައި ގައުމު ކުރިއެރުވުމުގައި ސާބިތުކަންމަތީ ތިބޭނެ ދަރިވަރުންތަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.


ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން މަރިޔަމް ފިޒާނާގެ ވާހަކަ ފުޅުގައި ދަރިވަރުންނާއި މެދު ވަރަށް ފޮނި އުންމީދު ތަކެއް ކުރައްވާކަން ހާމަ ކުރެއްވެވިއެވެ. ގައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓްސް ޔޫނިއަންގެ ރައީސް އަރުޝަދު އަޝްރަފް ދަރިވަރުންނާއި މުޚާތަބު ކުރައްވަމުން ވިދާޅުވެފައިވަނީ ދަރިވަރުންނަކީ އަމިއްލަ އަށް ލީޑާރޝިޕް ނަގަން ކެރޭ ކަންކަމުގައި ގިނަ ދަރިވަރުން ހަރަކާތްތެރިވެގެން އުޅޭނެ ދުވަހެއް އަބަދުވެސް ދެކެން ބޭނުންވާ ކަމަށެވެ. މިހާރު އެފަދަ މަންޒަރުތަށް ފެންނަލެއް ކުރިޔާ އަޅާ ބަލާއިރު ވަރަށް ބޮޑަށް އތުރުވެއްޖެ ކަމަށާ އަދި އެކަމާ ވަރަށޤ އުފާ ކުރައްވާ ކަމަށް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ޚާއްސަ ކޭކެއް ފެޅުން އޮތެވެ. މި ކޭކު ފަޅުއްވައިދެއްވާފައިވަނީ ރަސްމިއްޔާތުގެ ޝަރަފުވެރި އިއްޒަތްތެރީންނެވެ. މި ރަސްމިއްޔާތުގައި އެކި ގޮތްގޮތުން ފެސާ އަށް އެހީތެރިކަން ދެއްވާ ފަރާތްތަކަށް ހަނދާނީ ފިލާ ވަނީ އަރުވާފައެވެ. މިރަސްމިއްޔާތުގައި ވަނީ ދުވަހަށް ޚާއްސަކޮށްގެން މަރުހަބާގެ ލަވައެއް ހުށަހަޅައިދީފައެވެ. މިލަވައަށް އިތުރު ފުރިހަމަ ކަމެއް ގެނުވައިދިނީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރުންގެ ފަރި ހަރަކާތްތަކުންނެވެ.
ދަރިވަރުންނާއި ލެކްޗަރާއިން އެކުގައި ހެނދުނުގެ ސައިފޮދު ހިއްޕެވުމަށްފަހު އެކި ކުޅިވަރުތަށް ކުރިޔަށް ދިޔައެވެ.ތަފާތު އެކި ކުޅިވަރުތަށް ކުރިޔަށް ދިޔައިރު އެންމެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކުޅިވަރަކީ ފުއްޕާހަން ފައިގަ އެއްސުމަށްފަހު އަނެއް މީހާގެ ފައިގައި އައްސާފައިވާ ފުއްޕާހަމަށް ފައިން އަރައި ފަޅަން ޖެހޭ ކުޅިވަރަށެވެ. ކުޅިވަރުތަށް ކުރިޔަށް ގެންދިޔުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ދަރިވަރުންނާއި ލެކްޗަރާއިންގެ މެދުގައި އޮންނަ ގުޅުން ބޮޑަށް ބަދަހި ކުރުމުގެ އިތުރުން ކްލާސްރޫމް އިން ބޭރުގައި ދަރިވަރުންނާއި ލެކްޗަރާއިން މަޖާ ވަގުތުކޮޅެއް ހޭދަކޮއްލުމެވެ.
ލިޔުނީ: ޝަޒާރަތު ޝަރީފް (ފެސާގެ މީޑިއާ ކޯޑިނޭޓަރ)








