އަހަރު ނިންމާލުމުގެ ހަރަކާތެއްގެ ގޮތުން ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ހިންގާ ކޮމިޓީ (ފެސާ) އިން އިސްނަގައިގެން ”ހަވާސް ޝޯ“ ބާއްވައިފިއެވެ.އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުގެ ޝޯ ވެސް ބާއްވައިފައިވަނީ ފައުންޑޭޝަން ސްޓަޑީސް ގެ އޮޑިޓޯރިއަމްގައެވެ. މުދައްރިސުންގެ ދުވަހާއި ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތަކީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރުންގެ މެދުގައި ވަރަށް މަގުބޫލު ހަރަކާތެކެވެ. 3 އޮކްޓޯބަރ ވީ ބުދަ ދުވަހު މުދައްރިސުންގެ ދުވަހަށް ޚާއްސަކޮޢްގެން ބޭއްވި ޖަލްސާ އަށް ފަހު ”ހަވާސް ޝޯ“ ކުރިއަށް ގެންގޮސްފައިމިވަނީ 5 އޮކްޓޯބަރ 2018 ވަނަ ދުވަހުގެ ރޭގަނޑު 8:30 ގައެވެ.
2012 ވަނަ އަހަރުން ފެށިގެން ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރުންގެ މެދުގައި ކުލަގަދަކޮށް ފާހަގަ ކުރަމުން ދާ ”ހަވާސް ޝޯ“ އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ވަނީ އިތުރު ފެކަލްޓީތަކަށް ވެސް ދައުވަތު އަރުވާފައެވެ. އެގޮތުން ފެކަލްޓީ އޮފް ހެލްތު ސައިންސް (ހީލާރސް)، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލް (ބީ.އެސް.އެސް.އޭ) އަދި ސެންޓަރ ފޮ ފައުންޑޭޝަން ސްޓަޑީސް(ތަރަހަ)ގެ ދަރިވަރުންނަށް ވަނީ މި އަހަރުގެ ޝޯ ގައި އައިޓަމް ހުށަހެޅުމުގެ ފުރުސަތުދީފައެވެ. ޖުމްލައަކު 18 އައިޓަމް ހިމެނުނު މި ޝޯ ވެގެން ގޮސްފައިމިވަނީ ދަރިވަރުންގެ ފޮރުވިފައިވާ އެކި ހުނަރުތަށް ދައްކާލުމަށް ހުޅުވާލެވިފައިވާ ޝޯ އަކަށެވެ.
ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން، ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓްސް ޑީން އަދި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ބައެއް ލެކްޗަރާއިންވެސް ވަނީ މި ޝޯ ބައްލަވާލެއްވުމަށްޓަކައި ފައުންޑޭޝަން ސްޓަޑީސް ގެ އޮޑިޓޯރިއަމް އަށް ވަޑއިގެންފައެވެ. ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން މަރިޔަމް ފިޒާނާ ރަޝީދު ދަރިވަރުންނާއި މުޚާތަބު ކުރަޢްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ “ އެފް.އީ ސްޓައިލްގައި މިއަހަރުގެ ހަވާސް ޝޯ ބަލާލުމަށް ކެތްމަދުވަފައިވާ“ ކަމަށެވެ.
ލިޔުނީ: ޝަޒާރަތު ޝަރީފް ( ފެސާގެ މީޑިއާ ކޯޑިނޭޓާރ)






